ރާއްޖެ ޓީވީ ރޯކޮށްލި މީއާދަށް ދެ އަހަރުގެ ޖަލު ހުކުމެއް

ރާއްޖެ ޓީވީ ކުރިން ހިންގި އިމާރާތުގައި ރޯކޮށްލާފައި ----

ރާއްޖެ ޓީވީ ރޯކޮށްލިކަމުގެ ކުށް ސާބިތުވެ ހ. ގަސްވާ މުހައްމަދު މީއާދު ދެ އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

ރާއްޖެ ޓީވީ ރޯކޮށްލާފައި ވަނީ އޮކްޓޯބަރު 6، 2013 ވަނަ ދުވަހުގެ ރޭ ފަތިހު 4:42 ހާއިރު މޫނު ނިވާކޮށްގެންތިބި ހަ މީހެއްގެ ގްރޫޕަކުންނެވެ. އަލިފާން ރޯކޮށްލުމުގެ ކުރިން ރާއްޖެ ޓީވީ އޭރު ހިންގި "ކުއީން އޮފް ދަ ނައިޓް"ގެ އިމާރާތުގެ ސެކިއުރިޓީ ބަލަހައްޓަން އިން މީހާ އަށް ހަމަލާދިނެވެ. އެއަށް ފަހު އެތަނުގެ ދޮރު ހަލާކުކޮށްލައިގެން ވަދެ އެތަނުގެ މޭޒުތަކަށް ޕެޓްރޯލް އަޅައި ރޯކޮށްލީއެވެ.

މީގެ ހަ އަހަރު ކުރިން ކުރި ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން މިއަދު އިއްވި ހުކުމްގައި ވަނީ ދައުވާއަށް އޭނާ އިންކާރު ކުރިނަމަވެސް މައްސަލަ ސާބިތުކުރެވޭ މިންވަރަށް ދައުލަތުން ހެކި ގަރީނާ ހުށަހަޅާފައިވާ ކަމަށެވެ. އެހެންކަމުން ޓެރަރިޒަމްގެ އަމަލެއް ހިންގުމުގެ ކުށުން އޭނާ ކުށްވެރިވެއްޖެ ކަމަށް އެ ކޯޓުން ވަނީ ކަނޑައަޅާފައެވެ.

ނަމަވެސް އޭނާއަށް އަދަބު ކަނޑައަޅާފައި ވަނީ ގާނޫނުލް އުގޫބާތުގެ ދަށުން މުދަލަށް ގެއްލުން ދިނުމުގެ ކުށުގައެވެ. އެ ގާނޫނުގެ ދަށުން އަދަބު ކަނޑައެޅީ ކުށެއް ކުރުމާއި އެކުށެއް ކުރި މީހާއަށް ހުކުމް ކުރުމާ ދެމެދު އެ ކުރި ކުށުގެ އަދަބަށް ގާނޫނަކުން ގެންނަ ބަދަލަކުން ލުޔެއްދީފައިވާނަމަ، އެމީހަކަށް ދޭންވާނީ ފަހުން ހެދި ގާނޫނުގައިވާ އަދަބު ކަމަށް ގާނޫނު އަސާސީގެ 59 ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާތީއެވެ. ގާނޫނުލް އުގޫބާތަކީ އެ ދައުވާކުރި ޓެރަރިޒަމްގެ ގާނޫނަށްވުރެ ފަހުން ހެދި ގާނޫނެކެވެ.

ރާއްޖެޓީވީ ރޯކޮށްލުމުގެ ދައުވާލިބޭ ހ. ގަސްވާ މުހައްމަދު މީއާދު -- ފޮޓޯ ޕޮލިސް

ރާއްޖެޓީވީ ރޯކޮށްލުމުގައި އަނިޔާވެރިކަމަށް ފަރުވާލެއް ނެތްކަން މީއާދުގެ ކިބައިން ފެންނަކަމަށްވެސް ހުކުމްގައިވެއެވެ.

ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުންނާއި ހާދިސާ ހިނގި ސަރަހައްދުން ފެނިފައިވާ އަންގިއަކުން މީއާދުގެ ޑީއެންއޭ ފެނިފައިވާކަމަށް ވެސް އެ ހުކުމްގައިވެއެވެ. އަދި މީއާދުގެ ގައިން އަލިފާނުގެ އަސަރުކޮށްގެން ފިހިފައި ހުންނަ ޒާތުގެ ނިޝަންތަކެއްވެސް ވަނީ ފެނިފައެވެ.

comment ކޮމެންޓް