ޕެސިފިކް އެސޯއިއޭޝަން އޮފް ޓުއާ އޮޕަރޭޓާސް (ޕާޓާ) އިން ރާއްޖޭގައި ބާއްވާ ޚާއްސަ ކެޕޭސިޓީ ބިލްޑިންގް، ނޫނީ މީހުން ތަމްރީން ކުރުމުގެ ވޯކްޝޮޕް ބަނޑޮސް އައިލެންޑް ރިސޯޓްގައި މިއަދު ފަށައިފި އެވެ.
މަޓާޓޯއާ ގުޅިގެން ޕާޓާ އިން ފެށި މި ވޯކްޝޮޕް ކުރިޔަށްދިޔުމަށް ހަމަޖެހިފައި ވަނީ ދެ ދުވަހުގެ މުއްދަތަށް، މިއަދު އަދި މާދަމާގެ ނިޔަލަށެވެ.
ބަނޑޮސް އައިލެންޑްގައި ކުރިޔަށްދާ މިވޯކްޝޮޕްގައި ރާއްޖޭގެ މާކެޓިންގް އަދި ކްރިއޭޓިވް ދާއިރާގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުންހުރި ޖުމުލަ 35 ފަރާތަކުން ވަނީ ބައިވެރިވެފަ އެވެ.
ޕާޓާ އެކަޑަމީގެ ނަމުގައި ޕާޓާ އިން ކޮންމެ އަހަރަކު ދެފަހަރު ބާއްވާ މި ހާއްސަ ހަރަކާތް މިހާތަނަށް ކުރިޔަށް ގެންގޮސްފައި ވަނީ އެ އެސޯސިއޭޝަންގެ ހެޑް އޮފީސް ހުންނަ ތައިލެންޑްގެ ބެންގްކޮކްގަ އެވެ.
"ޕާޓާގެ ޕްރޮގްރާމެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރުމީ، ދެން އިވެންޓް މި ހާއްސަ ކޮށްލީ ބްރޭންޑިންގް، މާކެޓިންގް (އަދި) ކްރިއޭޓިވް ޕްރޮޑަކްޝަންތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް. ދެން ހާއްސަކޮށް މިބެލީ ޓްރެވެލް ސެކްޓާގައި ޑެސްޓިނޭޝަން މާކެޓިންގްގައި މަސައްކަތްކުރާ ފަރާތްތަކަށް ޓެކްނިކަލް ޓްރެއިނިންގްއެއް ފޯރުކޮށްދިނުމަށް،" މިވޯކްޝޮޕާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން މަޓާޓޯގެ ސެކެޓްރީ ޖެނެރަލް އިބްރާހިމް މުނާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މަޓާޓޯ އިން ކުރިޔަށް އޮތްތަނުގައި ވެސް މިފަދަ ޓްރެއިނިންގް ޕްރޮގްރާމްތައް ޕާޓާއާ ގުޅިގެން ރާއްޖޭގައި ބާއްވަން ވަނީ ހަމަޖެހިފަ އެވެ.
ޕާޓާ އެކަޑަމީގެ ނަމުގައި ޕާޓާ އިން މަޓާޓޯއާާ ގުޅިގެން ބަނޑޮސް އައިލެންޑްގައި ކުރިޔަށްގެންދާ ކެޕޭސިޓީ ބިލްޑިންގް ވޯކްޝޮޕްގެ މިފަހަރުގެ ތީމްއަކީ 'ދި އާޓް އޮފް ސްޓޯރީޓެލިންގް" އެވެ.
މި ވޯކްޝޮޕްގެ ބައިވެރިންނަށް ތަމްރީން ދިނުމަށް ހަމަޖެހިފައިވާ ޕާޓާ ޓީމުގައި ހޮލީވުޑްގެ ބައެއް ސްޓޫޑިއޯތަކާ އެކު މީގެ ކުރިން މަސައްކަތް ކޮށްފައިވާ ކެނެޑާގެ ޑައިރެކްޓާ އަދި ސިނެމަޓޮގްރަފަރު ކައިލް ސެންޑިލެންޑްސް، ޓްރިޕް މީގެ ހެޑް އޮފް ގްރޯތު ޓްރެވަރ ވެލްޓްމަން، ސްކޮޓް އެކްސްޕީރިއަންސް ޑިޒައިންގެ ފައުންޑަރު ޑުންގް މޮސް ޑަންގް، އަދި ޕްރޮފެޝަނަލް ޓްރެވަލް ބްލޮގަރސް އެސޯސިއޭޝަންގެ ރައީސް މެޓް ގިބްސަން ހިމެނެ އެވެ.