ފިލިޕީންސުން މަސައްކަތް ކުރަނީ ޗައިނާގެ އަގު ވައްޓާލަން: ފުކާންގް

ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގް ފޫކަންގް -- ސަން ފޮޓޯ: ފަޔާޒު މޫސާ

ސައުތު ޗައިނާ ސީގެ މައްސަލާގައި ޗައިނާ އާއި ފިލިޕީންސްއާ ދެމެދު ކުރިމަތިވެފައިވާ ދެބަސްވުންތައް ހައްލު ކުރުމަށް މަޝްވަރާ ކުރުމަށް ނިންމާފައި ވަނިކޮށް، އެ މައްސަލަ ކޯޓު މެދުވެރިކޮށް ކުރިޔަށް ގެންދަން ފިލިޕީންސުން އަމިއްލަ އަށް ނިންމާފައި ވާތީ، އެ ނިންމުން ޗައިނާ ސަރުކާރުން ކުށްވެރިކޮށްފި އެވެ.

ދެކުނު ޗައިނާ ކަނޑުގައި ހުރި ޖަޒީރާތަކާއި އަތޮޅުތަކާއި ފަޅުތަކުގެ ވެރިފަރާތަކީ ކޮބައިކަން ކަނޑައެޅުމުގައި ދެބަސްވުމެއް އުފެދިފައިވާ އިރު، އެކަމުގެ ހަގީގަތް ހާމަކުރުމަށް ޗައިނާ އިން ދަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ.

އެ މައްސަލާގައި 2013 ވަނަ އަހަރު ފިލިޕީންސުން ވަނީ ނެދަލެންޑްސްގެ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ގޮސްފަ އެވެ. އެ މައްސަލަ ބެލުމުގެ އިހްތިސާސް އެ ކޯޓަށް ލިބިގެންވާ ކަމަށް މިދިޔަ އަހަރު ވަނީ އެކޯޓުން ނިންމައިފަ އެވެ.

ސައުތު ޗައިނާ ސީގައި، މައްސަލަ ޖެހިފައިވާ ރަށްތަކާ، ބައިނަލްއަގުވާމީ ގާނޫނުތަކާ މުއާހަދާތަކުން ގައުމުތަކުގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން ކަނޑައަޅާފައިވާ ގޮތް --

ޗައިނާ ސަރުކާރުގެ ފަރާތުން، އެ ގައުމުން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގް ފޫކަންގް މިއަދު ނެރުއްވި ބަޔާނެއްގައި، އޭނާ ވިދާޅުވީ، ސައުތު ޗައިނާ ސީ ސަރަހައްދުގައި ހުރި ޖަޒީރާތަކާ ފަރުތަކަކީ، އެންމެ ކުރީއްސުރެ ޗައިނާގެ ޓެރިޓަރީއެއް ކަމަށެވެ. އަދި އެ ސަރަހައްދުގައި އޮތް ނަންޝާ ޖަޒީރާތައް ޖަޕާނުގެ ބާރުގެ ދަށަށް ގެންގޮސްފައި އޮއްވައި، ޗައިނާ އިން ވަނީ އެ ރަށްތައް ވެސް އަނބުރައި ޗައިނާގެ ބާރުގެ ދަށަށް ގެނެސްފައި ކަމަށާއި އެކަން ވަނީ 1943 ވަނަ އަހަރުގެ ގާހިރާ މުއާހަދާ އާއި ދެ ވަނަ ބޮޑުހަނގުރާމައިގައި ޖަޕާނުން ނާކާމިޔާބީ ގަބޫލުކުރި ކުރުން ބަޔާންކޮށް އެކުލަވާލި ޕޮޓްސްޑޭމް މުއާހަދާގައި ވެސް އެކަން ބަޔާން ކޮށްފައިވާ ކަމަށް ޗައިނާ ސަފީރު ވިދާޅުވި އެވެ.

އެހެން ނަމަވެސް، ސައުތު ޗައިނާ ސީގައި ހުރި، ތެލާއި ގޭހުގެ ގުދުރަތީ ވަސީލަތްތަކަށް ފިލިޕީންސުން 1970ގެ އަހަރުތަކުގައި، އދ.ގެ ޗާޓަރުތަކާ ކަނޑައެޅިގެން ޚިލާފަށް އަރައިގަނެ، މިހާތަނަށް އަށް ޖަޒީރާ ރަށެއް ހިފާފައިވާ ކަމަށް ޗައިނާ ސަފީރު ވިދާޅުވި އެވެ. އަދި އެއަށް ފަހު އެ ސަރަހައްދުގައި ޗައިނާގެ އެއްވެސް ދައުރެއް އޮންނަ ކަމަށް ފިލިޕީންސުން އިންކާރު ކުރަމުންދާ ކަމަށް ޗައިނާ އިން ބުންޏެވެ.

އެމައްސަލާގައި ފިލިޕީންސުން މިހާރު ދަނީ ކަނޑުތަކުގެ ގާނޫނާ ބެހޭ އދ.ގެ މުއާހަދާގެ ބައެއް މާއްދާތަކުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް ޗައިނާ އިން ބުނެ އެވެ.

"ބައިނަލްއަގުވާމީ ފަރާތްތަކުގެ ޚިޔާލުތަކުގެ މިސްރާބު ބަދަލުކޮށް، މީހުންގެ ޝައުގުވެރިކަން އެކަމަށް އަމާޒު ކުރުވުމަށް ފިލިޕީންސުން ދަނީ މަސައްކަތް ކުރަމުން. މިއީ ވަރަށް ލަދުވެތި އަމަލެއް،" ވާންގް ފޫކަންގް ވިދާޅުވި އެވެ.

އާސިއާން ގައުމުތަކުގެ މެމްބަރުން 2002 ވަނަ އަހަރު ސޮއިކޮށްފައިވާ، ޑިކްލެރޭޝަން އޮފް ކޮންޑަކްޓް އޮން ސައުތު ޗައިނާ ސީ ގެ ހަތަރުވަނަ ޕެރެގްރާފުގައި، ސަރަހައްދީ މައްސަލަތައް ހައްލު ކުރުމަށް ސުލްހަވެރި އަދި ރަހުމަތްތެރި މަޝްވަރާތައް ކުރިޔަށް ގެންދިއުމަށް ބުނެފައިވާ އިރު، ޗައިނާ އާއި ފިލިޕީންސްއާ ދެމެދު ޖެހިފައިވާ މައްސަލަ މަޝްވަރާގެ މަތިން ހައްލު ކުރުމަށް ފިލިޕީންސް އާއި ޗައިނާ އިން އެކުގައި އެއްބަސްވި ކަމަށް ޗައިނާ ސަފީރު ވިދާޅުވި އިރު، މިހާރު ފިލިޕީންސުން މި މައްސަލަ ހައްލު ކުރުމަށް އަމިއްލައަށް ކޯޓަށް ދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޗައިނާ ސަފީރުގެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.

"މިއީ ފިލިޕީންސުން ޗައިނާ އަށާއި މުޅި ގައުމަށް ވި އަހުދެއްގެ ޝަރަފު ނަގައިލުން. ޓެރިޓޯރިއަލް މައްސަލަތައް ހައްލު ކުރަންޖެހެނީ ބައިނަލްއަގުވާމީ އާންމު ގާނޫނުތަކުން، އދ.ގެ މުއާހަދާއަކަށް ރިއާޔަތް ކޮށްގެނެއް ނޫން،" ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރުގެ ބަޔާނުގައި ވިދާޅުވި އެވެ.

ސަފީރު ވިދާޅުވީ، ގަދީމީ ސިލްކު ރޫޓު އުފެއްދުމުގެ އިތުރުން، ސައުތު ޗައިނާ ސީގެ ޖަޒީރާތަކާ ފަރުތައް ހޯދައި، އެތަންތަނަށް ނަން ދީ، އަދި އެތަންތަން ތަރައްގީ ކުރީ ޗައިނާ އިން ކަމަށާއި އެތަންތަނާ މުޅި ދުނިޔެ ގުޅާއިދިނީ ވެސް ޗައިނާ އިން ކަމަށެވެ.

އަދި 21 ވަނަ ގަރުނުގެ މެރިޓައިމް ސިލްކު ރޫޓު މަޝްރޫއުގެ ދަށުން ވެސް، ސައުތު ޗައިނާ ސީގެ ވަރަށް ބޮޑު ދައުރެއް އޮންނާނެ ކަމަށް ވެސް ސަފީރު ވަންގް ފޫކަންގް ވިދާޅުވި އެވެ.

"މިކަމުގެ ސަބަބުން ފަހުން އުފެދިދާނެ މައްސަލަތަކާ މެދު ވިސްނައި ބިނާކުރުވަނިވި ގޮތަކަށް މި މައްސަލައާ މެދު އިތުރަށް މަޝްވަރާ ކުރުމަށް އެނބުރި އައުމަށް ޗައިނާއިން އެދެން،" ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގް ފޫކަންގް ވިދާޅުވި އެވެ.

comment ކޮމެންޓް