ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން ކާޑެއްދޫ އެއާޕޯޓް އަތުލުން ސިވިލް ކޯޓުން ހުއްޓުވައިފި

ޖަސްޓިސް ބިލްޑިގ---ސަން ފޮޓޯ// މުހައްމަދު އަފްރާހް

ވިލާ އެއާ އިން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ މެދު ޝަރީއަތުން ވަކިގޮތެއް ކަނޑައަޅަންދެން ކާޑެއްދޫ އެއާޕޯޓް އަތުލުން ސިވިލް ކޯޓުން ހުއްޓުވައިފި އެވެ.

ސިވިލް ކޯޓުން މިއަދު ނެރުނު ވަގުތީ އަމުރުގައި ބުނެފައި ވަނީ ކާޑެއްދޫ އެއާޕޯޓް ހިންގުމަށް ވިލާ އެއާ ހަވާލުކުރުމަށް 2013 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ހަ ވަނަ ދުވަހު ސޮއިކޮށްފައިވާ އެއްބަސްވުން ބާތިލްކުރުމަށް ޓޫރިޒަމް މިނިސްޓްރީން ނޯޓިސް ފޮނުވާފައި ވަނީ އެއްބަސްވުމާ ޚިލާފަށް ކަމަށް ބުނެ އެކުންފިނިން މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.

އެ އަމުރުގައި ބުނެފައި ވަނީ އެއްބަސްވުން ބާތިލްކުރި ގޮތް ސައްހަ ކަމަށް ޝަރީއަތުން ކަނޑައެޅުމުގެ ކުރީގައި އެއްބަސްވުން ބާތިލްވާ ކަމަށް ބެލެވިގެން އަޅާ ފިޔަވަޅަކުން ނުކުންނަ ނަތީޖާއެއްގެ ސަބަބުން އިއާދަނުކުރެވޭ ވަރުގެ ގެއްލުމެއް ކުރިމަތިވާނަމަ އެ ގެއްލުމެއް ހުއްޓުވުމުގެ މައްޗަށް ޝަރީއަތުން ވަގުތީގޮތެއްގައި ފިޔަވަޅު އަޅައި ވަގުތީ އަމުރު ނެރުމަކީ ޝަރީއަތުންް ކުރަމުން އަންނަ ކަމެއް ކަމަށެވެ.

އެހެންކަމުން އެ މައްސަލަ ވަކިގޮތަކަށް ނިމެންދެން އެއްބަސްވުން ބާތިލްކުރުމަށް މިދިޔަ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހު ޓޫރިޒަމް މިނިސްޓްރީން ވިލާ އެއާއަށް ފޮނުވި ސިޓީ އަށް އަމަލުކުރުން ފަސްކުރުމަށް ސިޓީ އަށް އަމަލުކުރަންޖެހޭ ފަރާތްތަކާއި ޓޫރިޒަމް މިނިސްޓްރީގެ އިތުރުން ދިވެހި ސަރުކާރަށް އަންގައި ސިވިލް ކޯޓުން ވަނީ އަމުރުކޮށްފައވެ.

ރީޖިނަލް އެއާޕޯޓްސްގެ ޑިރެކްޓަރު ޖެނެރަލް ސާމީ އަގީލް "ސަން"އަށް ވިދާޅުވީ ކާޑެއްދޫ އެއާޕޯޓު ހިންގަން ވިލާ އެއާ އާ ހަވާލުކުރީ ސިވިލް އޭވިއޭޝަންގެ ގަވާއިދުތަކާ އެއްގޮތަށް ހިންގުމަށް ކަމަށެވެ. ނަމަވެސް ގަވާއިދުތަކާ އެ ކުންފުނިން ޚިލާފުވެފައި ވާތީ އެއާޕޯޓް ކުއްޔަށްދިން އެގްރީމެންޓް މިއަދު ބާތިލްކޮށްފައިވާ ކަމަށް ސާމީ ވިދާޅުވި އެވެ. ނަމަވެސް ވިލާއެއާ އިން ވަނީ އެކަމަށް އިންކާރުކޮށްފައެވެ.

comment ކޮމެންޓް