އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ވިލާ ގޭހުން، އާންމުންނަށް ގޭސް ވިއްކާ އަގު ބޮޑުވާނެ ކަމަށް ވިލާ ހަކަތައިން މިރޭ ބުނެފިއެވެ.
ވިލާ ހަކަތައިން ބުނި ގޮތުގައި، ބުރާސްފަތި ދުވަހާ ހަމައަށް މިހާރު ވެސް ވިއްކާ އަގުތަކުގައި ގޭސް ވިއްކާނެއެވެ. ނަމަވެސް އޭގެ ފަހުން، އަގުތައް ބޮޑުވާނެ ކަމަށް ވިލާ ހަކަތައިން ބުންޏެވެ.
މިހާރު ހުރި އަގުތަކަށް ބަލާއިރު 10 ކިލޯގެ ގޭސް ފުޅިއެއް ވިއްކަނީ 200 ރުފިޔާއަށެވެ. އަދި 20 ކިލޯގެ ގޭސް ފުޅިއެއް މިހާރު ލިބެނީ 350 ރުފިޔާއަށެވެ.
ނަމަވެސް ބުރާސްފަތި ދުވަހުން ފެށިގެން 10 ކިލޯގެ ގޭސް ފުޅިއެއް ދެން ވިއްކާނީ 350 ރުފިޔާއަށެވެ. އަދި 20 ކިލޯގެ ގޭސް ފުޅިއެއް ވިއްކާނީ 650 ރުފިޔާއަށެވެ.
ނަމަވެސް ވިލާ ގޭހުން ވިއްކާ އެންމެ ކުޑަ ފުޅި ކަމަށްވާ ފަސް ކިލޯގެ ގޭސް ފުޅިއެއްގެ އަގު ދެން ބޮޑުކުރާނީ ކިހާ މިންވަރަކަށް ކަމެއް ނޭނގެއެވެ.
ގޭހުގެ ސަޕްލައިއަށް އަންނަ ބަދަލުތަކަކާ ގުޅިގެން ރާއްޖެއަށް ގޭސް އެތެރެކުރާ މޯލްޑިވް ގޭސްއާއި ވިލާ ގޭސްއިން އަބަދުވެސް ކޮންޓްރޯލް ކޮށްގެން ގޭސް ވިއްކުމަކީ ކުރިން ވެސް ކުރާ ކަމެކެވެ. އެގޮތުން މޯލްޑިވް ގޭސްއިން ވަނީ މިދިޔަ މަހުގެ 15ގައި ވެސް ގޭސް ވިއްކާ މިންވަރު ލިމިޓްކޮށްފައެވެ.
މޯލްޑިވް ގޭސްއިން ގޭސް ވިއްކާ މިންވަރު ލިމިޓް ކޮށްފައިވާއިރު, ތެލާއި ކާޑުގެ ބާވަތްތަކާއި އަސާސީ ތަކެތި ލިބުމުގައި ދަތިކަމެއް ކުރިމަތި ނުވާނެ ކަމަށް މި ފަހުން ވެސް ރައީސް ޑރ. މުޙައްމަދު މުއިއްޒާއި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވަނީ ވިދާޅުވެފައެވެ.
ފާހަގަކުރެވޭ ގޮތުގައި މި ރަމަޟާން މަސް ފެށުމުގެ ކުރިން ވެސް މޯލްޑިވް ގޭސްއިން ވަނީ ގޭސް ވިއްކާ މިންވަރު މަދުކޮށްފައެވެ. އަދި ޑެލިވަރީ ވެސް ވަރަށް ބޮޑަށް ލަސްވެގެން ދިޔައެވެ.