''ރަންތާޖު'' ޤުރުއާން މުބާރާތުގެ އެއްވަނަ ސާޢީއަށް

"ރަންތާޖު" މުބާރާތުގެ އެއްވަނަ އަށް ރައީސް ފައިސާގެ އިނާމު ހަވާލު ކޮށްދެއްވަނީ / ފޮޓޯ: ރަންތާޖު ފޭސްބުކް

ރިއަލިޓީ ޝޯއެއްގެ ގޮތުގައި ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ޤުރުއާން މުބާރާތްކަމުގައިވާ، "ރަންތާޖު" ޤުރުއާން މުބާރާތުގެ އެއްވަނަ ނ. ހޮޅުދޫ، މުޙައްމަދު ސާޢީ މުބާރިކް ހޯދައިފިއެވެ.

މި މުބާރާތުގެ ފައިނަލް މިރޭ ބާއްވާފައި ވާއިރު ސާޢީ އެއްވަނަ ހޯދާފައި ވަނީ ފައިނަލަށް ދިޔަ ހަތަރު ބައިވެރިންނާ ވާދަކޮށްގެންނެވެ.

އެއްވަނަ ހާސިލް ކުރުމަށްފަހު ވާހަކަދައްކަމުން ސާޢީ ބުނީ، އޭނާއަށް މި ހިސާބަށް އާދެވުނީ ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްގެން ކަމަށާއި، މިއަދު ހާސިލްވީ އެތައް ދުވަހެއްގެ އުއްމީދެއް ކަމަށެވެ.

ސާޢީގެ ވާހަކައިގައި އޭނާވަނީ އޭނާގެ މަންމައަށް އަސަރުން ފުރިގެންވާ މެސެޖެއް ރައްދު ކޮށްފައެވެ. އޭނާއަށް މުބާރާތް ކާމިޔާބު ކޮށްދިނުމުގައި މަންމަ ވެދިން އެހީތެރިކަމަށް ފަށްފަށުން ޝުކުރު އަދާކޮށްފައިވެއެވެ.

"ރަންތާޖު" މުބާރާތުގެ އެއްވަނަ ހާސިލް ކުރުމަށްފަހު ސާޢީ ޝުއޫރު ފާޅުކުރަނީ / ފޮޓޯ: ރަންތާޖު ފޭސްބުކް ޕޭޖް

މި ރަންތާޖުގެ އަސްލު ހަގީގީ ވެރި ފަރާތަކީ އަޅުގަނޑެއް ނޫން. އެއީ މަންމަ. މި މުބާރާތުގައި ބައިވެރިވީއްސުރެން މަންމަ ތިވީ ގުރުބާނީގެ އަގު އަޅުގަނޑަށް އަދައެއް ނުކުރެވޭނެ. މަންމަ އާ ނުލައި އަޅުގަނޑު މިހިސާބަށް އައުމަކީ ނާދިރު ކަމެއް. މަންމަ ތި ވެދިން ގުރުބާނީގެ ޒައްރެއްގެ މިންވަރު ނަމަވެސް މި ރަން ތާޖާ އެކު އަދާ ކުރެވޭނެ ކަމަށް އުއްމީދު ކުރަން. މުހައްމަދު ސާޢީ މުބާރިކް

މީގެ އިތުރުން، ކުރިއަށް އޮތް ތަނުގައި އެކި ސީޒަންތަކަށް ބަހާލައިގެން މިފަދަ އިތުރު ޤުރުއާން މުބާރަތްތައް ބާއްވައި، ޤުރުއާން ކިޔެވުމުގެ ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ކުދިންނަށް އެ ފުުރުސަތު ފަހި ކޮށްދިނުމަށް މަސައްކަތް ކުރާނެ ކަމަށް އުއްމީދު ކުރާ ކަމަށްވެސް ސާޢީ ވަނީ ބުނެފައެވެ.

ފައިނަލަށް ދަތުރުކުރި ބައިވެރިން / ފޮޓޯ: ރަންތާޖު ފޭސްބުކް

ސާޢީއަށް "ރަންތާޖު" ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްއެވެ. އޭނާއަށް އިނާމުގެ ގޮތުގައި 300،000 ރުފިޔާ ލިބިފައިވެއެވެ.

މި މުބާރާތުގެ ދެވަނަ ހާސިލްކޮށްފައިވަނީ މާލެ ސިޓީ، ފާތިމަތު ތުގާ ހަލީމްއެވެ. އަދި ތިން ވަނަ ހާސިލް ކޮށްފައިވަނީ ޔައީޝް މުހައްމަދު ނިޔާޒްއެވެ.

މި މުބާރާތުގެ އޮޑިޝަން ރާއްޖޭގެ ހަ ސަރަހައްދެއްގައި ބާއްވާފައިވާއިރު، މުބާރާތުގެ އޮޑިޝަންގައި 111 ފަރާތަކުން ބައިވެރިވިއެވެ. މި މުބާރާތަކީ އިސްލާމިކް މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީއާއި ރާއްޖެ ޓީވީ ގުޅިގެން ފާއިތުވި ރޯދަމަހު ފެށި މުބާރާތެކެވެ.

comment ކޮމެންޓް