"ކުރިން ފޯމުލީ ހުރިހާ ކެންޑިޑޭޓުން ވެސް ވާދަކުރާނެ ކަމަށް އިލެކްޝަނުން ޔަގީން ކުރަން"

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަހުމަދު އަކްރަމް --- ސަން ފައިލް ފޮޓޯ

ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރަން މީގެ ކުރިން ފޯމުލީ ހުރިހާ ފަރާތްތަކުން ވެސް މިފަހަރު އަލުން ފޯމުލައި އިންތިހާބުގައި ވާދަކުރާނެ ކަމަށް ޔަގީން ކުރާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އަދާލަތު ޕާޓީން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަނުކުރުމަށް އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ ބައްދަލު ވުމަކަށް ފަހު ނިންމާފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން އިލެކްޝަނުން ދެކޭ ގޮތާ ބެހޭ ގޮތުން 'ސަން' އިން ސުވާލު ކުރުމުން ކޮމިޝަނުގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ އިންތިހާބުގެ ތާރީހަށް ބަދަލު އައިސްގެން އިންތިހާބުގައި ވާދަކުރާ ހައިސިއްޔަތަށް ބަދަލު އަންނަ ކަމަށެވެ.

"އިންތިހާބުގެ ތާރީހަށް އަންނަ ބަދަލުތަކާ އެކުގައި މަސްރަހަށް އަންނަ ބަދަލުތަކާ ގުޅިގެން ހައިސިއްޔަތަށް ބަދަލު އަންނާނެ. އެއީ އަބަދު ވެސް އެކަން ހިނގާ ގޮތް،" އަކްރަމް ވިދާޅުވި އެވެ.

އިލެކްޝަނުން އަބަދުވެސް ޔަގީން ކުރަނީ ވީހާ ވެސް ގިނަ ފަރާތްތަކުން އިންތިހާބުގައި ވާދަކުރުން ކަމަށް އަކްރަމް ވިދާޅުވި އެވެ.

އަދާލަތުން އިންތިހާބު ބޮއިކޮޓް ކޮށްފައި ވަނީ އެއީ "ގާނޫނު އަސާސީއާ ދެކޮޅަށް ހިންގޭ އިމެއް ނެތް ބޭއިންސާފު ޖަރީމާއަކަށް ވާތީ" ކަމަށް އަދާލަތުން ވަނީ ބުނެފަ އެވެ. އަދި "އެންމެހައި އަނިޔާވެރި، ގާނޫނާ ޚިލާފު، ބޭއިންސާފު ޖަރީމާތަކަށް އިންކާރުކޮށް، އިހްތިޖާޖުކޮށް ކުށްވެރިކުރާ ކަމަށް" ވެސް އަދާލަތުން ވަނީ ބުނެފަ އެވެ.

މީގެކުރިން ލޯކަލް ކައުސިލް އިންތިހާބު ބާއްވަން ކަނޑައެޅި ތާރީހަކީ 14 ޖެނުއަރީ އެވެ. ނަމަވެސް ދެމަސް ދުވަހަށް އިންތިހާބު ފަސްކުރަން ކޯޓުން ހުކުމް ކުރުމާ ގުޅިގެން މިހާރު އިންތިހާބު ބާއްވާނެ ކަމަށް އިލެކްޝަނުން އިއުލާނުކޮށްފައިވާ ތާރީހަކީ އޭޕްރީލް އަށެކެވެ.

comment ކޮމެންޓް