ރަމަޟާން މަހަކީ އަޅުގަނޑުމެންގެ ކެއުމަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނަ މަހެކެވެ.
ރޯދައަށް ތައްޔާރުވުމުގެ ގޮތުން ކުރެވޭ އެންމެ ހޫނުގަދަ ބަހުސްތައް އެ މަހު ގޭގައި ތައްޔާރުކުރާ ކެއުންތަކާ ގުޅިފައިވާއިރު ކެއްކުމަށް ބޭނުންވާ ސާމާނު ވެސް ގިނަ އަދަދަކަށް މި މަހު ގިނަ ބަޔަކު ގެއަށް ވައްދާކަން ފާހަގަކޮށްލެވެއެވެ.
ހާއްސަކޮށް ގޭގައި ތައްޔާރުކުރެވޭ ފޮނިކާ ތަކެތީގެ މިންވަރު އިތުރުވާ މި މަހު މިއީ ވަރަށް ބޮޑު ސަމާލުކަމެއް ދިނުން މުހިއްމު ކަމެކެވެ.
ހާރު ކެއުމަށާއި ރޯދަ ވީއްލުމަށް ތައްޔާރުކުރެވޭ މައިގަނޑު ދެ ކެއުމުގައި ވެސް ހަކުރު އަދި ލޮނު ހިމަނާލާ މިންވަރު މަދު ކުރުމަށް އިނގިރޭސިވިލާތުގެ ލަންޑަންގެ ރެޖިސްޓަޑް ނިއުޓްރިޝަނިސްޓް ޑރ.ކައުޘަރު ހާޝެމްގެ ބްލޮގްގައި ހިއްސާކޮށްފައިވާ ލިޔުމެއްގައި ވަނީ އިރުޝާދު ދީފައެވެ.

ރޯދަ މަހު ފޮނިކެއުންތަކާއި ދުރުވާން އުނދަގޫ ނަމަ ކެއުމުގައި ފޮނި ކާތަކެތި ހިމަނާލާ މިންވަރު މަޑުމަޑުން މަދުކޮށްލުމަށް މަސައްކަތް ކުރެވިދާނެ--ފޮޓޯ/ޑެއިލީލައިފް.ލަންކާ
ކެއުމުގައި ހިމަނާ ލޮނު އަދި ހަކުރުގެ މިންވަރު މަދުކުރުމުން ރޯދަ މަހު ސިއްހަތަށް ހެޔޮ ބަދަލުތަކެއް އައިސް ކުރި މަގުގައި ވެސް ދުޅަހެޔޮ ސިއްހަތެއްގައި މީހާ ދެމިހުރުމަށް އެހީތެރިވެދޭނެ ކަމަށް ޑރ.ކައުޘަރުގެ ލިޔުމުގައި ވަނީ ފާހަގަކޮށްފައެވެ.
ލޭގެ ޕްރެޝަރު މަތިވުންފަދަ ބައްޔެއް ތަހައްމަލު ނުކުރި ނަމަވެސް ކެއުމުގައި ލޮނު ހިމަނާލާ މިންވަރު މަދު ކުރުމުން މާބޮޑަށް ބަނޑުހައިވެ މީހާ ޑީހައިޑްރޭޓްވުމުން ދުރުކޮށްދިނުމަށް އެހީތެރިވެދޭ ކަމަށް ޑރ.ކައުޘަރު ވަނީ އިރުޝާދު ދީފައެވެ.
އެއްފަހަރާ ކެއުމުގައި ލޮނު މަދު ކުރުމަކީ ކުރިން އާދަވެފައި ނުހުންނަ ކަމަކަށްވުމުން މި އާދަ ގައިގައި ހަރުލެވުމަށް މަޑުމަޑުން ކެއުމުގައި ބޭނުންކުރާ ލޮނުގެ މިންވަރު މަދު ކުރަމުން ގެންދެވިދާނެ ކަމަށް ޑރ. ކައުޘަރުގެ ލިޔުމުގައި ވަނީ ބުނެފައެވެ.

ގިނައިން ލޮނު އެކުލެވޭ ކެއުންތަކުގެ ބަދަލުގައި ހަށިގަނޑަށް ނިއުޓްރިއަންޓްސްގެ މާއްދާ ލިބިދޭ ކާނާ ކެއުމަށް ސަމާލުކަން ދެވިދާނެ--ފޮޓޯ/ރިއަލްފުޑް
ގޭގައި ކައްކާ ކެއުންތަކަށް ލޮނު އަޅާ މިންވަރު މަދުކުރި ނަމަވެސް ފިހާރަތަކުން ގަންނަ ޕްރޮސެސްޑް ކެއުންތަކުގައި ވެސް ލޮނުގެ މިންވަރު މަތީ އަދަދަކަށް ހުންނަ ބާވަތްތައް ހުރެއެވެ. އެހެންކަމުން އެކި ކަހަލަ ސޯސް، އެކި ކަހަލަ ޑިޕް ނުވަތަ ޑީޕް ފްރައިޑް ކެއުންތައް ގަތުމުގެ ބަދަލުގައި ގޭގައި އެ ތަކެތި ތައްޔާރު ކުރުމަކީ ވެސް ކުރެވިދާނެ ކަމެކެވެ.
ރޯދަ މަހަކީ ފޮނި ކެއުންތަކާ ވެސް އަޅުގަނޑުމެން ވަރަށް ރައްޓެހި މަހަކަށްވީ ނަމަވެސް ތައްޔާރުކުރާ ފޮނި ކެއުންތަކުގެ ބަދަލުގައި ގުދުރަތީ ގޮތުން ފޮނިކަމެއް އެކުލެވޭ ބާވަތްތައް ބޭނުން ކުރުމަކީ ހަށިގަނޑަށް ބޭނުންވާ ގިނަގުނަ ނިއުޓްރިއެންޓްސް އާއި ވިޓަމިންސް ހަށިގަނޑަށް ލިބޭނެ ކަމެކެވެ.
ރޯދަ ވީއްލުމަށްފަހު ވަރަށް ގިނަ މީހުންނަށް ބްލޯޓިންގް މައްސަލަ ދިމާވުމުގެ އިތުރުން ކެވޭ ކެއުންތަކުގެ ސަބަބުން މާ އަވަހަށް ބަނޑުފުރިފައިވާ ކަމުގެ އިހުސާސްވެސް ކުރުވައެވެ.
ނަމަވެސް ރޯދަވީއްލާ ވަގުތު ކެއުމުގައި ފައިބާ އާއި ޕްރޮޓީންސް އެކުލެވޭ ބާވަތްތަކުގެ އިތުރުން ތާޒާ މޭވާ ހިމެނޭ ކެއުމަށް އިސްކަން ދެވިއްޖެނަމަ މިއީ ކެއުމުގެ ލައިފްސްޓައިލްއަށް ގެނެވޭނެ ވަރަށް ރަނގަޅު ހެޔޮ ބަދަލެއްގެ ގޮތުގައި ޑރ.ކައުޘަރު ވަނީ ފާހަގަކޮށްފައެވެ.
ކެއުމުގައި ފޮނި ބާވަތެއް ހިމަނާލުމަކީ ގޯހެއް ނޫން ކަމަށާއި ނަމަވެސް ރޯދަ މަހު ފޮނި ބާވަތްތައް ބޭނުންކުރާ މިންވަރު މަދު ކުރުމަށް ޑރ.ކައުޘަރު ވަނީ އިރުޝާދުދީފައެވެ.
ރޯދަ މަހަކީ މުސްލިމުންނަށް އަންނަ ވަރަށް އުފާވެރި ދުވަސްކޮޅަކަށް ވުމުން ކެއުމުގެ ވައްޓަފާޅިއަށް ގެނެވޭ ވަރަށް ކުޑަކުޑަ ބަދަލަކުން ވެސް ތިމާގެ ދުޅަހެޔޮ ކަމަށް ހެޔޮ ބަދަލުތަކެއް އަޅުގަނޑުމެންނަށް ގެނެވިދާނެއެވެ.