އަގުތައް އުފުލެމުން އަންނައިރު، ކާބޯތަކެތި ގަންނަން އެހީއަށް އެދޭ މީހުންގެ އަދަދު އިތުރުވަނީ

އަމީނީމަގު ލޯކަލް މާރުކޭޓް: ކާބޯތަކެތީގެ އަގު އުފުލެމުން އަންނައިރު، ކާބޯތަކެތި ގަންނަން އެހީއަށް އެދޭ މީހުންގެ އަދަދުތައް ވެސް އިތުރުވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކާބޯތަކެތީގެ އަގު އުފުލެމުން އަންނައިރު، ފަގީރު ހާލަތުގައި ދިރިއުޅުމުގެ ސަބަބުން ކާބޯތަކެތި ގަންނަން މާލީ އެހީތެރިކަމަށް އެދުނު މީހުންގެ އަދަދު ވެސް މަހުން މަހަށް އިތުރުވަމުން އަންނަ ކަމަށް ތަފާސްހިސާބުން ދައްކައިފިއެވެ.

ސްޓެޓިސްޓިކްސް ބިއުރޯއިން މި މަހު އާންމުކުރި ތަފާސްހިސާބުން ވަނީ، މިދިޔަ ނޮވެންބަރު މަހު ވެސް، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު މާލޭގައި އަސާސީ ތަކެތީގެ އަގު އުފުލިފައިވާ ކަމަށް ދައްކައިފައެވެ.

އެ ތަފާސްހިސާބުގައިވާ ގޮތުން، މިދިޔަ މަހު، ކެއުމަށް ބޭނުންކުރާ ތަކެތީގެ އަގު ވަނީ މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެ 0.16 ޕަސެންޓް އިތުރުވެފައެވެ. އަދި ތަފާތު ބުއިންތަކުގެ އަގުތަކުން ވަނީ 2.91 ޕަސެންޓްގެ އިތުރުވުމެއް ފާހަގަވެފައި ކަމަށް ތަފާސްހިސާބުން ދައްކައެވެ.

https://sun.mv/214915

އޭގެ ފަހުން، މިއަދު ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)އިން އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި، ފަގީރު ހާލަތުގައި ދިރިއުޅުމުގެ ސަބަބުން ކާބޯތަކެތި ގަންނަން މިދިޔަ މަހު 713 މީހަކަށް 26،240 ރުފިޔާ ދީފައިވެއެވެ.

އެއާ އަޅައިބަލާއިރު، މިދިޔަ އޮކްޓޫބަރު މަހު އެފަދަ މާލީ އެހީ ފޯރުކޮށްދީފައިވަނީ 704 މީހުންނަށެވެ. އެގޮތުން އެ މީހުންނަށް ދޫކުރީ ޖުމްލަ 25،880 ރުފިޔާއެވެ. އަދި އޭގެ ކުރީ މަހު އެހީ ފޯރުކޮށްދިނީ 698 މީހުންނަށް ކަމަށްވާއިރު، އެ މީހުންނަށް މާލީ އެހީއަށް 25،640 ރުފިޔާ ދިން ކަމަށް ތަފާސްހިސާބުން ދައްކައެވެ.

އެހެންކަމުން، ފާއިތުވި ތިން މަހު ވެސް، ކާބޯތަކެތި ގަންނަން މާލީ އެހީއަށް އެދުނު މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ.

https://sun.mv/211577

ފަގީރު ހާލަތުގައި ދިރިއުޅޭ މީހުންނަށް ކާބޯތަކެތި ގަތުމަށް މާލީ އެހީ ދެނީ އިޖުތިމާއީ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމަކުންނެވެ. އެ އެހީ ފޯރުކޮށްދެނީ ކާބޯތަކެތީގެ ތެރެއިން ހަނޑޫ، ހަކުރު އަދި ފުށް ގަތުމަށެވެ.

އެ ޕްރޮގްރާމްގެ ދަށުން މާލީ އެހީގެ ގޮތުގައި ދެނީ، ކޮންމެ މީހަކަށް މީލާދީ ކޮންމެ މަހަކު 40 ރުފިޔާ އަދި ގޭބިސީއަކަށް ގިނަވެގެން 240 ރުފިޔާއެވެ.

އެ އެހީ ދިނުމަށް ބަލާ ޝަރުތުތަކީ:

  • ދިވެހި ރައްޔިތެއް ކަމުގައިވުން
  • ފަގީރުކަމުގެ ހާލަތު ދެނެގަތުމާ ބެހޭ ގޮތުން އެންސްޕާއިން ކަނޑައަޅާފައިވާ އުސޫލުގައި ބަޔާންކޮށްފައިވާ މިންވަރަށްވުރެ މަދުން މީލާދީ މަހެއްގެ މައްޗައް އާމްދަނީ ލިބޭ، ދިރިއުޅުމުގެ ހާލަތު ދަށް ފަރާތެއް ކަމުގައިވުން.

އަސާސީ ތަކެތީގެ އަގު އުފުލެމުން އަންނައިރު، ކާބޯތަކެތީގެ އަގު ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަންނަނީ ދައުލަތުގެ ހިއްސާ އޮންނަ އެސްޓީއޯ މެދުވެރިކޮށް، އަގު ބޮޑުވާ އެއްޗެއް އެތެރެކުރަމުންނެވެ.

މީގެ އިތުރުން، ތަރުކާރީއާއި މޭވާ ހިމެނޭ ގޮތަށް ޖުމުލަ 23 ބާވަތެއް ގަނޑުކޮށް އެތެރެކޮށް، ބާޒާރަށް ނެރުމަށް ސަރުކާރުން ވަނީ އެސްޓީއޯއާ ހަވާލުކޮށްފައެވެ.

comment ކޮމެންޓް