ދާހިލީ ޚަނގުރާމައިގެ ސަބަބުން ސޫރިއާގެ ސުންނާފަތިވެފައިވާ ހަލްބް ސިޓީގައި ފަސް އަހަރަށް ފަހު ރަސްމީ ސިފައެއްގައި ފުޓްބޯޅަ މެޗެއް ކުޅެފި އެވެ.
ހަލްބްގެ ރިޔާދް އަލް ޝަބާބް ސްޓޭޑިއަމްގައި މިދިޔަ ހޮނިހިރު ދުވަހު ކުޅުނު އެ މެޗުގައި ބައްދަލުކުރީ ސީރިއާގެ ލީގް ހަ ފަހަރު ކާމިޔާބުކޮށްފައިވާ އަލް އިއްތިހާދު އާއި ހޮރިއްޔާ އެވެ. ސަލާމަތީ ފިޔަވަޅު ވަރުގަދަކޮށް ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު އެމެޗު 1-2ގެ ނަތީޖާ އަކުން ކާމިޔާބު ކުރީ އަލް އިއްތިހާދު އެވެ.
ފިނި މޫސުމުގެ ސަބަބުން ދަނޑުގެ ވިނަގަނޑު އެއްކޮށްކަހަލަ ގޮތަކަށް މަރުވެފައިވާ ސަބާބް ސްޓޭޑިއަމްގައި މެޗު ކުޅުނު އިރު ވަށައިގެން ފެންނަން ހުރީ ބޮން އަޅައި ސުންނާފަތިވެފައި ހުރި އިމާރާތްތަކެވެ.
ހަލަބަކީ މީގެ ކުރިން ފުޓްބޯޅައިގެ ފޯރި ގަދަ ސިޓީއެކެވެ. ނަމަވެސް 2011 ވަނަ އަހަރު ސީރިއާގެ ސަރުކާރާ އިނދިކޮޅު ފަރާތްތަކާ ދެމެދު ބަދަލުކުރެވެން ފެށި ހަމަލާތަކުގެ ސަބަބުން މިދިޔަ ހޮނިހިރު ދުވަހާއި ހަމައަށް އެ ސިޓީގެ ފުޓްބޯޅަ އޮތީ މުޅިންހެން ހުއްޓިފަ އެވެ. ހަލަބްގެ އިތުރުން ސީރިއާގައި މިހާރު ރަސްމީކޮށް ފުޓްބޯޅަ ކުޅެނީ ދެ ސިޓީގަ އެވެ. އެއީ މިހާރު އެގައުމުގެ ލީގް ކުރިއަށް ގެންދާ ދިމިސްގް އާއި ލަޓަކިއާގަ އެވެ.
މިދިޔަ މަހު ސީރިއާގެ ސަރުކާރުން ވަނީ އިދިކޮޅު ފަރާތްތަކުގެ އަތުން ހަލަބްގެ ކޮންޓްރޯލް ހޯދައިފަ އެވެ. އަދި މިހާރު ދަނީ މަޑުމަޑުން ހަލަބަށް އާންމުން ހިޖުރަކުރަމުންނެވެ.