ސަލާމަތީ ސަބަބުތަކާ ހެދި މޮރޮކޯގައި މޫނު ބުރުގާ މަނާކޮށްފި

ސަލާމަތީ ސަބަބުތަކާ ހެދި މޮރޮކޯއިން ވަނީ މޫނު ބުރުގާ އުފެއްދުމާއި ވިއްކުން މަނާކޮށްފި -- ފޮޓޯ: ގެޓީ

ރަބާތް (ޖެނުއަރީ 11): ސަލާމަތީ ސަބަބުތަކާ ހެދި މޮރޮކޯގައި މޫނު ބުރުގާ ފަހައިގެން ހެދުމާއި، ވިއްކުން މަނާކޮށްފައިވާ ކަމަށް އެގައުމުގެ މީޑިއާތަކުން ބުނެފި އެވެ.

މޫނު ބުރުގާ މަނާ ކުރުމާ ބެހޭ ގޮތުން މޮރޮކޯގެ ސަރުކާރުން ރަސްމީ އިއުލާނެއް ނުކުރި ނަމަވެސް މީޑިއާ ރިޕޯޓުތަކުގައިވާ ގޮތުން އެގައުމުގެ އިންޓީރިއާ މިނިސްޓްރީން ވަނީ މޫނު ބުރުގާ އުފައްދާ ފަރާތްތަކާއި ވިއްކާ ފަރާތްތަކުން އެމަސައްކަތް ހުއްޓާލުމަށް ބުނެ ލިޔުމަކުން އިންޒާރުދީފަ އެވެ.

އަދި މޫނު ބުރުގާ ވިއްކާ ފިހާރަތަކުން އެބުރުގާތައް 48 ގަޑި އިރުތެރޭ ހުސްނުކޮށްފި ނަމަ ސަރުކާރުން އެބުރުގާތައް ނަގާނެ ކަމަށް ބުނެ އެފަދަ ފިހާރަތަކަށް އިންޓީރިއާ މިނިސްޓްރީން ފޮނުވާފައިވާ ނޯޓިސްއެއްގެ ފޮޓޯ އެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ކަމަށް ގައުމުގެ ނޫސްތަކުން ބުނެ އެވެ.

"އަޅުގަނޑުމެން ވަނީ މިގައުމަށް މޫނު ބުރުގާ އެތެރެ ކުރުމާއި، އުފެއްދުމާއި، ވިއްކުން މުޅިން މަނާ ކޮށްފަ،" އިންޓީރިއާ މިނިސްޓްރީގެ އިސް އޮފިޝަލަކާ ހަވާލާދީ މޮރޮކޯގެ ނޫހެއްގައިވެ އެވެ.

އެނޫހުގައިވާ ގޮތުން މޫނު ބުރުގާ މަނާ ކުރީ ވައްކަން ކުރާ މީހުން ތަކުރާރުކޮށް މޫނު ބުރުގާ ބޭނުން ކުރާތީ ސަލާމަތީ ފިޔަވަޅެއްގެ ގޮތުންނެވެ. (އިންޑިޕެންޑެންޓް)

comment ކޮމެންޓް