ރޯދަ މަހު ގިނަ ވަގުތު ހުސްބަނޑަށް ހުރުމުގެ ސަބަބުން ގޭސްޓްރިކް މައްސަލަ ދިމާވުމަކީ ވަރަށް ގިނަ މީހުން ތަހައްމަލުކުރާ ކަމެކެވެ.
އެހެންކަމުން ރޯދަ މަހު ކެއުމުގެ ވައްޓަފާޅި ގެންގުޅުމުގައި އަޅުގަނޑުމެން ވަރަށް ބޮޑު ސަމާލުކަމެއް ދޭންޖެހެއެވެ. ގޭހުގެ މައްސަލަ ނޫނަސް ހުސް ބަނޑާ ހުރުމުގެ ސަބަބުން ބަނޑުގެ އެކި އެކި މައްސަލަތައް މިސާލަކަށް ބޮޑުކަމު ނުދެވުން ފަދަ ކަންކަން ވެސް ބައެއް މީހުންނަށް ކުރިމަތިވެއެވެ.
މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން އަމިއްލައަށް ސަމާލުކަން ދެވިދާނެ ކަންކަމުގެތެރޭ ރޯދަވީއްލާ ވަގުތު އެއްފަހަރަ މާގިނައިން ކެއުމުން ދުރުވުމަށް އިންޑޮނޭޝިއާއަށް ނިސްބަތްވާ ޑރ.ދިކްސީ ނޮވްރިތަސާރީ އިރުޝާދު ދެއްވައެވެ.
ޑރ.ދިކްސީ މުތާލިއާ ކުރައްވާފައިވާ ސިއްހީ ލިޔުމެއްގައި ފާހަގަކުރައްވާފައިވާ ގޮތުގައި ރޯދައަށް ހުންނައިރު ދިމާވާ ބަނޑުގެ އެކި އެކި މައްސަލަތަކުން ދުރުހެލިވުމަށް ކުރެވިދާނެ ކަންކަމުގެތެރޭ ތެޔޮ ކާނާ އަދި ހަވާދުގެ ބާވަތްތައް ކެއުމުން ދުރުހެލިވުން ހިމެނެއެވެ.

ރަމަޟާން މަހު ކެއުމުގެ ވައްޓަފާޅި ވަކިގޮތަކަށް ބެހެއްޓުމުން ގޭހުގެ މައްސަލައަށް ހައްލެއް ގެނައުމަށް ފަސޭހަވޭ--ފޮޓޯ/ވެރީވެލްހެލްތު
ހަމައެއާއެކު މާ ހުތްގަދަ ކެއުންތަކުން ދުރުވުމަށް ވެސް ޑރ. ދިކްސީ ވަނީ އިރުޝާދު ދެއްވާފައެވެ. ސަބަބަކީ އޭގެ ސަބަބުން ގޭސްޓްރިކް ބައްޔަށް މީހާ ހުށަހަޅައިދިނުމުގެ ފުރުސަތު އޮތުމުންނެވެ. ރޯދަ ވީއްލާ ވަގުތު ޕޯޝަންތަކަކަށް ބަހާލައިގެން ލަސްލަހުން ކެއުމަށް އަޅުގަނޑުމެންނަށް އާދަކުރެވިދާނެ ކަމަށް ޑރ.ދިކްސީ ވަނީ ފާހަގަކުރައްވާފައެވެ.
ހަމައެއާއެކު ރޯދަވީއްލާ ވަގުތާ ދިމާކޮށް ބުއިމެއްގެ ގޮތުގައި ކޮފީ އަދި ސައި ހިމެނުމަކީ ވެސް ބަނޑުގެ މައްސަލަތަކަށް މީހާ ހުށަހަޅައިދޭ ކަމެއް ކަމަށް މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ގޭސްޓްރިކް މައްސަލަ ބޮޑުވެ އެކަމަށް ހައްލެއް ނުލިބޭނަމަ ސިއްހީ ފަރާތެއްގެ އިރުޝާދު ހޯދުމަށް އަވަސްވެގަތުން މުހިއްމު--ފޮޓޯ/މެޑްލައިންޔުނިވަސިޓީ
އޭގެ ބަދަލުގައި ރޯދަވީއްލާ ވަގުތު ގުދުރަތީ މޭވާއިން ތައްޔާރުކޮށްފައިވާ ތާޒާ ޖޫހެއް ހިމަނާލެވިދާނެއެވެ. ރޯދަވީއްލުމަށް ހަޖަމުކުރަން ފަސޭހަ ކެއުންތައް ހިމަނާލުމަކީ ވެސް ބަނޑުގެ އުނދަގޫތަކުން ނުވަތަ ގޭސްޓްރިކް މައްސަލަތަކުން ދުރުވުމަށް ކުރެވިދާނެ ކަމެކެވެ. މިސާލަކަށް ސޫޕް، ބަތްޕެން ނުވަތަ ގޮދަނުން ތައްޔާރުކޮށްފައިވާ ޕާން، ބަނަސް ކަހަލަ ކެއުމެއް ޚިޔާރުކުރެވިދާނެއެވެ.
ދިވެހީން ރޯދަވީއްލަން އާއްމުކޮށް ތައްޔާރުކުރާ ވަރަށް ގިނަ ހެދިކާތަކަކީ އޭގައި ކާށި ހުނި އެކުލެވޭ ބާވަތްތައް ކަމުން ރޯދަވީއްލާ ވަގުތު މިފަދަ ހެދިކާތަކާ ދުރުވުމަކީ ވެސް ގޭސްޓްރިކް މައްސަލަތަކުން ދުރުކޮށްދޭނެ ކަމެއް ކަމަށް ޑރ. ދިކްސީ ވަނީ ފާހަގަކުރައްވާފައެވެ.
ގޭސްޓްރިކް މައްސަލަތަކުން ދުރުވުމަށް ރޯދަވީއްލާ ވަގުތު ޖެހުމުން ލަސްނުކޮށް ކެއުމަށް ސަމާލުކަން ދިނުމަކީ ވެސް ވަރަށް މުހިއްމު ކަމެކެވެ. ހަމައެއާއެކު ލުއި ކަސްރަތު ކުރުމަށް ހާއްސަ ސަމާލުކަމެއްދީގެން ގަވައިދުން ކަސްރަތު ކުރުމަކީ ވެސް ހަށިގަނޑުގެ މަޓަބޮލިޒަމް މަތިވެ ބަނޑުގެ ސިއްހަތު ސަލާމަތުން ބެހެއްޓުމަށްޓަކައި ކުރެވިދާނެ ކަމެކެވެ.
ރޯދަ މަހު ގޭސްޓްރިކް މައްސަލަ މާގިނައިން ތަހައްމަލު ކުރެވޭނަމަ ލަސްނުކޮށް ސިއްހީ އެހީތެރިއެއްގެ އެހީ ހޯދުމަށް އަބަދުވެސް އިސްކަން ދިނުމަށް މި ލިޔުމުގައި ވަނީ އިރުޝާދު ދެއްވައިފައެވެ.