އެމްޑީޕީ ޗެއާޕާސަން އިންތިޚާބުގެ ބަހުސް ބާއްވަނީ

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާޢީލާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) --

ވެރިކަން ކުރާ އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާޢީލާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި)ގެ ބަހުސެއް، ޓީވީން ދައްކާ ގޮތަށް ބާއްވަން ތައްޔާރުވެއްޖެއެވެ.

އެ ބަހުސް އިންތިޒާމު ކުރަނީ ރާއްޖެ ޓީވީންނެވެ.

ރާއްޖެ ޓީވީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެ ބަހުސްގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ފައްޔާޒާއި އިންތި ވެސް ވަނީ ވިދާޅުވެފައެވެ. އެއީ އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިޚާބާ ގުޅުވައިގެން އެ ދެ ބޭފުޅުންގެ ބަހުސެއް ޓީވީ ޗެނަލަކުން ބާއްވާ ފުރަތަމަ ފަހަރުކަން އެ އޮފިޝަލް ފާހަގަކުރެއްވިއެވެ.

އެ ބަހުސް ބާއްވާނެ ތާރީޚެއް ރާއްޖެ ޓީވީން އަދި ހާމަނުކުރެއެވެ.

ފަސް އަހަރުގެ ދައުރަކަށް ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިޚާބު އޮންނާނީ މި މަހުގެ 14 ވަނަ ދުވަހުއެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގެ ފޯރި ގަދަވެފައިވާއިރު، ދެ ކެންޑިޑޭޓުންގެ މެދުގައި ބަހުގެ ހަމަލާތައް އަންނަނީ ބަދަލުކުރަމުންނެވެ.

ގިނަ ބަޔަކު ދެކޭ ގޮތުގައި އެ އިންތިޚާބަކީ އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ކުރިމަތިލުމެކެވެ. ފައްޔާޒުގެ ފަހަތުގައި ރައީސް ޞާލިޙުގެ ސިޔާސަތުތަކަށް ތާއީދުކުރާ އެމްޑީޕީ މަޖިލިސް މެންބަރުންނާއި އާންމު މެންބަރުން ތިބިއިރު އިންތިގެ ފަހަތުގައި ތިބީ ރައީސް ނަޝީދުގެ ސިޔާސަތުތަކަށް ތާއީދުކުރައްވާ މެންބަރުންނެވެ.

comment ކޮމެންޓް