އަލިފާން ރޯވުމުން ލިބުނު ގެއްލުން 8.6 މިލިއަނަށް، އެހީއަށް ހަތަރު މިލިއަން ހޭދަކުރި

މާޗް 22، 2016: ސިނަމާލެ-1 ފްލެޓްގައި އަލިފާން ރޯވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވޭތުވެ ދިޔަ ދެ އަހަރު ތެރޭގައި ހިނގި އަލިފާނުގެ ހާދިސާތަކުގެ ސަބަބުން ގެއްލުން ލިބުނު މީހުންނަށް އެހީތެރިވުމަށް ހަތަރު މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ބުނެފި އެވެ.

މިދިޔަ ދެ އަހަރު ތެރޭގައި އަލިފާނުގެ ބޮޑު ހަތް ހާދިސާ ވަނީ ހިނގައިފަ އެވެ. އޭގެ ތެރެއިން ފަސް ގެއަކަށް ގެއްލުންވި އިރު 228 މީހުންނަށް ވަނީ ވަގުތީ ހިޔާވަހިކަން ފޯރުކޮށްދީފަ އެވެ. އަދި ދެ ވިޔަފާރިއަކަށް ބޮޑެތި ގެއްލުންތަކެއްވި އެވެ.

ޑިޒާސްޓާ އިން ސަން އާ ހިއްސާކޮށްފައިވާ ތަފާސް ހިސާބްތަކަށް ބަލާއިރު އެ ހާދިސާތަކުގެ ސަބަބުން ގޭބިސީތަކަށް ލިބުނު ގެއްލުން 8.6 މިލިއަން ރުފިޔާއަށް އަރަ އެވެ.

ގެއްލުންވި ފަރާތްކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް 600،000 ރުފިޔާ ހަރަދުކޮށްފައިވާ އިރު ގޭބިސީތަކަށްވި ގެއްލުންތަކަށް އެހީގެ ގޮތުގައި 3.4 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ޑިޒާސްޓާ އިން ބުނެ އެވެ.

އެކަން ހައްލު ކުރުމަށް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރާއި އެލައިޑް އިންޝުއަރެންސްގެ އިސްލާމިކް ވިންޑޯ، އަޔާދީ ތަކަފުލް ގުޅިގެން ވަނީ "ކާރިސާ ތަކަފުލް"ގެ ނަމުގައި އިންޝުއަރަންސް ޕެކޭޖެއް ތައާރަފްކޮށްފަ އެވެ. އެއިންޝުއަރެންސް ސުކީމުގެ ދަށުން ލިބޭ ގެއްލުންތަކުގެ ބަދަލުދޭއިރު ވަގުތީ ހިޔާވަހިކަން ވެސް ފޯރުކޮށްދެ އެވެ.

comment ކޮމެންޓް