މާބަނޑުތަ؟ ރޯދަމަހު މި ކަންކަމަށް ސަމާލުވޭ

އަންހެނަކު، ކުޑަކުއްޖަކު ގޮވައިގެން: މާބަނޑުއިރު ރޯދައަށް ހުންނައިރު ގިނަ ކަންތައްތަކަކަށް ސަމާލުކަން ދޭންޖެހޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާބަނޑު ދުވަސްވަރަކީ އަމިއްލަ ސިއްހަތަށްދޭ ސަމާލުކަމާ އެއްވަރަށް ބަނޑުގައި އޮންނަ ދަރިފުޅުގެ ދުޅަހެޔޮ ކަމަށް ވެސް ޚާއްސަ އިސްކަމެއް ދޭންޖެހޭ ދުވަސްވަރެކެވެ. ރަމަޟާން މަހު ރޯދައަށް ހުރުމުން މާބަނޑު މީހާއަށާއި ބަނޑުގައި އޮންނަ ދަރިފުޅަށް އެކަމުން ނޭދެވޭ އަސަރުކުރާކަމުގެ އެކަށީގެންވާ ހެކިތަކެއް މިހާތަނަށް ދިރާސާތަކުން ހޯދިފައިނުވާއިރު މި ދުވަސްވަރު ރޯދަށް ހުރުމާ މެދު ގޮތެއް ނިންމަންވާނީ ޑޮކްޓަރުގެ ލަފާ ހޯދުމަށް ފަހެވެ.

ދުބާއީގެ މެޑްކެއަ ވިމެން އެންޑް ޗިލްޑްރެން ހޮސްޕިޓަލުގައި މަސައްކަތް ކުރައްވާ އަންހެނުންގެ ޚާއްސަ ޑޮކްޓަރު ޑރ. ޝިވާ ހަރީކްރިޝްނަންގެ ބްލޮގްގައި މި މައުޟޫއާ ގުޅޭގޮތުން ވަރަށް މުހިއްމު މައުލޫމާތުތަކެއް ކިޔުންތެރިންނާ ވަނީ ހިއްސާކޮށްފައެވެ.

ރޯދައަށް ހުރި ނަމަވެސް މާބަނޑު ދުވަސްވަރު ސިއްހަތަށް ފައިދާހުރި ކެއުންތަކަށް އިސްކަންދިނުން މުހިއްމު--ފޮޓޯ/ޕޭރެންޓިންގް

މި ބްލޮގްގައި ބަޔާންކޮށްފައިވާ ގޮތުގައި މާބަނޑު ދުވަސްވަރު ސިއްހީ ގޮތުން އެއްވެސް ކަހަލަ މައްސަލައެއް ނެތް މައިންނަށް ރޯދައަށް ހުރެވިދާނެއެވެ. ނަމަވެސް، އެ ނިންމުމަކީ އެއީ އެ މީހެއްގެ އަމިއްލަ ނިންމުމަކަށް ވާން ވާނެ ކަމަށް ޑރ .ޝިވާ ބަޔާންކޮށްފައިވެއެވެ.

ރޯދަ މަހު ދުވާލުގެ ވަގުތު ނުކައި ނުބޮއެ ހުރުމުގެ ސަބަބުން ދަރިފުޅަށް ބޭނުންވާ ނިއުޓްރިއެންޓް މާއްދާތައް ނުލިބިދާނެ ކަމަށް ބައެއް މައިންނަށް ހީކުރެވި ދަރިފުޅުގެ ބަރުދަނަށް އޭގެ ނޭދެވޭ އަސަރުކޮށްފާނެކަމުގެ ކަންބޮޑުވުން ހުންނަ ކަމަށް މި ލިޔުމުގައި ވަނީ ބަޔާންކޮށްފައެވެ.

މާބަނޑު އަންހެނުންގެ ތެރެއިން ލޭގެ ޕްރެޝަރު މަތި އަންހެނުންނާއި، ހިތުގެ ބަލި ހުންނަ އަންހެނުންގެ އިތުރުން ހަކުރު ބަލި ހުންނަ އަންހެނުން ރޯދައަށް ހުރުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށް ވެސް ޝިވާގެ ލިޔުމުގައި ވަނީ ފާހަގަކޮށްފައެވެ.

ރޯދައަށް ހުރުމަށްފަހު ސިއްހީގޮތުން އެއްވެސް މައްސަލައެއް ތަޖުރިބާކުރެވޭނަމަ ޑޮކްޓަރެއްގެ އެހީތެރިކަން ހޯދުމަށް އަވަސްވެގަންނަންޖެހޭ--ފޮޓޯ/މެޑްޕޭޖްޓުޑޭ

ބަލިވެ އިނުމަށް ފަހު އަންނަ ފުރަތަމަ ޓްރައިމެސްޓާއަކީ ބަނޑުގައިވާ ދަރިފުޅަށް ހަކަތަ ބޭނުންވާ މިންވަރު މަދު ދުވަސްކޮޅަކަށްވުމުން މި ދުވަސްވަރު ރޯދައަށް ހުރުމަކީ ރައްކާތެރި ކަމެއް ކަމަށް ޝިވާ ވަނީ ފާހަގަކޮށްފައެވެ.

ރޯދައަށް ހުންނައިރު މާބަނޑު މީހުން ސަމާލުކަންދޭންޖެހޭ މުހިއްމު ކަންކަމުގެ ތެރޭ، ރޯދަވީއްލުމަށް ފަހު ހާރު ކެއުމާ ދެމެދު އޮންނަ ވަގުތުތަކުގައި ފެނުގެ މާއްދާ ގިނައިން ހުންނަ މޭވާއާއި ތަރުކާރީ ކެއުމަށް ސަމާލުކަން ދޭންވާނެ ކަމަށް ޝިވާ ވަނީ އިރުޝާދުދީފައެވެ.

ބައެއް އަންހެނުންނަށް ކާނާ ހަޖަމުކުރުމުގެ މައްސަލަ ކުރިމަތިވެދާނެތީ ރޯދައަށް ހުންނަ ނަމަ ފައިބާ ގިނައިން އެކުލެވޭ ކާނާތައް ކެއުމަށް އިސްކަންދީ ވަރުބަލިކޮށްލާ ކަހަލަ ހަރަކާތްތަކާ ދުރުވުމަށް ޝިވާ ވަނީ ލަފާދީފައެވެ. ހަމައެއާއެކު ކެފެއިން އެކުލެވޭ ބުއިންތަކާ ދުރުވެ، ވީހާ ވެސް ގިނަ ވަގުތު އަރާމު ކުރުމަށް އިސްކަން ދިނުމަށް ވެސް މި ލިޔުމުގައި ވަނީ އިރުޝާދުދީފައެވެ.

މާބަނޑު ދުވަސްވަރު ރޯދައަށް ހުރުމުން ބޯއަނބުރާ، މާ ބޮޑަށް ވަރުބަލިކަން އިހުސާސްވާ ނަމަ ރޯދަ ދޫކޮށްލުމަށް ޑރ. ޝިވާ އިރުޝާދު ދީފައިވެއެވެ. ބަރުދަން ލުއިވާކަމުގެ އިހުސާސްކުރެވި ކުޑަކަމުދިއުން މަދުވުމަކީ މައިމީހާ ޑީހައިޑްރޭޓްވުމަށް މެދުވެރިވެދާނެ ކަމެއް ކަމުން ރޯދަ ދޫކޮށްލުމަކީ އެންމެ ރައްކާތެރިގޮތް ކަމަށް ޑރ. ވަނީ ލަފާދީފައެވެ.

comment ކޮމެންޓް