މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އިން ޝަރީޢާ ހަމަތަކަށް ފުރިހަމައަށް ފެތޭ އައު ކްރެޑިޓް ކާޑު މިއަދު ރަސްމީކޮށް ތަޢާރަފުކޮށްފިއެވެ.
އެއީ ރާއްޖޭގައި އިސްލާމިކް ބޭންކިން އާއި ފައިސާ ދެއްކުމުގެ ޚިދުމަތްތައް ފުޅާކުރުމަށް އެ ބޭންކުން ކުރަމުންދާ މަސައްކަތުގެ ދަށުން ނެރުނު މުހިންމު ކާޑުތަކެކެވެ.
އައު ކްރެޑިޓް ކާޑު ބަހާލެވިފައިވަނީ ޖުމްލަ ހަތަރު ކެޓަގަރީއަކަށެވެ. އެއީ ގޯލްޑް، ޕްލެޓިނަމް، ސިގްނަޗާ އަދި ބިޒްނަސް ކާޑެވެ. މިއީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކުގެ މާލީ ބޭނުންތަކަށް ޚާއްޞަކޮށްގެން ފޯރުކޮށްދޭ ކާޑުތަކެކެވެ. މިއިން ކޮންމެ ކާޑަކަށްވެސް ކްރެޑިޓް ލިމިޓް ކަނޑައެޅިފައިވަނީ 12,000 ދިވެހި ރުފިޔާއިން ފެށިގެން 300,000 ދިވެހި ރުފިޔާއާ ހަމައަށެވެ. ކާޑު ދޫކުރުމުގައި ބަލާނީ އެދޭ ފަރާތުގެ އާމްދަނީއާއި މާލީ ޝަރުޠުތަކަށް ކަމަށް އެމްއައިބީން މައުލޫމާތުދެއެވެ.
ވަކިވަކި ކާޑުތަކުގެ ލިމިޓްތަކަށް ބަލާއިރު، ގޯލްޑް ކާޑަށް 12,000 އާއި 50,000 ދިވެހި ރުފިޔާއާ ދެމެދުގެ ލިމިޓެއް ލިބޭއިރު، ޕްލެޓިނަމް ކާޑަށް ދޫކުރަނީ 50,000 އާއި 100,000 ދިވެހި ރުފިޔާއާ ދެމެދުގެ ލިމިޓެކެވެ. އަދި ސިގްނަޗަރ ކާޑަށް 100,000 އިން ފެށިގެން 300,000 ދިވެހި ރުފިޔާއާ ހަމައަށް ލިމިޓް ލިބޭއިރު، ވިޔަފާރިތަކަށް ޚާއްޞަ ބިޒްނަސް ކާޑުގެ ލިމިޓަކީ 100,000 އާއި 300,000 ދިވެހި ރުފިޔާއާ ދެމެދެވެ.
މީގެއިތުރުން އަމިއްލަ ފަރުދުންގެ ކާޑުތަކަށް މަހުން މަހަށް ބޭނުންކުރެވޭނެ އެމެރިކާ ޑޮލަރުގެ ވަކި ލިމިޓްތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ގޯލްޑް ކާޑަށް 300 އެމެރިކާ ޑޮލަރު، ޕްލެޓިނަމް ކާޑަށް 400 އެމެރިކާ ޑޮލަރު އަދި ސިގްނަޗަރ ކާޑަށް 500 އެމެރިކާ ޑޮލަރު ކަނޑައެޅިފައިވެއެވެ. ނަމަވެސް ބިޒްނަސް ކާޑަށް ވަކި ޑޮލަރު ލިމިޓެއް ކަނޑައަޅާފައެއް ނުވެއެވެ.
މި ކާޑުތަކުން ކުރާ ޚަރަދުތަކަށް ފައިސާ ދެއްކުމުގައި ކަސްޓަމަރުންނަށް ލުއިގޮތްތަކެއް ވަނީ ހަމަޖައްސައިދީފައެވެ. އެގޮތުން މަހުން މަހަށް ދައްކަންޖެހޭ އަދަދުގެ މަދުވެގެން ފަސް އިންސައްތަ ނުވަތަ މުޅި އަދަދު އެއްކޮށް ދެއްކުމުގެ އިޚްތިޔާރު ކަސްޓަމަރުންނަށް ލިބެއެވެ. ކާޑުގެ މަންތްލީ ބަޔާން (ސްޓޭޓްމަންޓް) ކޮންމެ މަހެއްގެ 10 ވަނަ ދުވަހު ދޫކުރާއިރު، ފައިސާ ދެއްކުމުގެ ސުންގަޑިއަކީ އެ މަހެއްގެ 30 ވަނަ ދުވަހެވެ. ކަސްޓަމަރުންނަށް ފައިސާ ދެއްކުމަށް ފައިސާނެޓް، ފައިސާ މޮބައިލް، އެމްއައިބީ އޭޓީއެމް ނުވަތަ ޑައިރެކްޓް ޑެބިޓް މެދުވެރިކޮށް ފައިސާ ދެއްކޭނެއެވެ.
އެމްއައިބީން ބުނި ގޮތުގައި މި އައު ކްރެޑިޓް ކާޑުތައް ތަޢާރަފުކުރުމަކީ އިސްލާމީ ބޭންކިންގެ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ކަސްޓަމަރުންގެ ބަދަލުވަމުންދާ މާލީ ބޭނުންތަކަށް އެކަށީގެންވާ ޒަމާނީ ޙައްލުތަކެއް ފޯރުކޮށްދިނުމަށް އެ ބޭންކުން ކުރާ މަސައްކަތުގެ މުހިންމު ފިޔަވަޅެކެވެ.