އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ބާތިލްކޮށްފި

އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ---- ސަން ފައިލް ފޮޓޯ

ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރަން ކުރިން ހުށަހެޅި ފޯމުތައް އިލެކްޝަންސް ކޮމިޝަނުން ބާތިލު ކުރުމުން އެ ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހައިކޯޓަށް ހުށަހެޅި މައްސަލަ ބާތިލްކޮށްފިއެވެ.

ހައިކޯޓުގެ އިންފޮމޭޝަން އޮފިސަރު އަމީން ފައިސަލް މިއަދު ސަން އަށް ވިދާޅުވީ މިއަދު ބޭއްވި އަޑުއެހުމަށް ގަޑިޖެހުނު އިރުވެސް، އެ މައްސަލައިގައި އެމްޑީޕީން ވަކާލާތު ކުރައްވާ އަނަސް އަބްދުއްސައްތާރު ކޯޓަށް ހާޒިރުވެވަޑައިގެންފައިނުވާ ކަމަށެވެ.

އެމްޑީޕީއިން ކޯޓަށް ހުށަހެޅި މައްސަލައިގައި މިއަދަށް ތާވަލުކުރި އަޑުއެހުމުގެ ގަޑި ޖެހުނުއިރު ވެސް އެމްޑީޕީގެ ވަކީލް އަނަސް އަބްދުލް ސައްތާރު ކޯޓަށް ހާޒިރުވެފައެއް ނުވެ އެވެ. ވަކީލް އަނަސްއާ ނުލައި މައްސަލައިގެ އަޑުއެހުން ފެށުމަށްފަހު، މައްސަލައިގައި ރިޔާސަތު ބަލަހައްޓަވާ ފަނޑިޔާރު އަލީ ސަމީރު ވަނީ އަލުން އެ މައްސަލަ ހުށަނޭޅޭ ގޮތަށް މައްސަލަ ބާތިލުކުރުމަށް ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ.

އެހެންކަމުން ހައިކޯޓުގެ ގަވާއިދުގެ ދަށުން އެ މައްސަލަ ބާތިލްކޮށްފައިވާ ކަމަށް އަމީން ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބާއްވާނެ ކަމަށް ކުރިން އިލެކްޝަނުން ބުނި ތާރީހަކީ މި މަހު 14 އެވެ. ނަމަވެސް އެ ތާރީހު އަންނަ އޭޕްރީލް އަށް ވަނަ ދުވަހަށް ފަސްކޮށް އިންތިހާބުގައި ވާދަކުރަން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ފޯމުތައް ވެސް އެ ކޮމިޝަނުން ވަނީ ބާތިލުކޮށްފައެވެ.

އެ މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ދައުލަތުން ވަނީ އެ މައްސަލަ ހައިކޯޓަށް ނުބެލޭނެ ކަމަށް ބުނެ އިޖުރާއީ ނުކުތާއެއް ނަގާފައެވެ.

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރަން ސިވިލް ކޯޓުން ހުކުމް ކުރީ ވެރިކަން ކުރާ ޕާޓީ ޕީޕީއެމުން ހުށަހެޅި މައްސަލަ ބެލުމަށް ފަހު އެވެ. އެއީ ޕާޓީގެ އެތެރޭގެ މައްސަލަތަކާ ގުޅިގެން އިންތިހާބަށް ވާދަކުރަން ޕީޕީއެމަށް ތައްޔާރު ނުވެވުމުގެ ސަބަބުންނެވެ.

comment ކޮމެންޓް