ކެއްސުމަށް އޮތް އެންމެ ރަނގަޅު ފަރުވާއަކީ ޗޮކްލެޓް!

ކެއްސުމަށް އޮތް އެންމެ ރަނގަޅު ފަރުވާއަކީ ޗޮކްލެޓްކަމަށް، އިނގިރޭސިވިލާތުގެ ސައިންސްވެރިއަކު ހެދި ދިރާސާއަކުން ދައްކައިފި އެވެ.

އިނގިރޭސިވިލާތުގެ ހަލް ޔުނިވާސިޓީގެ ޕްރޮފެސާ އެލިން މޮރީސްއަކީ ކެއްސުމާއި، އޭގެ އަސަރުތަކާ ބެހޭ ގޮތުން އެތައް މައުލޫމާތެއް އެނގޭ، އެކަމާ ގުޅޭ މާހިރެކެވެ. އޭނާ ލިޔުއްވި ރީސާޗު ޕޭޕަރެއްގައި ވިދާޅުވެފައި ވަނީ، ކެއްސުމަށް އެންމެ ރަނގަޅު ފަރުވާތަކަކީ މާމުއި ނުވަތަ ލުނބޯހުތް ކަމަށް މީގެ ކުރިން ހީވެފައި އޮތް ނަމަވެސް، ހަގީގަތުގައި ޗޮކްލެޓަކީ މި ދެ އެއްޗަށް ވުރެ މާ ރަނގަޅު ފަރުވާއެއް ކަމަށެވެ.

ޕްރޮފެސާ އެލިން ވިދާޅުވީ، ވިލާތުގައި މިހާތަނަށް މި ދާއިރާގައި ހެދުނު އެންމެ ބޮޑު ދިރާސާގައި، ކެއްސުމަށް ފަރުވާ ދިނުމަށް ޓަކައި، ޗޮކްލެޓް އަޅާފައިވާ ބޭހެއް 163 ޕޭޝަންޓަކަށް ދެވުނުނު ކަމަށެވެ.

ޕްރޮފެސާ ވިދާޅުވީ، ޕޭޝަންޓުންގެ ސިއްހަތު ގާތުން މޮނީޓަރުކުރަމުން ދިޔަ އިރު، އެ ބޭސް ކައިގެން ދެ ދުވަސްތެރޭގައި ގާތްގަނޑަކަށް އެންމެންގެ ކެއްސާ ބަލި ފަސޭހަވި ކަމަށެވެ.

އޭނާ ވިދާޅުވީ، މިކަމުގައި އިސް ރޯލެއް އަދާކުރަނީ އެ ބޭހުގައިވާ ޗޮކްލެޓުގައި ހިމެނޭ ކޮކޯގެ މާއްދާތައް ކަމަށެވެ.

ޗޮކްލެޓަކީ އާންމުކޮށް މީހުން ބޭނުންކުރާ ކެއްސާ ބޭހަށް ވުރެ އޮޮލަ އެއްޗަކަށް ވާތީ، ކަރުގެ އެތެރޭގައިވާ ނާރުތައް ނިމޭކޮޅުގައި ރައްކާތެރިކަމުގެ ފަށަލައެއް އޭގެން ލައެވެ. ނަތީޖާއަކަށް ވަނީ، ކެއްސުމަށް ކަރުތެރޭގައި އުފެދޭ އުނދަގޫކަން ނުއުފެދުމެވެ.

ޕްރޮފެސަރު ވިދާޅުވަނީ، މާމުޔާއި ލުބޮލާއި، ހަކުރު ހުންނަ އެހެން ސިރަޕްތަކުން ވެސް ކެއްސުމަށް ހައްލު ލިބޭ ނަމަވެސް، ކޮކޯގައި އެތަކެތީގައި ނުހުންނަ މާއްދާއެއް ހުންނަކަން ޔަގީން ކަމަށެވެ.

އެހެނެ ނަމަވެސް، ހޮޓް ޗޮކްލެޓް ފަދަ އެއްޗެއް ބުއިމާއި، ކޮކޯ ހުންނަ އެއްޗެއް ކެއުމާ ތަފާތުކަމަށް އޭނާ ވިދާޅުވި އެވެ. އެއީ ހޮޓް ޗޮކްލެޓް ދިޔާވެފައި، ކަރުތެރޭގެ ނާރުތަކުގެ ކޮޅުގައި އެއްކަލ ރައްކާތެރިކަމުގެ ފަށަލަ ލާ ވަރަށް އޭގައި ކޮކޯ ނުހުންނާތީ އެވެ.

ނަމަވެސް ޗޮކްލެޓެއް މަޑުމަޑުން ކެއުމަކީ އެއާ ޚިލާފަށް، މަސައްކަތް ކުރާނެ ކަމެއް ކަމަށް ޕްރޮފެސަރު އެލިން މޮރީސް ވިދާޅުވެ އެވެ.

comment ކޮމެންޓް