ކެންޑިޑޭޓުންގެ ފޯމްތައް ބާތިލުކުރި މައްސަލަ ކޯޓަށް ހުށަހަޅަން އެމްޑީޕީން ނިންމައިފި

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންްގެ ބައްދަލުވުމުގެ ތެރެއިން ---- ސަން ފޮޓޯ: މުހައްމަދު އަފްރާހް

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލީ 900 އަށް ވުރެ ގިނަ ކެންޑިޑޭޓުންގެ ފޯމް ބާތިލްކޮށް، އަލުން ފޯމު ހުށަހަޅަން އިލެކްޝަންސް ކޮމިޝަނުން އަންގާފައިވާތީ އެ މައްސަލަ ކޯޓަށް ހުށަހަޅަން ސަރުކާރާ އިދިކޮޅު ޕާޓީ، އެމްޑީޕީން ނިންމައިފިއެވެ.

އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގާނޫނީ ވަކީލު ހިސާން ހުސައިން ވިދާޅުވީ އެ މައްސަލަ ހުށަހަޅާނެ ކޯޓެއް މާދަމާ ނިންމާނެ ކަމަށެވެ.

އޭނާ ވިދާޅުވީ އެ ޕާޓީން ބޭނުންވަނީ ވީހާވެސް އަވަހަކަށް ކޯޓަށް އެ މައްސަލަ ހުށަހަޅަން ކަމަށާއި ކޯޓުން ވެސް އަވަހަށް މަައްސަލަ ނިންމާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އަންނަ އޭޕްރީލް މަހުގެ އަށް ވަނަ ދުވަަހު ބާއްވަން ނިންމާފައިވާ ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލީ ކެންޑިޑޭޓުންގެ ފޯމުތައް ބާތިލްކޮށް އަލުން ފޯމު ހުށަހަޅަން އެންގީ ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީން ބަލިވާ މީހުންނަށް އެއްވެސް ހައިސިއްޔަތަކުން ކައުންސިލްތަކުގެ އިންތިޚާބުގައި ބައިވެރި ނުވެވޭނެ ކަމަށް ގާނޫނަށް އިސްލާހު ގެނެސްފައި ވަނިކޮށެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒު ވިދާޅުވީ ކޯޓަށް މައްސަލަ ހުށަހެޅި ނަމަވެސް އިންތިޚާބާ ގުޅިގެން ކުރަންޖެހޭ ހުރިހާ ކަމެއް އެ ޕާޓީން އަންނަނީ ކުރަމުން ކަމަށެވެ.

"އަޅުގަނޑުމެން މި އިންތިޚާބުގައި ބައިވެރިވާނަން. އިރާދަކުރެއްވިއްޔާ ކާމިޔާބު ވެސް ކުރާނަން،" އަލީ ނިޔާޒު ވިދާޅުވި އެވެ.

ގާނޫނީ ވަކީލު ހިސާން ވިދާޅުވީ އިންތިޚާބަށް މިފަހަރު ކުރިމަތިލި ކެންޑިޑޭޓުންގެ ފޯމުތައް އިލެކްޝަންސް ކޮމިޝަނުން ބާތިލްކޮށްފައިވުމުން ކުރިއަށް އޮތް އިންތިޚާބުތަކުގައި ވެސް އެއްވެސް ސަބަބެއް ނެތި އެފަދަ އިން އަމަލުކޮށްފާނެ ކަމަށް ބެލެވޭ ކަމަށެވެ. އެކަމުގެ ސަބަބުން ކެންޑިޑޭޓުން ވަނީ ބިރުވެރިކަމަކާ ކުރިމަތިވެފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއް ސައްތާރު ވިދާޅުވީ ކެންޑިޑޭޓުންގެ ފޯމުތައް ބާތިލު ކުރި ކުރުމަކީ ސިވިލް ކޯޓުގެ ހުކުމާ ޚިލާފު ކަމެއް ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ ނައިބު ރައީސް އަމްޖަދު މުސްތަފާ ވިދާޅުވީ އެ ކޮމިޝަނުން އަމަލު ކުރަނީ ކޯޓުގެ ހުކުމަށް ކަމަށާއި ފަސްވުމަކީ އިންތިޚާބުގެ އިންސާފުވެރިކަން ގެއްލޭނެ ސަބަބެއް ނޫން ކަމަށެވެ.

comment ކޮމެންޓް