އެއާ ޗައިނާ އަދި އިތުރު ދެ އެއާލައިނަކުން މި އަހަރު ރާއްޖެ އަށް ދަތުރު ފަށާނެ: އެމްއޭސީއެލް

އެއާ ޗައިނާގެ މަތިންދާ ބޯޓެއް --

ބޭރުގެ ތިން އެއާލައިނަކުން މި އަހަރު އަލަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުތައް ފަށާނެ ކަމަށް އެ އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.

އެމްއޭސީއެލްގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އާދިލް ވިދާޅުވީ ދުނިޔޭގެ ތިން ސަރަހައްދަކުން ތިން އެއާލައިނެއް ވެލާނާ އެއާޕޯޓަށް ސީދާ ދަތުރުތައް ފެށުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށާއި، އެ މަޝްވަރާތައް ކުރިޔަށް ދާ ކަމަށެވެ.

އާދިލް ވިދާޅުވީ، އޭގެ ތެރެއިން އެއް އެއާލައިނަކީ، އިންޑިއާގެ ދެ ސިޓީއަކުން މާލެއަށް ސީދާ ދަތުރުތައް ކުރަން ޝައުގުވެރިކަން ފާޅުކޮށްފައިވާ، އިންޑިއާގެ އެއާލައިނެއް ކަމަށެވެ. އެ އެއާލައިން، މި އަހަރުގެ މެދުތެރޭގައި ދަތުރުތައް ފަށާނެ ކަމަށް އުންމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިވަގުތު އިންޑިއާގެ ސިޓީތަކާއި މާލެއާ ދެމެދު ދަތުރުކުރާ، އިންޑިއާއަށް ނިސްބަތްވާ އެއަލައިންތަކަކީ އެއާ އިންޑިއާ އަދި ސްޕައިސްޖެޓެވެ.

މީގެ އިތުރުން، ޔޫރަޕުގެ ގައުމަކުން ރާއްޖެއަށް ސީދާ ދަތުރުކުރުމަށް މަޝްވަރާކުރަމުންދާ ކަމަށާއި އެ އެއާލައިން މިއަހަރުގެ ފަހުކޮޅު، ފިނި މޫސުމާ ދިމާކޮށް ފަށާނެ ކަމަށް އާދިލް ވިދާޅުވި އެވެ.

ތިން ވަނަ އެއާލައިނެއްގެ ގޮތުގައި އާދިލް ވިދާޅުވީ، ޗައިނާއިން ރާއްޖެއަށް ސީދާ ދަތުރުކުރަން ޝައުގުވެރިކަން ފާޅުކޮށްފައިވާ ޗައިނާގެ އެއާލައިނެކެވެ.

މިއިން އެއްވެސް އެއާލައިނަކުން ނަން ހާމަކުރަން މިވަގުތު ނޭދޭ ކަމަށް އާދިލް ވިދާޅުވި އެވެ.

އެހެން ނަމަވެސް، މީގެ ދެ ހަފްތާ ކުރިން ޗައިނާގެ އެމްބެސެޑަރު ވަންގް ފޫކަންގް ވަނީ، ޗައިނާގެ ގައުމީ އެއާލައިން "އެއާ ޗައިނާ"، ބެއިޖިންގްއާއި މާލެއާ ދެމެދު ސީދާ ދަތުރުތައް ކުރަން މަސައްކަތް ކުރާކަން ހާމަ ކުރައްވައިފަ އެވެ.

ސަފީރު ވަންގް ފޫކަންގް ވިދާޅުވީ އެއާ ޗައިނާ އިން ރާއްޖެއަށް ދަތުރުތައް ފެށުމަށް މަގުފަހިކޮށްދިނުމަށް ޓަކައި ޗައިނާ އެމްބަސީއިން ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

comment ކޮމެންޓް