ކެމެރާމާން ޒަރީރަށް ހުކުމް އިއްވުން އަންނަ މަހު 27 ގައި

ރާއްޖެ ޓީވީގެ ވީޑިއޯ ޖާނަލިސްޓު އާދަމް ޒަރީރު ---- ފޮޓޯ: ރާއްޖެ ޓީވީ

ރާއްޖެ ޓީވީގެ ކެމެރާމަން އާދަމް ޒަރީރުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރި ކަމުގެ ދައުވާގެ ހުކުމް އިއްވުން އަންނަ މަހުގެ 27 ވަނަ ދުވަހަށް ތާވަލްކޮށްފިއެވެ.

ޒަރީރުގެ މައްޗަށް ހުކުމް ކުރަން ކުރިން ތާވަލްކުރީ މިއަދަށެވެ. ނަމަވެސް މިއަދު ވަނީ އެޝަރީއަތް ކެންސަލްކޮށްފައެވެ.

ޒަރީރު މރޭ ސަން އަށް ބުނީ އޭނާއަށް ހުކުމްކުރުން އަންނަ މަހުގެ 27 ވަނަ ދުވަހަށް ތާވަލްކޮށް މިރޭ ޗިޓް ހަވާލުކޮށްފައިވާ ކަމަށެވެ.

އޭނާގެ މައްޗަށް ދައުލަތުން ކުރި ދައުވާގައި ވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ 25 ވަނަ ދުވަހުގެ ރޭ އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާއާ ގުޅިގެން ބޮޑުތަކުރުފާނު މަގާއި މުހައްމަދު އިސްމާއީލް ދީދީ ގޯޅި ގުޅުނު ކަންމަތި ބެރިކޭޑް ޖަހައި ބަންދުކޮށްފައި ވަނިކޮށް، ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަށް ގަދަކަމުން ވަދެ އެ ސަރަހައްދުގައި ޖަހާފައިވާ ފުލުހުންގެ ޝީލްޑްތަކުގައި ކޮއްޕައި ފުލުހުންގެ ދައުރު އަދާކުރުމަށް ޒަރީރު ދަތިކޮށްފައިވާ ކަމަށެވެ.

އެ ދައުވާއަށް ޒަރީރު ވަނީ އިންކާރުކޮށްފައެވެ. ދައުވާއަށް އިންކާރުކޮށްފައިވާތީ ދައުވާ ސާބިތުކުރަން ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަސް މީގެކުރިން ވަނީ ނަގާފައެވެ.

ޚުލާސާ ބަޔާން ހުށަހަޅުއްވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ ދިފާއީ ހެކީންގެ ގޮތުގައި ޒަރީރު ހުށަހެޅި ތިން ނޫސްވެރިން އޭނާ އެފަދަ ކަމެއް ކުރި މަންޒަރު ނުފެންނަ ކަމަށް ބުނެފައި ވަނީ އެކުވެރިއަކު ކުށުން ބަރީއަކުރުމުގެ ގޮތުން ކަމަށާއި އެމީހުން ހެދީ ދޮގު ކަމަށެވެ.

ދައުލަތުގެ ވަކީލާ ވިދާޅުވީ، ދައުލަތުން ހުށަހެޅި ހެކިތަކަށް ބަލާއިރު، ގާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ މިންވަރަށް އެ ދައުވާ ސާބިތުވާ ކަމަށެވެ.

ޒަރީރުއާ އެއްކޮޅަށް ހެކިބަސްދިން މިހާރު ނޫހުގެ ފޮޓޯ ގްރާފަރު މުހައްމަދު ޝަރުހާނަކީ ރާއްޖެ ޓީވީގެ ނޫސްވެރިއެއް ކަމަށް ދައުލަތުގެ ވަކީލާ މިއަދު ވިދާޅުވިއެވެ.

ޒަރީރުގެ ގާނޫނީ ވަކީލު އަބްދުﷲ ހަސީން ވިދާޅުވީ ދައުލަތުން ހެދީ ދޮގެއް ކަމަށާއި ޝަރުހާން މަސައްކަތް ކުރަނީ މިހާރު ނޫހުގައި ކަމަށެވެ.

ހަސީން ވިދާޅުވީ، ގަރީނާގެ ގޮތުގައި ދައުލަތުން ހުށަހެޅި ވީޑިއޯ ފްޓޭޖުން ފެންނަ މަންޒަރު ތަކަށް ދިފާއީ ހެކީން ދީފައިވާ ހެކިބަހުން ބާރު ލިބޭ ކަމަށެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން ދޫކޮށްފައިވާ ފާސް އަޅައިގެން ކެމެރާ ހިފައިގެން ޒަރީރު ހުންނަ މަންޒަރު ސާފުކޮށް އެ ވީޑިއޯއިން ފެންނަ ކަމަށާއި ދައުވާގައި ބުނާފަދަ އެއްވެސް ކަމެއް ވީޑިއޯއިން ނުފެންނަ ކަމަށް ހަސީން ވިދާޅުވިއެވެ.

އެހެންކަމުން އެ ދައުވާ ސާބިތުނުވާ ކަމަށް ކަނޑައަޅައިދިނުމަށް ހަސީން ވަނީ އެދިވަޑައިގެންފައެވެ.

ރާއްޖެ ޓީވީގެ އިތުރު ދެ ނޫސްވެރިން ކަމުގައިވާ މުހައްމަދު ވިސާމާއި ލީވާން އަލީ ނާސިރުގެ މައްޗަށް އުފުލާފައިވާ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅުމުގެ ދައުވާގެ ހުކުމް އިއްވުން ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހަށް ވަނީ ތާވަލްކޮށްފައެވެ.

comment ކޮމެންޓް