ދެކުނު ޗައިނާ ކަނޑުގެ މައްސަލާގައި ޗައިނާއާ ދެކޮޅަށް ނިންމައިފި

ފަހަކަށް އައިސް ޗައިނާ އިން ވަނީ ދެކުނު ޗައިނާ ކަނޑުގައި ހިންގާ ހަރަކާތްތައް އިތުރުކޮށްފައި -- ފޮޓޯ: އޭއެފްޕީ

ދަ ހޭގް (ޖުލައި 12): ދެކުނު ޗައިނާ ކަނޑުގެ ގާތްގަނޑަކަށް 90 ޕަސެންޓު ނިސްބަތްވަނީ ޗައިނާއަށް ކަމަށް އެ ގައުމުން ބުނާ ބުނުމުގައި އެއްވެސް ގާނޫނީ ބަރުދަނެއް ނެތް ކަމަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް އިން ނިންމައިފި އެވެ.

ދަ ހޭގްގައި ހުންނަ ޕާރމަނަންޓް ކޯޓު އޮފް އާބިޓްރޭޝަން (ޕީސީއޭ)ގެ ޓްރައިބިއުނަލް އިން އެފަދައިން ނިންމާފައި ވަނީ ޗައިނާ އިން ދެކުނު ޗައިނާ ކަނޑުގައި ހަރަކާތްތެރި ވަނީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ކަމަށް ބުނެ 2013 ވަނަ އަހަރު ފިލިޕީންސް އިން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

ޔޫއެންގެ މެރިޓައިމް ގާނޫނުގެ ދަށުން ޓްރައިބިއުނަލް ކޮށްފައިވާ ހުކުމުގައިވާ ގޮތުން ޗައިނާއިން ފާހަގަކޮށްފައިވާ "ނައިން ޑޭޝް" ލައިންގެ ތެރޭގައި ހިމެނޭ ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދުތަކުގައިވާ ގުދުރަތީ ވަސީލަތްތަކަކީ ޗައިނާގެ މިލްކެއް ނޫނެވެ. އަދި އެސަރަހައްދުތަކަށް ޗައިނާގެ ތާރީހީ މިލްކުވެރިކަން ސާބިތުކޮށްދޭ އެއްވެސް ހެއްކެއް ނެތެވެ.

ނަމަވެސް ޗައިނާގެ ޑިފެންސް މިނިސްޓްރީން ވަނީ ކޯޓުގެ ނިންމުން ގަބޫލު ނުކުރާނެ ކަމަށާއި ގައުމަށް ނިސްބަތްވާ ސަރަހައްދު ދިފާއު ކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް