ދިމާވި މައްސަލަ ދެނެގަނެވިއްޖެ، ނޯޓު 7ގައި ގޯހީ ބެޓެރީ!

ސެމްސަންގް ގެލެކްސީ ނޯޓު 7 ފޯނު ކޮރެއާގެ ފިހާރައެއްގައި -- ފޮޓޯ/ އޭއެފްޕީ

މިދިޔަ އަހަރު ސެމްސަންގުން ނެރުނު ފޯނު، ސެމްސަންގް ގެލެކްސީ ނޯޓު 7 އަކީ ސެމްސަންގަށް މިހާތަނަށް ދިމާވި އެންމެ ބޮޑު ބަދުނަސީބެވެ. އެ ފޯނުގައި މައްސަލައެއް އުޅެ، އޭގެ ބެޓެރީތައް ގޮވަން ފެށުމާ އެކު، ވިކިފައި ހުރި ހުރިހާ ފޯނެއް އަނބުރައި ސެމްސަންގަށް ނެގިއެވެ. މިކަމުގެެ ސަބަބުން އެކުންފުންޏަށް 5.3 ބިލިޔަން ޑޮލަރަށް ވުރެ ބޮޑު ގެއްލުމެއް ލިބުނެވެ.

މިކަން ދިމާވާން ފެށީ ފޯނުގެ ބެޓެރީ ދޮން ބޮޑުވެގެންކަން މީގެ ކުރިން ވެސް އެންމެން ދިޔައީ ބުނަމުންނެވެ. އެހެން ނަމަވެސް ބެޓެރީގައި ދިމާވީ ކޮން މައްސަލައެއް ކަމެއް ނޭނގެއެވެ.

ސެމްސަންގުން ވަނީ މި މައްސަލައިގައި ބޮޑު ތަހުގީގެއް ހިންގައިފައެވެ. ތަހުގީގަށް ފަހު މިއަދު އެކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، ސެމްސަންގް ގެލެކްސީ ފޯނުގެ އެއްވެސް ހާޑްވެއާއެއް އަދި ސޮފްޓްވެއާއެއްގައި ވެސް މައްސަލައެއް ނެތެވެ.

މައްސަލަ ދިމާވެފައި އޮތީ، ކުރިންވެސް ބުނެވުނު ފަދައިން ބެޓެރީގައެވެ.

ސެމްސަންގްގެ ބަޔާނުގައި ބުނީ، މި މައްސަލަ ދިމާވާން މެދުވެރިވީ ބެޓެރީއާއި ފޯނު، ތަފާތު ދެ ކުންފުންޏަކުން ޑިޒައިންކޮށް، އުފެއްދުމުގެ ސަބަބުން އެރި އޮޅުންތަކަކުން ކަމަށެވެ.

ސެމްސަންގްގެ ތަހުގީގަށް ފާހަގަވި މައިގަނޑު ދެ ކަމަކީ

  • ބެޓެރީގައި އިންސިއުލޭޝަނަށް ބޭނުންވާ މައުދަނުތައް މަދުވުން.
  • ޑިޒައިން ހުރި ގޮތުން، ބެޓެރީގެ އިލެކްޓްރޯޑްތަކަށް ބޭނުންވާ ޖާގަ އެކަށީގެންވާ މިންވަރަށް ނުލިބުން.

މީގެ އިތުރުން ބައެއް ބެޓެރީތަކުގައި އިންސިއުލޭޝަން ޓޭޕުވެސް ބޭނުންކޮށްފައި ނުވާ ކަމަށް ވެސް ސެމްސަންގުން ބުނެއެވެ.

ސެމްސަންގްގެ ފޯނުތަކަށް ބެޓެރީ ސަޕްލައިކޮށްދެނީ އެހެން ކުންފުނިތަކަކުންނެވެ. އެއީ ކޮން ކުންފުނިތަކެއް ކަމެއް ސެމްސަންގުން ހާމަނުކުރި ނަމަވެސް، މިދިޔަ އަހަރު ސެމްސަންގުން ހާމަކުރި ގޮތުގައި އެކުންފުންޏަށް ބެޓެރީ ސަޕްލައިކޮށްދެނީ ސެމްސަންގް އެސްޑީއައި ކިޔާ، އެކުންފުނީގެ ސަބްސިޑަރީއެއްގެ އިތުރުން، އެމްޕެރެކްސް ޓެކްނޮލޮޖީ ކިޔާ ޗައިނާ ކުންފުންޏެކެވެ.

ސެމްސަންގުން ބުނީ، ބެޓެރީ ސަޕްލަޔަރުންނާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އެޅުމަށް ނިންމާފައި ނުވާ ކަމަށާއި، ނަމަވެސް މިކަމުގެ ޒިންމާ ނަގައި، ސަޕްލަޔަރުން ސަޕްލައިކުރާ ބެޓެރީތައް ވަކި ސްޕެސިފިކޭޝަނަކަށް އުފެއްދުމަށް އަންގާފައިވާ ކަމަށެވެ.

"ބެޓެރީ ޑިޒައިނާއި ބެޓެރީ އުފެއްދުމުގެ މަސައްކަތް ކުރިޔަށް ދިޔަ އިރު އެކަންކަން ގާތުން ބެލިފައި ނުވުމަކީ ސެމްސަންގްގެ މައްސަލައެއް. އެކަމަށް ސެމްސަންގުން ޒިންމާ ނަގަން،" ސެމްސަންގުން ބުންޏެވެ.

comment ކޮމެންޓް