ރިޒާގެ ލޯފާމަށް 2.9 މިލިއަން ރުފިޔާ ދިނީ ގަވާއިދާ އެއްގޮތަށް: ޖުނައިދު

އެމްޕީއެލްގެ ސީއީއޯ މުހައްމަދު ޖުނައިދު --- ސަން ފައިލް ފޮޓޯ

ޓަގު ބޯޓެއް ބަނުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ސެންޓަ އެންޓަޕްރައިޒަސްއާ ހަވާލުކުރި މަޝްރޫއާ ގުޅިގެން އުފެދުނު ދެބަސްވުންތަކަކާ ގުޅިގެން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ވަކާލާތު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކ. ކުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ރިޒާގެ ލޯފާމަށް އެމްޕީއެލްއިން 2.9 މިލިއަން ރުފިޔާ ދީފައި ވަނީ ގަވާއިދާ އެއްގޮތަށް ކަމަށް އެ ކުންފުނީގެ ސީއީއޯ މުހައްމަދު ޖުނައިދު ވިދާޅުވެއްޖެއެވެ.

ޖުނައިދު މިރޭ ސަން އަށް ވިދާޅުވީ، ގާނޫނީ ވަކީލުންގެ ޚަރަދަކީ ކުޑަ އަގެއް ނޫން ކަމަށާއި ޚާއްސަކޮށް ސެންޓާ އެންޓަޕްރައިޒަސްއާ ގުޅޭ ގިނަ މައްސަލަތަކެއް ހުރި އިރު، ގާނޫނީ ވަކީލުންގެ ޚަރަދަށް ބޮޑުއެއްޗެއް ދޭންޖެހޭނެ ކަމަށެވެ.

"ސެންޓާ އެންޓަޕްރައިޒަސްއާ ގުޅޭ އެތައް އެތައް މައްސަލައެއް އެބައޮވޭ. އެމްޕީއެލް އަކީ ލޯފާމެއް ނޫން. އެ މައްސަލައިގައި ވަކާލާތު ކުރުމަށް ކުރިން ވެސް އެ މައްސަލައިގައި ވަކާލާތުކޮށްފައިވާ ތަޖުރިބާކާރު މީހުންނާ އަޅުގަނޑުމެން ހަވާލުކޮށްފައިވާނީ،" ޖުނައިދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެ މައްސަލައިގެ ބާވަތަށް ބަލާއިރު ގާނޫނީ ވަކީލުންގެ ޚަރަށް 10 މިލިއަން ރުފިޔާ ޚަރަދުކުރަންޖެހުނަސް އެއީ މައްސަލައެއް ނޫން ކަމަށެވެ.

ރިޒާގެ ލޯފާމާ އެ މަސައްކަތް ހަވާލުކޮށް އަދި ދޭންޖެހޭ ފައިސާގެ އަދަދު ކަނޑައަޅާފައި ވާނީ އެމްޕީއެލްގެ ބޯޑުން ފާސްކޮށްގެން ކަމަށާއި އެކަމުގައި ގަވާއިދާ ޚިލާފަށް އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ލޯޔަރުން ނުދާނެ ކުޑަ އަގެެއްގައި. މި މައްސަލައާ ގުޅޭގޮތުން ބައެއް ފަރާތްތަކުން އެ ދައްކަވާ ވާހަތަކާ ގުޅޭގޮތުން އަޅުގަނޑު ހައިރާނެއް ވެސް ނުވޭ. އަދި ކަންބޮޑެއް ވެސް ނުވޭ،" ޖުނައިދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ސިވިލް ކޯޓުން ހުކުމް ކޮށްފައި ވަނީ 160 މިލިއަން ޑޮލަރު އެމްޕީއެލް އިން ސެންޓާ އެންޓަޕްރައިޒަސް އަށް ދިނުމަށް ކަމަށާއި ގިނައަދަދެއްގެ ފައިސާ އެމްޕީއެލް އިން އެކުންފުންޏަށް ދޭންޖެހުމުން އެ މައްސަލަ އިސްތިއުނާފުކޮށް ކާމިޔާބު ކުރުމަށްޓަކައި މިހާރު ހޭދަކުރި ވަރަށްވުރެ ބޮޑު ހޭދައެއް ކުރަންޖެހިއްޖެނަމަ އެކަން ވެސް ކުރާނެ ކަމަށެވެ.

comment ކޮމެންޓް