ސައުތު ޗައިނާ ސީގެ ޖަޒީރާތައް ޗައިނާ އަށް ލިބުނަ ނުދޭނަން: އެމެރިކާ

ދެކުނު ޗައިނާ ކަނޑުގެ ޖަޒީރާއެއް -- ފޮޓޯ/ އޭޕީ

ޚިލާފު އުފެދިފައިވާ، ދެކުނު ޗައިނާ ކަނޑު (ސައުތު ޗައިނާ ސީ)ގެ ޖަޒީރާތަކަކީ ވަކި ގައުމަކަށް ނިސްބަތް ނުވާ ތަނެއް ކަމަށާއި ޗައިނާ އިން އެ ޖަޒީރާތައް އެ ގައުމުގެ ދަށަށް ގެންދިޔަ ނުދޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބުނެފި އެވެ.

ދެކުނު ޗައިނާ ކަނޑު (ސައުތު ޗައިނާ ސީ)ގެ މައްސަލައަކީ އިރުމަތީ އޭޝިއާގެ ގިނަ ގައުމުތަކެއްގެ މެދުގައި ދެބަސްވުމާއި ޚިޔާލުތަފާތުވުން އުފެދިފައި މައްސަލައެކެވެ.

ޗައިނާ އިން ބުނާ ގޮތުގައި، ސައުތު ޗައިނާ ސީގެ ޖަޒީރާތަކާ ފަރުތަކަކީ، އެންމެ ކުރީއްސުރެ ޗައިނާގެ ޓެރިޓަރީއެކެވެ. އެ ސަރަހައްދުގައި އޮތް ނަންޝާ ޖަޒީރާތައް ޖަޕާނުގެ ބާރުގެ ދަށަށް ގެންގޮސްފައި އޮއްވައި، ޗައިނާ އިން ވަނީ އެ ރަށްތައް ވެސް އަނބުރައި ޗައިނާގެ ބާރުގެ ދަށަށް ގެންގޮސްފައި ކަމަށާއި އެކަން ވަނީ 1943 ވަނަ އަހަރުގެ ގާހިރާ މުއާހަދާ އާއި ދެ ވަނަ ބޮޑުހަނގުރާމާގައި ޖަޕާނުން ނާކާމިޔާބީ ގަބޫލުކުރި ކުރުން ބަޔާންކޮށް އެކުލަވާލި ޕޮޓްސްޑޭމް މުއާހަދާގައި ވެސް ކަމަށް ޗައިނާ އިން ބުނެ އެވެ.

އެހެން ނަމަވެސް، ސައުތު ޗައިނާ ސީގައި ހުރި، ތެލާއި ގޭހުގެ ގުދުރަތީ ވަސީލަތްތަކަށް ފިލިޕީންސުން 1970ގެ އަހަރުތަކުގައި، އދ.ގެ ޗާޓަރުތަކާ ކަނޑައެޅިގެން ޚިލާފަށް އަރައިގަނެ، މިހާތަނަށް އަށް ޖަޒީރާ ރަށެއް ހިފާފައިވާ ކަމަށް ޗައިނާ އިން ބުނެ އެވެ.

މި މައްސަލާގައި ބައިނަލްއަގުވާމީ ކޯޓުން ޗައިނާއާ ދެކޮޅަށް މައްސަލަ ނިންމާފައި އޮތް ނަމަވެސް ޗައިނާ އިން ހުރީ ދޫ ދިނުމަށެއް ނޫނެވެ.

ދެކުނު ޗައިނާ ކަނޑުގެ މައްސަލައާ ގުޅޭ ގޮތުން، އެމެރިކާގެ އާ ރައީސް ޑޮނަލްޑް ޓްރަމްޕް ސަރުކާރުގެ ސެކްރެޓަރީ އޮފް ސްޓޭޓްކަމަށް އައްޔަނުކުރުމަށް ހުށަހަޅާފައިވާ ރެކްސް ޓިލަސަން ވިދާޅުވީ، އުފެދިގެން އުޅޭ ޚިލާފަކީ، ސައުތު ޗައިނާ ސީއާއި އެތަނުގައި ހުރި ޖަޒީރާތަކަކީ ޗައިނާއަށް ނިސްބަތް ނުވާ، އަދި އެހެން ގައުމަކަށް ވެސް ނިސްބަތް ނުވާ ތަންތަނަށް ވުމާ މެދު އުފެދިފއިވާ ޚިލާފު ކަމަށެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ކަމަށް އައްޔަނުކުރަން ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި ރެކްސް ޓިލަސަން --

ޓިލަސަން ވިދާޅުވީ ބައިނަލްއަގުވާމީ ގޮތުން، ވަކި ގައުމަކަށް ނިސްބަތް ނުވާ ތަންތަނަށް އެއް ގައުމަކުން ވެރިވެގަތުމަށް މަސައްކަތް ކުރާ ކުރުން އެމެރިކާ އިން ހުއްޓުވާނެ ކަމަށެވެ.

"އަޅުގަނޑު ޗައިނާ އަށް ދޭން މި ގަސްދުކުރާ ސާފު މެސެޖަކީ، އެގައުމުން އެތަނުގައި ރަށްރަށް ބިނާކުރުން ހުއްޓުވާނެކަމާއި ޗައިނާ އަށް ދެކުނު ޗައިނާ ކަނޑުގެ ޖަޒީރާތަކަށް ފޯރުވުމަށް ހުއްދަ ނުދޭނެކަން،" ޓިލަސަން ވިދާޅުވި އެވެ.

މިކަމާ ގުޅޭ ގޮތުން ވައިޓްހައުސްގެ ތަރުޖަމާނު ޝޯން ސްޕައިސާ މިހަފްތާގައި ވިދާޅުވީ ޓިލަސަން ވިދާޅުވެފައިވާ ގޮތަށް، އެމެރިކާ އިން އެގައުމުގެ މަސްލަހަތު ހިމާޔަތް ކުރާނެ ކަމަށެވެ.

މިކަމާ ގުޅިގެން ޗައިނާ މިއަދު ބުނީ، އެމެރިކާއަކީ ދެކުނު ޗައިނާ ކަނޑުގެ މައްސަލައިގެ ތެރެއަށް ވަންނަން ޖެހޭ ގައުމެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެން އެދެން އެމެރިކާ އިން ސައްހަ މައުލޫމާތަށް އިހްތިރާމުކޮށް، އަދި ދެކުނު ޗައިނާ ކަނޑުގެ ސުލްހަ މަސަލަސްކަމަށް ބުރޫ އަރާނެ ފަދަ ވާހަކަތައް ނުދެއްކުމަށާއި އެފަދަ ކަމެއް ހިނގާފާނެ ފަދަ އަމަލެއް ނުކުރުމަށް،" ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ހުއާ ޗުންޔިންގް މިއަދު ވިދާޅުވި އެވެ.

comment ކޮމެންޓް