ޣައްޒާގެ އާންމުންނަށް ދެމުންގެންދާ ހަމަލާތައް އަރަބި ގައުމުތަކުން ކުށްވެރިކޮށްފި

ޣައްޒާގެ އިރުމައްޗަށް ބުރާސްފަތި ދުވަހު ދީފައިވާ ހަމަލާއެއް ފޮޓޯ/އިންގްލިޝް އާސަތް ނޫސް

އިސްރާއީލުން ޣައްޒާއަށް އަމާޒުކޮށް ދެމުންގެންދާ ހަމަލާތައް އާންމު ރައްޔިތުންނަށް އަމާޒުކޮށް، ބައިނަލް އަގުވާމީ ގާނޫނުތަކާ އިސްރާއީލުން ހިލާފުވަމުންދާތީ، ނުވަ އަރަބި ގައުމަކުން އެކަން ކުށްވެރިކޮށްފިއެވެ.

މި އަމަލުތައް ކުށްވެރިކޮށްފައިވާ ގައުމުތަކަކީ ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)، ޖޯޑަން، ބަހްރެއިން، ސައުދީ އަރަބިއާ، އޮމާން، ގަތަރު، ކުވައިތު، ބަހްރައިން އަދި މޮރޮކޯއެވެ. މި ގައުމުތަކުގެ ޚާރިޖީ ވަޒީރުން ބުރާސްފަތި ދުވަހު ނެރުއްވި ބަޔާނަކާ ހަވާލާދީ އަލްއަރަބިޔާ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުން، ހަމާސްއިން ދިން ހަމަލާއަކަށް އިސްރާއީލުން އަމިއްލަ ދިފާއުގައި ހަމަލާތައް ދިން ނަމަވެސް، ފަލަސްތީނުގެ އާންމު ރައްޔިތުންނަށް އަމާޒުކޮށް ހަމަލާތައްދީ އަނިޔާވެރިވުމަކީ އެ މީހުންގެ ހައްގުތަކަށް އަރައިގަތުމެވެ.

"އަމިއްލަ ދިފާއުގައި މަސައްކަތްކުރުގެ ހައްގަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ އިންސާނީ ގާނޫނުތަކާ ހިލާފުވުމެއް ނޫން. ނުވަތަ ގަސްދުގައި ފަލަސްތީނުގެ ރައްޔިތުންގެ ހައްގަށް އަރައިގަތުމެއް ނޫން." ވަޒީރުން ނެރެއްވި ބަޔާނުގައިވެއެވެ.

އަދި މަޖުބޫރުވެގެން ގެދޮރު ދޫކޮށްލަން ޖެހުމާއި، ރައްޔިތުންނަށް ދެމުންދާ އަނިޔާ ކުށްވެރިކޮށްފައިވާއިރު، ފަލަސްތީނާއި އިސްރާއީލުގެ މައްސަލައަށް ސިޔާސީ ހައްލެއް ނުލިބުމުން ފަލަސްތީނާއި އިސްރާއީލުގެ ރައްޔިތުން އަދި އެ ސަރަޙައްދުގެ ރައްޔިތުންނަށް ވަނީ ތަކުރާރުކޮށް އަނިޔާވެރިކަމާއި ކުރިމަތިލާން ޖެހިފައި ކަމަށް ވެސް ވަޒީރުންގެ ބަޔާނުގައި އިތުރަށް ވިދާޅުވެފައިވެއެވެ.

ފަލަސްތީނުގެ ދިފާއުގައި މަސައްކަތްކުރާ އެ ގައުމުގެ ހަތިޔާރު އެޅި ޖަމާއަތް ކަމަށްވާ ހަމާސް އިން ދިން ހަމަލާއެއްގެ ރައްދުގައި އިސްރާއީލުން ދޭން ފެށި ހަމަލާތަކުގެ ސަބަބުން މުޅި ޣައްޒާ ވަނީ ހާލުގައި ޖެހިފައެވެ. ފެނާއި ކަރަންޓު އަދި ކާބޯތަކެތި ލިބޭނެ ގޮތެއްވެސް ނެތެވެ.

އިސްރާއީލުގެ ލާއިންސާނީ އަމަލުތަކުގެ ޝިކާރައަކަށްވެ، މި މަސް ތެރޭގައި ފަލަސްތީނުގެ 7000އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ.

comment ކޮމެންޓް