ބާލިން (21 ޑިސެމްބަރު 2025): ޔޫރަޕްގެ ކޮންމެ ގެއަކަށް ރަޝިއާގެ ހަމަލާތައް އަރާނެ ކަމަށް ބަލައިގެން ޔޫރަޕް ހަނގުރާމައަށް ތައްޔާރުވާން ޖެހޭކަމުގެ އިންޒާރު ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ދެއްވާފައިވަނިކޮށް ޔުކްރެއިން މައްސަލަ ސަހަލު ގޮތަކަށް ނުދާނެ ކަމަށާއި ޔޫރަޕަށް އޮތީ ރަޝިއާއާ އެކު ހަނގުރާމައަކަށް ދާންޖެހޭ ކަމަށް ބަލައި އެ ކަމަށް ތައްޔާރުވުން ކަމަށް ޖަރުމަނުގެ ޗާންސެލަރު ފްރެޑްރިޓް މާޒް ވިދާޅުވެއްޖެއެވެ.
މާޒް ވިދާޅުވީ، ރަޝިއާއިން ހިފާފައިވާ ޔުކްރެއިންގެ ބިންތައް ރަޝިއާއަށް ދޫކޮށްލައިގެން ހާސިލުކުރެވޭ ސުލްހަ މާ ދިގު މުއްދަތަކަށް ދެމިއޮންނާނެ ކަމަށް ނުބެލެވޭ ކަމުގައެވެ. ޔުކްރެއިނަށް ފަހު ރަޝިއާގެ އަމާޒަކަށް ވާނީ ޔޫރަޕް ކަމުގައެވެ.
ޖަރުމަނުގެ ޗާންސެލާ ފްރެޑްރިޓް މާޒް މިހެން ވިދާޅުވެފައިވާއިރު މީގެ 10 ވަރަކަށް ދުވަސްކުރިން ނޭޓޯގެ ސެކްރެޓެރީ ޖެނެރަލް މާކް ރުއްތޫ ވަނީ ޔޫރަޕްގެ ގައުމުތައް ރަޝިއާއާ އެކު ހަނގުރާމައަކަށް ދާންޖެހޭނެކަމީ މިހާރު ގާތްގަނޑަކަށް ޔަގީން ކަމެއް ކަމަށް ވިދާޅުވެ، ވާހަކަދައްކަވާފައެވެ.
މި މަހުގެ 11 ވަނަ ދުވަހު ޖަރުމަނުގެ ވެރިރަށް ބާލިންގައި ދެއްވި ބަޔާނެއްގައި ރުއްތޫ ވިދާޅުވީ، ޔޫރަޕް ހަނގުރާމައަށް ތައްޔާރުވާންވީ މުސްތަގުބަލުގައި ޔޫރަޕްގެ ކޮންމެ ގެއަކަށް ރަޝިއާގެ ހަމަލާތައް އަރާނެ ކަމަށް ބަލައިގެން ކަމަށެވެ.
"މިއީ އަހަރެމެން ކުޑައިރު ކާބަފައިން ކިޔައިދިން ވާހަކަ،" ރުއްތޫ ވިދާޅުވިއެވެ.

ރުއްތޫ ވިދާޅުވި ގޮތުގައި ޔުކްރެއިން އަތްދަށުލުމަށް ފަހު ރަޝިއާ ދެން ހަނގުރާމަ ފަށާނީ ޔޫރަޕްގެ ގައުމުތަކާ ދެކޮޅަށް ކަމަށާއި އެ ކަން ނޭޓޯއިން ގަބޫލުކުރަންޖެހޭ ކަމުގައެވެ. ފަރަންސޭސި ދިފާއީ ވަޒީރު ސެބާސްޓިއެން ލެކޯނު ވެސް ދާދި ފަހުން ވަނީ މިފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ.
މުރާސިލުން ބުނާ ގޮތުގައި ޔޫރަޕްގެ ލީޑަރުންގެ ކަންބޮޑުވުމަކީ ރަޝިއާ، ޔުކްރެއިން ހަނގުރާމަ ކާމިޔާބުކުރާނެކަން މިހާރު ގާތްގަނޑަކަށް ޔަގީންވެފައިވުމެވެ. އަދި، ރަޝިއާއިން ހިފާފައިވާ ޔުކްރެއިންގެ ބިންތައް ރަޝިއާއަށް ލިބޭގޮތަށް ޔުކްރެއިން ހަނގުރާމަ ހުއްޓާލުމަށް އެމެރިކާ ހުށަހަޅާފައިވާ ސުލްހައިގެ ޕްލޭން އޮތުމެވެ.
ޔޫރަޕްގެ ގައުމުތަކަކީ ރަޝިއާއަށް ވުރެ ހުރިހާ ގޮތަކުން ވެސް ބަލިކަށި އަދި ކުދި ގައުމުތަކަކަށްވާއިރު ޔުކްރެއިން ހަނގުރާމަ ކާމިޔާބުކުރުމަކީ މިހާރަށްވުރެ އަސްކަރީ ގޮތުން ބާރުގަދަ އަމިއްލަ ނަފުސަށް އިތުބާރު ލިބިފައިވާ ގައުމެއްގެ ގޮތުގައި ރަޝިއާ ނުކުންނާނެ ކަމެއްކަމުގެ ބިރު ޔޫރަޕްގެ ލީޑަރުން އިހުސާސް ކުރެއެވެ.
ނަތީޖާއަކަށް ވާނީ ރަޝިއާ ޔޫރަޕްގެ ގައުމުތަކަށް ބިރުދެއްކުން ކަމަށް ވެސް އެ ގައުމުތަކުގެ ލީޑަރުންގެ ބަޔާންތަކުން ސާފުވެއެވެ. ނަމަވެސް، ރަޝިއާގެ މަސްއޫލުވެރިން ވަނީ އެ ގައުމުން ޔޫރަޕްގެ އެއްވެސް ގައުމަކަށް އިސްވެ ހަމަލާނުދޭނެ ކަމަށާއި ޔޫރަޕާއި ރަޝިއާއާ ދެމެދުގައި އޮތް ނުތަނަވަސްކަން ވާހަކަދައްކައިގެން ނައްތާލެވިދާނެކަށް ވިދާޅުވެފައެވެ.
މީގެއިތުރުން އެމެރިކާގެ ގައުމީ ސަލާމަތާބެހޭ އައު ސްޓްރެޓެޖީގައި ޔޫރަޕަށް ދޭ ސަމާލުކަން ކުޑަކޮށްފައިވުމާއި އެމެރިކާއިން ނޭޓޯއަށް ދޭ ސަމާލުކަން ކުޑަކުރުމަކީ ވެސް ޔޫރަޕްގެ ސަލާމަތާއި ރައްކާތެރިކަމާ މެދު ޔޫރަޕްގެ ގައުމުތައް ބިރުގަންނަ ސަބަބެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.
މިއާއެކު ޔޫރަޕްގެ ލީޑަރުން ވަނީ އެމެރިކާއަށް ބަރޯސާނުވެ، ޔޫރަޕް ދިފާއު ކުރުމަށްޓަކައި ވިޝަން 3035 ގެ ނަމުގައި ޔޫރަޕަށް ޚާއްސަ ދިފާއީ ބާރެއް ބިނާކުރުމުގެ ތަސައްވުރެއް އިއުލާނުކުރައްވާފައެވެ. ނަމަވެސް، ޔޫރަޕަށް ޚާއްސަ ދިފާއީ ބާރެއް އުފެއްދުމަށް އަދި ހައެއްކަ އަހަރުގެ މުއްދަތެއް ބޭނުންވާ ކަމަށް ޔޫރަޕްގެ އަސްކަރީ ތަޖުރިބާކާރުން ވިދާޅުވެއެވެ.
ރަޝިއާ ބުނާގޮތުން ޔުކްރެއިން ހަނގުރާމަ ފަށަން ޖެހުނީ ޔޫރަޕުން ނޭޓޯ ފުޅާކުރުމަށްޓަކައި ރަޝިއާ ވަށާލުމަށް ޔޫރަޕާއި އެމެރިކާ ގުޅިގެން މަސައްކަތް ކުރުމުގެ ނަތީޖާއެއްގެ ގޮތުންނެވެ.