އައިހެވަން އަށް މިހާތަނަށް ހުށަހެޅުމެއް ނާދޭ: ޝައިނީ

އިހަވަންދިއްޕޮޅު ތަރައްގީ ކުރުމަށް ސަރުކާރުން އިއުލާންކޮށްފައިވާ "އައިހެވަން" މަޝްރޫގެ ކުރެހުމެއް--

ރާއްޖޭގެ އެންމެ އުތުރުގައި އޮންނަ އިހަވަންދިއްޕޮޅު އަތޮޅުގައި ތަރައްގީކުރުމަށް އިއުލާންކޮށްފައިވާ އައިހެވަން މަޝްރޫޢަށް މިހާތަނަށް އެއްވެސް ފަރާތަކުން ޕްރޮޕޯޒަލެއް ހުށަހަޅާފައި ނުވާ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

އައިހެވަންއަކީ، އިހަވަންދިއްޕޮޅު ޖޯގްރަފީގޮތުން އޮންނަ ސަރަހައްދު ކެޕިޓަލައިޒްކޮށް، ހިންގުމަށް ސަރުކާރުން އިއުލާންކުރި އިންޓަގްރޭޓެޑް ޕްރޮޖެކްޓެކެވެ. އިހަވަންދިއްޕޮޅު އޮންނަނީ އިންޑިއާ ކަނޑުގައި އިރުން ހުޅަނގަށް ބޯޓުފަހަރު ދަތުރުކުރާ ޝިޕިންގް ރޫޓުގަ އެވެ. އައިހެވަން މަޝްރޫއުގައި ހިމެނޭ ކޮމްޕޯނެންޓްތަކުގެ ތެރޭގައި ޓްރަންސްޝިޕްމެންޓް ބަނދަރު، އެއާޕޯޓު ޑިވެލޮޕްމެންޓް، ވެއާހައުސިން އަދި އެކްސްޕޯޓް ޕްރޮސެސިންގް ޒޯނުތައް ގާއިމުކުރުން، ކްރޫޒް ހަބަކާއި ޔޮޓު މެރީނާ، ޑޮކް ޔާޑަކާއި ބަންކަރިން ފެސިލިޓީސް، އަދި ފަތުރުވެރިކަން ތަރައްގީކުރުން ހިމެނެ އެވެ.

އިންޑިއާ އިން އިސްނަގައިގެން ބާއްވާ ބައިނަލްއަގުވާމީ ސިޔާސީ އަދި އިގްތިސާދީ ބައްދަލުވުން "ރައިސީނާ ޑައިލޮގް"ގައި ބައިވެރިވެވަޑައިގަތުމަށް ނިއުދިއްލީގައި ހުންނެވި ރާއްޖޭގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ، ބައްދަލުވުމުގެ ހަވާސާގައި އިންޑިއާގެ "ދަ ވަޔާ" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އިންޑިއާ އަށް އެ މަޝްރޫއު ހުށަހެޅި ނަމަވެސް، އިންޑިއާ އާއި އެހެން ގައުމެއްގެ އެއްވެސް އިންވެސްޓަރެއްގެ ޕްރޮޕޯޒަލެއް މިހާތަނަށް ލިބިފައި ނުވާ ކަމަށެވެ.

"މިހާތަނަށް ނުލިބޭ ޕްރޮޕޯޒަލެއް. އެކަމަކު އަޅުގަނޑު ގަބޫލުކުރަނީ އިންޑިއާގެ ބައެއް ވިޔަފާރިތަކުން ދަނީ މި މަޝްރޫއު ދިރާސާކުރަމުން،"

ޝައިނީ ވިދާޅުވީ، އިންޑިއާގެ ކުންފުނިތަކުގެ އިތުރުން، ސައުދީ އަރަބިއްޔާ އާއި އިންވެސްޓްކުރަން ޝައުގުވެރިވާ ކޮންމެ ފަރާތަކަށް ވެސް އައިހެވަންއަށް އިންވެސްޓްކުރުމަށް މަރުހަބާ ކިޔާ ކަމަށެވެ. ޝައިނީ ވިދާޅުވީ އައިހެވަންގެ މަޝްރޫއު ބޮޑުވެފައި، ގިނަ ކޮމްޕޮނެންތައް ހިމެނޭތީ ހަމައެކަނި އެންމެ ގައުމެއް ނުވަތަ އެންމެ ކުންފުންޏަކަށް މުޅި މަޝްރޫއަށް އިންވެސްޓް ކުރެވޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

ޝައިނީ ވިދާޅުވީ، އައިހެވަންގެ ފީސިބިލިޓީ ސްޓަޑީއެއް ހަދާފައިވާ އިރު، މިވަގުތު ސަރުކާރުން ދަނީ މަޝްރޫއު ކުރިޔަށް ގެންދާނެ ގޮތުގެ ޕްލޭނެއް ރާވަމުން ކަމަށެވެ.

"ޕްލޭން ދަނީ ހެދެމުން. އެކަމަކު މިހާތަނަށް އެއްވެސް ފަންޑިންއެއް ނުލިބޭ، އަދި އެއްވެސް ހުށަހެޅުމެއް ނާދޭ. ނަމަވެސް ގިނަ ގައުމުތަކަކުން މިހާރު ވެސް ދަނީ މަޝްރޫއަށް ޝައުގުވެރިކަން ފާޅުކުރަމުން،" ޑރ. ޝައިނީ ވިދާޅުވި އެވެ.

އައިހެވަން މަޝްރޫއުގެ ޑިޒަައިން ހެދުމަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި، ސިންގަޕޫރުގެ ސުރްބާނާ ޖުރޮންގް ކޮންސަލްޓަންޓްސްއާ ހަވާލުކޮށްފަ އެވެ.

comment ކޮމެންޓް