ކުރިއަށް އޮތްތަނުގައި ވެސް ދެމިހުންނަނީ ފަސް ވަގުތު ނަމާދުކުރާ މީހުން ސިޔާސީ މައިދާނަށް ނެރުމުގެ މަތީގައި ކަމަށް، މަޖިލީހުގެ އިންތިޚާބުން ނާކާމިޔާބުވި ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.
އިމްރާނާ އެކު އަދާލަތު ޕާޓީގެ ހަތަރު ކެންޑިޑޭޓުން މި ފަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރިއެވެ. އޭގެ ތެރެއިން އެއްވެސް ކެންޑިޑޭޓަކަށް ގޮނޑި ކާމިޔާބެއް ނުކުރެވުނެވެ.
އަދާލަތު ޕާޓީގެ ރައީސްކަން ކުރައްވާ އިމްރާން މަކުނުދޫ ދާއިރާއަށް ވާދަކުރެއްވިއިރު 793 ވޯޓާ އެކު އިންތިޚާބުން ލިބުނީ ނާކާމިޔާބީއެކެވެ.
ނަތީޖާއަށް ފަހު އެކްސްގައި ފުރަތަމަ ކުރެއްވި ޕޯސްޓްގައި އިމްރާން ވިދާޅުވީ އޭނާ މިހާތަނަށް ކުރަމުން އައި އަދި އެކަމެއްގެ މަތީގައި ހަޔާތުގެ ބާކީ އޮތް ބައިގައި މާތް ﷲގެ ވާގިފުޅާ އެކު ދެމި ހުންނާނީ ފަސް ވަގުތު ނަމާދުކުރާ މީހުން ސިޔާސީ މަސައްކަތުގެ އިސް ސަފަށް ނެރެ ބާރުވެރި ކުރުމަށް ކަމަށެވެ.
އިމްރާނާއި އަދާލަތު ޕާޓީއަށް އިންތިޚާބުގައި ލިބުނު ދަށް ނަތީޖާއާ ގުޅޭގޮތުން އިތުރު ތަފުސީލު ހޯދާލުމަށް އިމްރާނަށް ގުޅާލުމުން ފޯނަށް ޖަވާބު ނުދެއްވާތީ އިތުރު ތަފުސީލެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.
ރާއްޖޭގައި ސިޔާސީ ޕާޓީތައް ހެދުމުގެ ހުއްދަދިންތާ މާ ގިނަ ދުވަސްތަކެއްނުވެ، އުފެއްދި އަދާލަތު ޕާޓީއަކީ އިންތިޚާބުތަކުން މާ ބޮޑު ކުރިއެރުމެއް ލިބޭ ޕާޓީއެއް ނޫނެވެ. އެ ޕާޓީގެ ޓިކެޓްގައި މިހާތަނަށް އިންތިޚާބުތައް ކާމިޔާބު ކުރެވިފައިވަނީ މަދު ބޭފުޅުންތަކަކަށެވެ.
ވެރިކަން ހޯދާ ގިނަ ކޯލިޝަންތަކުގައި އަދާލަތު ޕާޓީން މީގެ ކުރިން ބައިވެރިވެ، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ގިނަ ސިޔާސީ މަގާމުތަކެއް މީގެ ކުރިން ފުރުއްވާފައިވެއެވެ.
އަދާލަތު ޕާޓީ އުފެއްދިއިރު އެ ޕާޓީއަކީ ގިނަ ޝެއިހުންތަކެއް މަސައްކަތްކުރި އަދި އާއްމުންގެ މެދުގައި މަގުބޫލު ޕާޓީއެކެވެ. ނަމަވެސް ފަހުން ވަރަށް ބޮޑަށް ޕާޓީގެ މަގުބޫލުކަން ގެއްލިގެންދިޔައެވެ. އިންތިޚާބުތަކުން އެ ޕާޓީއަށް ލިބޭ ދަށް ނަތީޖާއަކީ އޭގެ ހެއްކެކެވެ. މި ހާލަތަށް އެ ޕާޓީ ދިޔައިރު ވެސް ޕާޓީގެ ލީޑާޝިޕް ބަދަލެއްނުވެއެވެ.