ރަނގަޅު ކޯޗުންގެ އެހީތެރިކަމާއެކު ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވޭނެ!

މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ފޯވަޑް ޔޯކް(ވ) އަދި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް(ކ) --- ފޮޓޯ/ ފަޔާޒް މޫސާ

ރަނގަޅު ކޯޗުންގެ އެހީތެރިކަމާއެކު ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވޭނެ ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ފޯވަޑް ޑްވައިކް ޔޯކް ބުނެފިއެވެ.

މިރޭ ބާއްވާ މޯލްޑިވްސް ފުޓްބޯލް އެވޯޑް ނައިޓްގެ ހާއްސަ މެހެމާނެއްގެ ގޮތުގައި ބައިވެރިވުމަށް ރާއްޖެ އައިސް އިއްޔެ ނޫސްވެރިންނަށް މައުލޫމާތުދެމުން ޔޯކް ބުނީ، ކުރީގެ ކުޅުންތެރިންނާއި ފެންވަރު ރަނގަޅު ކޯޗުންގެ އެހީތެރިކަމާއެކު ރާއްޖޭގެ ކުޅުންތެރިންގެ ފެންވަރު ރަނގަޅު ކުރެވިދާނެ ކަމަށެވެ.

"ރަނގަޅު ފެންވަރުގެ ވަސީލަތްތަކާއި، ކުޑަ ލީގެއް އޮވެ، ރަނގަޅު ކުޅުންތެރިން ނެތްނަމަ ދެން ކުރަން އޮތް ކަމަކީ ރާއްޖޭގެ ކުރީގެ ކުޅުންތެރިންނާއި ރަނގަޅު ކޯޗުންގެ އެހީތެރިކަމާއެކު ފުޓްބޯޅައިގެ ކަންތައް ދަސްކޮށްދީ، ފުޓްބޯޅަ ކުޅުންތެރިންގެ ހުނަރު ތަރައްގީކުރަން މަސައްކަތްކުރުން،" އޭނާ ބުންޏެވެ.

ޔޯކް ބުނީ، ހަމައެކަނި މެޗުތަކެއް ކުޅެގެން ކުޅުންތެރިންގެ ފެންވަރު ރަނގަޅު ނުވާނެ ކަމަށާއި އެކަމަށް ރަނގަޅަށް ކޯޗުކޮށްދޭން ޖެހޭ ކަމަށެވެ. ކުޅުންތެރިންނަށް ފުޓްބޯޅައިގެ ކަންތައްތައް ރަނގަޅަށް ކިޔައިދެވިގެން، ކުޅުންތެރީންގެ ފެންވަރު ރަނގަޅުކުރެވޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.

"އޭރުން ކުޅުންތެރިންގެ ކުޅުމާއި ހުނަރު ތަރައްގީކުރެވޭނީ. އިންޑިއަން ސުޕަ ލީގުން ވެސް ކުރިއަށް އެގެންދަނީ އެފަދަ ކަމެއް. ކުޅުންތެރިންގެ ކުޅުން ރަނގަޅު ކުރުވުމަށް ބިދޭސީ ކުޅުންތެރިންނާއި ކޯޗުން ގެންނަން ޖެހޭ،" އޭނާ ބުންޏެވެ.

ޓްރިނިޑާޑް އެންޑް ޓޮބޭގޯ ގައުމީ ޓީމަށް 74 މެޗު ކުޅެދީފައީވާ ޔޯކް ވަނީ ޔުނައިޓެޑްގެ އިތުރުން އެސްޓަން ވިލާއާއި، ބްލެކްބާން ރޯވާޒްއާއި، ބާމިންހަމް ސިޓީއާއި ސަންޑަލޭންޑްގެ އިތުރުން އޮސްޓްރޭލިއާގެ ސިޑްނީ އެފްސީއަށް ވެސް ކުޅެފައެވެ.

ޔޯކް އެންމެ ބޮޑަށް ފާހަގަ ވެގެންދިޔައީ 1998-2002 އަށް ޔުނައިޓެޑަށް ކުޅުނު ދުވަސްވަރެވެ. އޭނާ ވަނީ ޔުނައިޓެޑްގައި 1999-1998 ވަނަ ސީޒަނުގެ ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔާގެ މާގާމު ހޯދައި، އެޓީމަށް ކުޅެދިން 147 މެޗުގައި 65 ގޯލު ކާމިޔާބްކޮށްދީފައެވެ.

އެލެކްސް ފާގަސަންގެ އިރުޝާދުގެ ދަށުން ޔޯކް ވަނީ އިނގިރޭސި ޕްރިމިއާ ލީގު ތިން ފަހަރު އަދި ޗެމްޕިއަންސް ލީގާއި އެފްއޭ ކަޕް އެއް ފަހަރު ކާމިޔާބުކޮށްފައެވެ.

comment ކޮމެންޓް