ހުޅުމާލޭން ހައްޔަރުކުރި އެމެރިކާ މީހާ ޑީޕޯޓު ކޮށްލަނީ

ހުޅުމާލޭގައި ހިންގި ހަރަކާތެއްގައި ޖޯން ސޭފޯޓް --

މޯލްޑިވްސް އިމިގްރޭޝަނުން ހޯމަ ދުވަހުގެ ރޭ މާލެއާއި ހުޅުމާލޭގައި ހިންގި އޮޕަރޭޝަނުގައި، ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅެމުންދާތީ ހައްޔަރުކުރި ހަތަރު ބިދޭސީން ޑީޕޯޓު ކޮށްލާނެކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

ހޯމަ ދުވަހުގެ ރޭ މޯލްޑިވްސް އިމިގްރޭޝަނުން ވަނީ، ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އޮޕަރޭޝަނެއް ހިންގައި، 10 މީހަކު ބަލައި ފާސްކޮށްފައެވެ. އެގޮތުން، ސައްހަ ޑޮކިއުމެންޓޭޝަން ނެތް ހަތަރު މީހަކު ހައްޔަރުކުރި އިރު، އޭގެ ތެރޭގައި، ހުޅުމާލޭގައި ގެސްޓްހައުސް ހިންގާ އެމެރިކާގެ އިންވެސްޓަރަކުވެސް ހިމެނެއެވެ.

ޖޯން ސޭފޯޓް ނަމަކަށް ކިޔާ، އުމުރުން 76 އަހަރުގެ އެ މީހާއަކީ، މީގެ އަހަރުތަކެއް ކުރިން ރާއްޖެ އައިސް، ދިވެހި ބަޔަކާ ގުޅިގެން ހުޅުމާލޭގައި "ލަ ވިއު ނީސް އިން"ގެ ނަމުގައި ގެސްޓްހައުސެއް ހުޅުވައި، އެ ވިޔަފާރީގައި ބައިވެރިވަމުން އަންނަ އިންވެސްޓަރެކެވެ.

މޯލްޑިވްސް އިމިގްރޭޝަންގެ ތަރުޖަމާނު ހަސަން ޚަލީލް "ސަން" އަށް މިއަދު ވިދާޅުވީ، އެ މުއައްސަސާއިން ވަކިވަކި މީހުންނާ ބެހޭ މައުލޫމާތު ހާމަ ނުކުރާ ކަމަށާއި، ނަމަވެސް މިވަގުތު ހަމަޖެހިފައި އޮތީ، މި ހަފްތާގައި ހުޅުމާލޭގައި ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރި ހަތަރު މީހުންވެސް ޑީޕޯޓު ކޮށްލާ ގޮތަށް ކަމަށެވެ.

"އެ ހަތަރު މީހުންގެ ތެރޭގައި އެބަތިބި 2014 އިން ފެށިގެން ވިސާ އާ ނުކޮށް އުޅޭ މީހުންވެސް،" ޚަލީލް ވިދާޅުވިއެވެ.

އެމެރިކާގެ ރާއްޖެއިން ހައްޔަރުކުރި މައްސަލައިގައި، ކޮލޮމްބޯގައި ހުންނަ އެމެރިކާ އެމްބަސީއިން ނެރުނު ބަޔާނެއްގައި ބުނީ، އެމެރިކާ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ވުރެ މުހިންމު ކަމެއް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓަށް ނޯންނާނެ ކަމަށެވެ.

އެހެން ނަމަވެސް ހައްޔަރުކުރި މީހާގެ ޒާތީ މައުލޫމާތު ރައްކާތެރިކޮށްދިނުމަށްޓަކައި، އެ މައްސަލައިގައި އިތުރު މައުލޫމާތު ހާމަކުރެވެން ނެތް ކަމަށް އެމެރިކާ އެމްބަސީއިން ބުނެއެވެ.

ޖޯން ސޭފޯޓްއަކީ ސޯޝަލް މީޑިއާގައިވެސް ހަރަކާތްތެރި، އަދި ދިވެހީންނާ ގާތް ގުޅުން ބާއްވަމުން އައި މީހެކެވެ. ފޭސްބުކްއާއި ޓްވިޓާގައި އޭނާ މައިގަނޑުގޮތެއްގައި ދައްކާ ވާހަކައަކީ، ގެސްޓްހައުސް ހުޅުވުމަށް އޭނާގެ އަތުން ފައިސާ ހޯދައި، އޭނާއަށް މަކަރުހަދައި ލަނޑު ދިން ވާހަކައެވެ.

އަދި އެމީހުން އޭނާއަށް މަކަރު ހަދައި، އޮޅުވާލާފައިވާ ކަމަށާއި، އޭނާގެ ޕާސްޕޯޓު ވަގަށް ނެގި މައްސަލަ ފުލުސް އޮފީހަށް ހުށަހަޅާފައިވާ ކަމަށް ވެސް އޭނާ ބުނަމުން ގެންދިޔައެވެ.

މިކަމާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ، ޖޯން ސޭފޯޓް ދިރިއުޅެމުން ދިޔަ ތަނުން ވައްކަންކޮށް، އޭނާގެ ޕާސްޕޯޓު ވަގަށް ނެގި މައްސަލަ 2014 ވަނަ އަހަރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި، އެ މައްސަލަ ތަހުގީގުކޮށް، ޕާސްޕޯޓު ގެއްލިފައިވާ ކަމުގެ ލިޔުމެއް ފުލުހުންގެ ފަރާތުން އޭނާއަށް ދިން ކަމަށެވެ.

comment ކޮމެންޓް