ޗައިނާގެ ގައުމީ އެއާލައިން ރާއްޖެ ގެނައުމަށް މަސައްކަތް ކުރަނީ

ޗައިނާގެ ގައުމީ އެއާލައިން އެއާ ޗައިނާގެ ފްލައިޓެއް ---

ޗައިނާގެ ގައުމީ އެއާލައިން، "އެއާ ޗައިނާ" އިން ރާއްޖެއަށް އޮޕަރޭޓުކުރަން ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށް ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީން ބުނެފިއެވެ.

ޗައިނާ އެމްބަސީގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގް ފޫކަންގް ވިދާޅުވީ، ޗައިނާއާއި ރާއްޖެއާ ދެމެދު ގިނަ އަދަދެއްގެ އެއާލައިންތަކެއް ދަތުރުކުރި ނަމަވެސް، ދެގައުމުގެ ވެރިރަށްތަކުގެ ދެމެދުގައި ދަތުރުތައް ކުރަނީ މަދު އެއާލައިނަކުން ކަމަށެވެ.

"މިވަގުތު ރާއްޖެއާ ޗައިނާއާ ދެމެދު 13 އެއާލައިނަކުން ސީދާ ދަތުރުތައް ކުރޭ. އެކަމަކު އޭގެން ގިނައީ ޗާޓަރު ފްލައިޓުތައް. ބެއިޖިންގްއާ މާލެއާ ދެމެދު ސީދާ ދަތުރުކުރާ ހަމައެކަނި ދެ އެއާލައިނަކީ މެގަ މޯލްޑިވްސް އަދި ޗައިނާގެ ކެޕިޓަލް އެއާލައިން،" ސަފީރު ވިދާޅުވިއެވެ.

ސަފީރު ވިދާޅުވީ، މިވަގުތު އެމަނިކުފާނު އެންމެ ބޮޑު އަހައްމިއްޔަތެއް ދޭ މަސައްކަތަކީ ބެއިޖިންގްއާ ރާއްޖެއާ ދެމެދު، ޗައިނާގެ ގައުމީ އެއާލައިން "އެއާ ޗައިނާ"އިން ދަތުރުކުރުމަށް މަގުފަހިކޮށްދިނުން ކަމަށެވެ.

ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ވަންގް ފޫކަންގް -- ސަން ފައިލް ފޮޓޯ

"ދާދި އަވަހަށް އެއާ ޗައިނާއިން ރާއްޖެއަށް ސީދާ ދަތުރުތައް ފަށާތަން ދެކެން ބޭނުން. ބެއިޖިންގްގައި 20 މިލިޔަނަށް ވުރެ ގިނަ މީހުން ދިރިއުޅޭ. އޭގެން ކޮންމެ މީހަކު ރާއްޖެއަށް ދަތުރެއް ކޮށް ނިންމާލުމަށް އެތައް އަހަރެއް ބޭނުންވާނެ،

"ރާއްޖެއަށް ކޮންމެ އަހަރަކު 1.5 މިލިޔަނެއްހާ ފަތުރުވެރިން ޒިޔާރަތް ކުރާ އިރު، އަޅުގަނޑު ދެކެނީ އެއާ ޗައިނާއިން ރާއްޖެއާ ބެއިޖިންގްއާ ދެމެދު ސީދާ ދަތުރުތައް ފެށުމަކީ ރާއްޖެއަށް ޗައިނާއިން އަންނަ ފަތުރުވެރިންގެ އަދަދު މިހާރަށް ވުރެވެސް އިތުރުވާނެ ކަމަށް،" ސަފީރު ވިދާޅުވިއެވެ.

ަސަފީރު ވަންގް ފޫކަންގް ވިދާޅުވީ އެއާ ޗައިނާއިން ރާއްޖެއަށް ދަތުރުތައް ފެށުމަށް މަގުފަހިކޮށްދިނުމަށްޓަކައި ޗައިނާ އެމްބަސީއިން ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރަނީ ފަތުރުވެރިކަމާއި އެހެނިހެން ދާއިރާތަކުންވެސް ގުޅުން ބަދަހިކުރެވޭނެ ގޮތްތައް އިތުރަށް ބެލެން އެބަހުރި ކަމަށް. ޗައިނާގެ ފަތުރުވެރިންގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ،" ސަފީރު ވިދާޅުވިއެވެ.

އެއާ ޗައިނާގައި 395 އެއާކްރާފްޓުގެ ބޮޑު ފްލީޓެއް އޮންނަ އިރު، އެ އެއާލައިނުން ދުނިޔޭގެ 201 މަންޒިލަކަށް ދަތުރުކުރެއެވެ.

ރާއްޖެއާ ޗައިނާއާ ދެމެދު ގިނަ އެއާލައިންތަކަކުން މިހާރުވެސް ދަތުރުކުރެއެވެ. އެގޮތުން، ސިޗުއާން އެއާލައިންސްއިން މާލެއާއި ޗެންގްދޫއާ ދެމެދު ސީދާ ދަތުރުތައް ކުރާ އިރު، ޗައިނާ ސަދަން އެއާލައިންސްއިން ރާއްޖެއާ ގުއަންޖޯއާ ދެމެދު ސީދާ ދަތުރުތައް ކުރެއެވެ. އަދި މެގަ މޯލްޑިވްސްއިން މާލެއިން ބެއިޖިންގްއަށް އަދި ޝަންހާއީއަށް ސީދާ ދަތުރުތައް ކުރެއެވެ.

މީގެ އިތުރުން ގައުމީ އެއަލައިން މޯލްޑިވިއަންއިން ބެންގްކޮކް މަގުން، ޗައިނާގެ ޗަންގްޝާ، ޗެންގްދޫ، ޗޮންގްޗިންގް، ނަންޖިންގް، ވޫހާން އަދި ޝިއާންއަށްވެސް ދަތުރުތައް ބާއްވައެވެ.

comment ކޮމެންޓް