ކްލިކް ކޮލެޖާއި އެންސީޖީސީ ގުޅިގެން ޒުވާނުންނަށް ޚާއްސަ ވޯކްޝޮޕެއް ބާއްވަނީ

ކްލިކް ކޮލެޖުގެ ކޯސްތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ބޭއްވި އިވެންޓެއް - ފޮޓޯ: ކްލިކް ކޮލެޖް

ކްލިކް ކޮލެޖާއި، ނޭޝަނަލް ކެރިއާ ގައިޑެންސް ސެންޓާ ގުޅިގެން ޒުވާނުންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމުގެ މަގުސަދުގައި "ޕާސަނަލް ބްރޭންޑިންގް"ގެ ނަމުގައި މިއަދު ވޯކްޝޮޕެއް ބާއްވަން ނިންމައިފި އެވެ.

މި ވޯކްޝޮޕް އޮންނާނީ ބިލަބޮން ހައި އީޕީއެސް އިންޓަނޭޝަނަލް ސްކޫލުގައި މިއަދު ހަވީރު 04:00 އިން މިރޭ 20:00 އަށެވެ. މި ޕްރޮގްރާމުގައި ބައިވެރިން ތަމްރީން ކުރައްވާނީ އަވަށްޓެރި ސްރީލަންކާގެ މައި މުވާސަލާތީ ކުންފުނިކަމުގައިވާ "ޑައިލޮގް" ކުންފުނީގެ ކޯ ޓްރެއިނާ، ރެކްސް ޕިޓިޔާގޭ އެވެ.

މިއަދު ބާއްވާ މި ވޯކްޝޮޕްގައި އަމިއްލަ ޝަޚްސިއްޔަތެއް ބިނާ ކުރުމުގެ މުހިއްމު ކަމާއި ޕާސަނަލް ބްރޭންޑިންގެ އެހީގައި ވަޒީފާގެ ބާޒާރުގައި ތިމާގެ އަގު އުފުލޭނެ ގޮތާއި އެކި ދާއިރާތަކުގައި ޕާސަނަލް ބްރޭންޑިންގެ ބޭނުން ހިފޭނެ ގޮތްތަކާއި ޚިދުމަތް ހޯދާ ފަރާތްތަކަށް އެ ޚިދުމަތެއްގެ ފުރިހަމަ ތަޖުރިބާ ފުރިހަމައަށް ފޯރުކޮށްދިނިމުގައި ޕާސަނަލް ބްރޭންޑިން އަދާކުރާ ދައުރާއި އެ ނޫންސްވެސް މައުޟޫއާ ގުޅުން ހުރި އެކި ދާއިރާތަކުން ބައިވެރިންނަށް ތަޖުރިބާ އާއި ތަމްރީން ދެވޭނެ އެވެ.

ކްލިކް ކޮލެޖުގެ ސީއެސްއާރު ހަރަކާތެއްގައި ގޮތުގައި ބާއްވާ މި ވޯކްޝޮޕުގައި ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލާފައިވާއިރު ބައިވެރިވުމަށް ފައިސާ ދައްކާކަށް ނުޖެހޭނެ އެވެ.

މި ވޯކްޝޮޕްގައި ބައިވެރިވުމަށް، ޚިދުމަތް ފޯރުކޮށްދިނުމުގެ ސިނާއަތާ ގުޅުން ހުރި އެކި މުއައްސަސާތަކާއި ކުންފުނިތަކަށް އެކޮލެޖުން ވަނީ ދައުވަތު އަރުވާފައެވެ. މި ޕްރޮގްރާމުގައި އެކޮލެޖުން ލިބެން ހުރި މަތީ ތައުލީމުގެ ފުރުސަތުތަކާ ބެހޭ މައުލޫމާތުވެސް ލިބިގެން ދާނެ އެވެ.

comment ކޮމެންޓް