އެތުލެޓިކޯ ސެމީއަށް، ރެއާލް މުބާރާތުން ކަޓައިފި

ކޮޕާ ޑެލްރޭގެ ކުއާޓާގެ ދެވަނަ ލެގުގައި ރެއާލްއާއި ސެލްޓާ ބައްދަލުކުރި މެޗުގެ ތެރެއިން: އެމެޗު ނިމިގެންދިޔައީ 2-2 ލަނޑުން ދެޓީމު އެއްވަރުވެގެން --- ފޮޓޯ/ އޭޕީ

ކޮޕާ ޑެލްރޭގެ ސެމީ ފައިނަލުން އެތުލެޓިކޯ މެޑްރިޑް ޖާގަ ހޯދި އިރު، ރެއާލް މެޑްރިޑް މުބާރާތުން ކަޓައިފި އެވެ.

އެތުލެޓިކޯ އިން ސެމީގެ ޖާގައެއް ކަށަވަރު ކުރީ ރޭ ކުޅުނު ކުއާޓާގެ ދެވަނަ ލެގު މެޗުގައި އައިބާ ހިފެހެއްޓުމަށްފަހު އެވެ. ރަށުން ބޭރުގައި ރޭ ކުޅުނު މެޗު 2-2 ލަނޑުން އެއްވަރުވި އިރު، ސެމީއަށް އެތުލެޓިކޯ ދަތުރުކުރީ 5-2 ލަނޑުގެ އެގްރިގޭޓުން ކުރި ހޯދައިގެންނެވެ.

ކޮޕާ ޑެލްރޭގެ ކުއާޓާގެ ދެވަނަ ލެގުގައި އެތުލެޓިކޯއާއި އައިބާ ބައްދަލުކުރި މެޗުގެ ތެރެއިން: އެމެޗު ނިމިގެންދިޔައީ 2-2 ލަނޑުން ދެޓީމު އެއްވަރުވެގެން ---

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި އެއްވަރުވެގެން ނިމުނު ނަމަވެސް، ދެވަނަ ހާފު ފެށިތާ ހަތަރު މިނެޓް ފަހުން އެތުލެޓިކޯ އިން ވަނީ ލަނޑެއްޖަހައި ލީޑު ހޯދައިފަ އެވެ. ނިކޮލަސް ގައިޓާން ދިން ބޯޅައަކުން އެތުލެޓިކޯއަށް އެލަނޑު ކާމިޔާބުކޮށްދިނީ ހޯސޭ ޖިމެނޭޒް އެވެ.

މެޗުގެ 73 ވަނަ މިނެޓުގައި އައިބާ އިން ވަނީ ލަނޑެއްޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. އައިބާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ފެނިގެން ދިޔަ ސާޖީ އެންރިޗް އެވެ.

ކޮޕާ ޑެލްރޭގެ ކުއާޓާގެ ދެވަނަ ލެގުގައި އެތުލެޓިކޯއާއި އައިބާ ބައްދަލުކުރި މެޗުގެ ތެރެއިން: އެމެޗު ނިމިގެންދިޔައީ 2-2 ލަނޑުން ދެޓީމު އެއްވަރުވެގެން ---

މެޗުގެ ފަހު ދިހަ މިނެޓްތެރޭ ދެ ޓީމުގެ ފަރާތުން ވެސް ލަނޑެއް ފެނިގެންދިޔަ އެވެ. މެޗުގެ 80 ވަނަ މިނެޓުގައި އައިބާއަށް ޕެޑްރޯ ލިއޯން ލީޑު ހޯދައިދީފައި ވަނިކޮށް، މެޗުގެ 85 ވަނަ މިނެޓުގައި އެތުލެޓިކޯއަށް ނަތީޖާ ހަމަހަމަކޮށްދިނީ ހުއާންފްރާން އެވެ.

ކުއާޓާގެ ދެވަނަ ލެގު މެޗުގައި ސެލްޓާ ވިގޯ އަތުން 2-2 ލަނޑުން އެއްވަރުވުމުން ރެއާލް ވަނީ މުބާރާތުން ކަޓައިފަ އެވެ. ސެލްޓާއިން ސެމީގެ ޖާގައެއް ހޯދީ 4-3 ލަނޑުގެ އެގްރިގޭޓަކުން ކުރި ހޯދައިގެންނެވެ.

ކޮޕާ ޑެލްރޭގެ ކުއާޓާގެ ދެވަނަ ލެގުގައި ރެއާލްއާއި ސެލްޓާ ބައްދަލުކުރި މެޗުގެ ތެރެއިން: އެމެޗު ނިމިގެންދިޔައީ 2-2 ލަނޑުން ދެޓީމު އެއްވަރުވެގެން --- ފޮޓޯ/ އޭޕީ

މެޗުގެ ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް، ސެލްޓާއަށް ވަނީ ލީޑު ލިބިފަ އެވެ. އެލަނޑަކީ ރެއާލްގެ ޑިފެންޑަރު ޑެނީލޯ އަތުން ބައިކޮޅަށް ވަން ލަނޑެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ލަނޑުން ސެލްޓާ ކުރީގައި އޮވެގެންނެވެ.

މެޗުގެ 62 ވަނަ މިނެޓުގައި ރެއާލުން ވަނީ ލަނޑެއްޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. އެލަނޑު ރެއާލަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. އޭގެ މާގިނައިރުތަކެއް ނުވެ، ރެއާލަށް ލީޑު ނަގާނެ ރަނގަޅު ފުރުސަތެއް ވެސް ލިބިގެންދިޔަ އެވެ. ނަމަވެސް ޓޯނީ ކްރޫސް ނަގައިދިން ހިލޭ ޖެހުމަކުން ސާޖިއޯ ރާމޯސް އުފެއްދި ހަމަލާ، ގޯލާ އަމާޒުވެފައެއް ނުވެ އެވެ.

ކޮޕާ ޑެލްރޭގެ ކުއާޓާގެ ދެވަނަ ލެގުގައި ރެއާލްއާއި ސެލްޓާ ބައްދަލުކުރި މެޗުގެ ތެރެއިން: އެމެޗު ނިމިގެންދިޔައީ 2-2 ލަނޑުން ދެޓީމު އެއްވަރުވެގެން --- ފޮޓޯ/ އޭޕީ

މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ސެލްޓާގެ ޑެނިއެލް ވާސް އެޓީމަށް އަލުން ލީޑު ހޯދައިދިން އިރު، މެޗުގެ އެންމެ ފަހު މިނެޓުގައި ދެވަނަ ފަހަރަށް ރެއާލަށް ނަތީޖާ ހަމަހަމަކޮށްދިނީ ލޫކަސް ވަޒްކުއޭޒް އެވެ. އެމެޗުން އެއްވަރުވި ނަމަވެސް، ރެއާލްގެ އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ ލެގު މެޗުގައި ސެލްޓާ އަތުން ބަލިވެފައިވުމުން އެޓީމަށް ސެމީގެ ޖާގައެއް ލިބިފައެއް ނުވެ އެވެ.

comment ކޮމެންޓް