ހުޅުމާލޭގައި ގެސްޓްހައުސްގެ ވިޔަފާރިކުރާ ޢެމެރިކާގެ ރައްޔިތަކު ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފި އެވެ.
ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ އޮޕަރޭޝަނެއް ރޭގެ ވަގުތެއްގައި ހިންގި ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ސަންއަށް ވިދާޅުވި ގޮތުގައި، ރޭ އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނަށް ފުލުހުން އެއްބާރުލުން ދީފައިވެއެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ.
މޯލްޑިވްސް އިމިގްރޭޝަންގެ ތަރުޖަމާނު ހަސަން ޚަލީލް "ސަން" އަށް މިރޭ ވިދާޅުވީ، ރޭ ހިންގި އޮޕަރޭޝަނުގައި މާލެ އާއި ހުޅުމާލެއިން 10 ބިދޭސީއަކު ޗެކު ކުރި ކަމަށާއި، އޭގެ ތެރެއިން ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ރޭ ހުޅުމާލެއިން ހައްޔަރުކޮށްފައިވާ އެމެރިކާ ރައްޔިތަކީ ޖޯން ސޭފޯޓް ނަމަކަށް ކިޔާ މީހެކެވެ. އޭނާޢަކީ މީގެ އަހަރުތަކެއް ކުރިން ރާއްޖެ އައިސް، ދިވެހި ބަޔަކާ ގުޅިގެން ހުޅުމާލޭގައި ގެސްޓްހައުސެއް ހުޅުވައި، އެ ވިޔަފާރީގައި ބައިވެރިވަމުން އަންނަ އިންވެސްޓަރެކެވެ.
ސޯޝަލް މީޑިއާގައި ވެސް ހަރަކާތްތެރި މީހެއްގެ ގޮތުގައި ފެންނަ ޖޯން ސޭފޯޓް ގެންދިޔައީ، އޭނާއާ އެކު ވިޔަފާރީގައި ކުރިން ބައިވެރިވި ބަޔަކު އޭނާގެ ޕާސްޕޯޓު ވަގަށް ނަގާފައިވާ ކަމަށް ބުނެފަ އެވެ.
އަދި އެމީހުން އޭނާއަށް މަކަރު ހަދައި، އޮޅުވާލާފައިވާ ކަމަށާއި، އޭނާގެ ޕާސްޕޯޓު ވަގަށް ނެގި މައްސަލަ ފުލުސް އޮފީހަށް ހުށަހަޅާފައިވާ ކަމަށް ވެސް އޭނާ ބުނަމުން ގެންދިޔައެވެ.