ކާބޯތަކެތީގެ އަގު ބޮޑުކުރާކަން ނޫޅެން، ގޭހުގެ އަގު ބޮޑުކުރަން ވެސް ފުރުސަތެއް ނުދޭނަން: ސައީދު

އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު: ވިދާޅުވީ، ގޭހުގެ އަގު ބޮޑުވާކަށް ސަރުކާރުން ފުރުސަތެއް ނުދޭނަން، އަސާސީ ކާބޯތަކެތީގެ އަގުބޮޑުކުރުމަކީ ސިޔާސަތެއް ނޫން ކަމަށް -- ފޮޓޯ/ އިކޮނަމިކް މިނިސްޓްރީ

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ރާއްޖޭގައި ގޭހާއި އަސާސީ ކާބޯތަކެތީގެ އަގު ބޮޑުވިޔަ ނުދިނުމަށް ސަރުކާރުން މަސައްކަތްކުރަމުންދާކަން ހާމަކުރައްވާފައެވެ. ބައިނަލްއަގުވާމީ ބާޒާރުގައި ގޭހުގެ އަގު އުފުލެމުންދާތީ ވިލާ ގޭހުން އަގު ބޮޑުކުރަން ނިންމި ނަމަވެސް، އެސްޓީއޯ އަދި ވިލާއާ ގުޅިގެން އަގުތައް ކޮންޓްރޯލް ކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ. އިންތިޚާބަށްފަހު ތަކެތީގެ އަގު ބޮޑުވާނެކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، ސަރުކާރުން އަބަދުވެސް އިސްކަންދެއްވާނީ ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމަށް ކަމަށް މިނިސްޓަރު ޔަގީންކަން ދެއްވިއެވެ.

  • ގޭހާއި އަސާސީ ކާބޯތަކެތީގެ އަގު ބޮޑުވިޔަ ނުދިނުމަކީ ސަރުކާރުގެ އަމާޒު
  • ބައިނަލްއަގުވާމީ ބާޒާރުގައި އަގު އުފުލުނަސް ރާއްޖޭގައި އަގު ހިފެހެއްޓުން
  • ވިލާ ގޭހާއި އެސްޓީއޯއާ މަޝްވަރާކޮށްގެން ހައްލުތަކެއް ހޯދުން
  • އިންތިޚާބަށްފަހު މުދަލުގެ އަގުތައް ބޮޑުވާނެކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރުން

ރާއްޖޭގައި ގޭހުގެ އަގުބޮޑުވާން ސަރުކާރުން ފުރުސަތެއް ނުދޭނެ ކަމަށާއި އަސާސީ ކާބޯތަކެތީގެ އަގުބޮޑުކުރުމަކީ މި ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށް, އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

މި އަހަރު ތެރޭގައި، އެސްޓީއޯގެ ސަބްސިޑަރީ މޯލްޑިވް ގޭސްއިން ދެ ފަހަރެއްގެ މަތިން ގޭސް ކޮންޓްރޯލް ކޮށްގެން ވިއްކައިފައިވެއެވެ. އަދި ގިނަ ބަޔަކަށް މަދުން ގޭސް ލިބުމާއި، ގޭސް ލިބުން ލަސްވުމުގެ ޝަކުވާތައް ފާއިތުވި މަސްތަކުގައި އިތުރުވެފައިވެއެވެ.

https://sun.mv/220230

އޭގެފަހުން، އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ވިލާ ގޭހުގެ އަގު ބޮޑުކުރަން ވަނީ ނިންމާފައެވެ.

އެ ބަދަލުތައް ގެންނަން ފަށައިފައިވަނީ، މިދިޔަ ފެބްރުވަރީ މަހުގެ 28 ވަނަ ދުވަހު، އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައާ ގުޅިގެންނެވެ. އޭގެ ސަބަބުން، މެދުއިރުމަތިން ތެލާއި ގޭސް އުފުލުމަށް ހުރަސްތައް ކުރިމަތިވެ، ދުނިޔޭގެ ބާޒާރުގައި އެ ތަކެތީގެ އަގުވަނީ އުފުލެން ފަށައިފައެވެ.

މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، ވިލާ ގޭހުގެ އަގު ބޮޑުކުރަން ނިންމިކަން އެނގިވަޑައިގަތީ ނޫހުން ކަމަށެވެ.

ވިލާ ގޭސް: މިނިސްޓަރު ވިދާޅުވީ، ގޭހުގެ އަގު ބޮޑުވާކަށް ސަރުކާރުން ފުރުސަތެއް ނުދޭނެ ކަމަށް -- ސަންފޮޓޯ/ ނާއިލް ހުސައިން

އެ ކަން އެނގުނު ހިސާބުން ވިލާގެ މެނޭޖިން ޑައިރެކްޓަރު އިބްރާހިމް ސިޔާދް ގާސިމްއާ ވާހަކަދައްކަވައިގެން އެ މައްސަލަ ދެނެގަތުމަށް މަސައްކަތް ކުރެއްވި ކަމަށް ސައީދު ވިދާޅުވިއެވެ.

މީގެއިތުރުން، ވިލާއާއި އެސްޓީއޯއަށް ގޭހުގެ އާ ޝިޕްމަންޓެއް މިރޭ ލިބޭނެކަން ސައީދު ވަނީ ހާމަކުރައްވާފައެވެ.

މިނިސްޓަރު ވިދާޅުވީ، ގޭހުގެ އަގު މެނޭޖުކުރުމުގައި ހެދޭނެ ގޮތްތަކާ މެދު އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމާއެކު މިއަދު ވަރަށް ގިނައިރު މަޝްވަރާ ކުރެއްވި ކަމަށެވެ. މިގޮތުން، ފަންނީ ބޭފުޅުންނާ ހަވާލާ ދެއްވައި ސައީދު ވިދާޅުވީ، ބައިނަލްއަގުވާމީ ބާޒާރުގައި ގޭހުގެ އަގު ކަނޑައަޅަނީ މަހަކު އެއް ފަހަރު ކަމަށެވެ.

ބައެއް ގައުމުތަކަށް ބަލާއިރު، ސައުދީގެ ތެޔޮ ކުންފުނި އަރަމްކޯގައި ގޭސް ޓަނެއް ވިއްކަނީ ގާތްގަނޑަކަށް 775 އެމެރިކާ ޑޮލަރަށެވެ. މިގޮތުން، އެސްޓީއޯއިން މި މަހު ގޭހުގެ އަގު ކަނޑައެޅުމުގައި ބަލާފައި ވަނީ އެ ގައުމުގެ އަގުތަކަށް ކަމަށާއި ގޭހުގެ އަގު ކަނޑައެޅުމުގައި އޮންނަ މުއްދަތު ދިގުލާ ކަމަށް ސައީދު ވިދާޅުވިއެވެ.

އިތުރަށް ސައީދު ވިދާޅުވީ، ރާއްޖެއަށް ގޭސް ގެނައުމުގައި އާޖެންޓީނާ މާކެޓު ވަރަށް ބޮޑު ދައުރެއް އަދާކުރާ ކަމަށާއި ފަހުން އަގުތައް ކަނޑައެޅިއިރު ގޭހުގެ އަގުތައް ބޮޑުވެފައި ހުރީ ބައިނަލްއަގުވާމީ ބާޒާރުގައި ކަމަށެވެ.

ގޭހުގެ މައްސަލައިގައި ވިލާއާއި އެސްޓީއޯއާ ވާހަކަދައްކައިގެން ގޮތްތަކެއް ކަނޑައެޅެން އެބަހުރި ކަމަށް މިނިސްޓަރު ވިދާޅުވި ނަމަވެސް އެ ކަމުގެ ތަފުސީލެއް ނުދެއްވައެވެ.

އަސާސީ ކާބޯތަކެތި ބާޒާރަށް ނެރެ އެސްޓީއޯއިން ވިއްކަން ފެށުން: މިނިސްޓަރު ވިދާޅުވީ، އަސާސީ ކާބޯތަކެތީގެ އަގުބޮޑުކުރުމަކީ ސިޔާސަތެއް ނޫން ކަމަށް ---- ފޮޓޯ/ އެސްޓީއޯ

އިންޝާﷲ [ގޭހުގެ] އަގުބޮޑުވާކަށް ކިރިޔާ ވެސް ފުރުސަތެއް އޮވެއްޖިއްޔާ އެކަމެއް ވިޔަކަ ނުދޭނަންއިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު

އޭގެއިތުރަށް، އިންތިޚާބަށް ފަހު ތަކެތީގެ އަގުތައް އުފުލޭނެ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރާ ވާހަކައަށް ވެސް ސައީދު ރައްދުދެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ، އިންތިޚާބަށް ފަހު އަސާސީ ކާބޯތަކެތީގެ އަގު ބޮޑުކުރުމަކީ ދޮގެއް ކަމަށާއި ކޮންމެ ހާލަތެއްގައި ވެސް އެ ބާވަތްތައް ފޯރުކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްކަން ދެއްވާ ކަމަށެވެ.

މި ސަރުކާރުގެ ޕްރައޯރިޓީއެއް ނޫން ރައްޔިތުންގެ އަސާސީ [ކާބޯތަކެތީގެ] ބާވަތްތައް އަގުބޮޑުކުރުމަކީއިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު

މިނިސްޓަރު ވަނީ، ކާބޯތަކެތީގެ އަގަށް އަންނަ ބަދަލުތައް ބަލަމުން އަންނަ ކަމަށާއި އެގޮތުން، ބާޒާރުގައި ވިއްކާ 164 ބާވަތެއްގެ މުދަލުގެ ހާލަތާއި އަގުތައް ކޮންމެ ދުވަހަކު ބަލާކަން ފާހަގަކުރައްވާފައެވެ.

comment ކޮމެންޓް