މަޝްހޫރު ކަނޑޫދޫ މިރުސް ބާޒާރުގައި ތިޔާގިވެ އަގު ދަށްވެއްޖެއެވެ.
ކަނޑޫދޫ މިރުހަކީ ދިވެހީންގެ މެދުގައި މަޝްހޫރު އަދި ރޯދަމަހު ގިނަ ބަޔަކު ކާބޯތަކެތި ތައްޔާރުކުރުމަށް ބޭނުންކުރާ އެއް ބާވަތެވެ.
މާރުކޭޓުގެ ގޮޅިއެއްގައި ކަނޑޫދޫ މިރުސް ވިއްކަން އިން މުޙައްމަދު އާރިފް 'ސަން'އަށް މައުލޫމާތު ދެމުން ބުނީ އެ މިރުހުގެ ޝިޕްމެންޓްތައް މިފަހުން ލިބިފައިވާ ކަމަށެވެ.
އިއްޔެ މާރުކޭޓުގައި ކަނޑޫދޫ މިރުސް ވިއްކަން ހުރީ ބޮޑު މިރުސް ކިލޯއެއް 250 ރުފިޔާއަށް އަދި ކުދި މިރުސް ކިލޯއެއް 200 ރުފިޔާއަށެވެ. ނަމަވެސް މިއަދު ބާޒާރުގައި ކަނޑޫދޫ މިރުހުގެ އަގު އުޅެނީ ބޮޑެތި މިރުސް ކިލޯއެއް 180 ރުފިޔާއަށް އަދި ކުދި މިރުސް 120އާއި 130 ރުފިޔާއާ ދެމެދުގެ އަގެއްގައި ކަމަށް އޭނާ ބުންޏެވެ.

މިރުސް: ކަނޑޫދޫ މިރުސް ބާޒާރުގައި ތިޔާގިވެ އަގު ވަނީ ދަށްވެފައި -- ސަން ފޮޓޯ/ މުޙައްމަދު މާވީ
ބާޒާރުގައި ވިއްކަން ހުރި އެހެން ބައެއް ބާވަތްތަކަށް ބަލާއިރު:
- ރަތް ކަރާ: 25 ރުފިޔާ
- ރީނދޫ ކަރާ: 30 ރުފިޔާ
- ފަޅޯ: 60 ރުފިޔާ
- ލުނބޯ: 40، 45، 50 ރުފިޔާ
- ކިއުކަމްބާ: 55، 60 ރުފިޔާ
- އާދައިގެ ބަރަބޯ: 30 ރުފިޔާ
- ބަޓާނާ: 35 ރުފިޔާ
- ލެޓިއުސް ފަތް ބޮނޑިއެއް: 50 ރުފިޔާ
- ކޮޕީ ފަތް ބޮނޑިއެއް: 10، 15 ރުފިޔާ
- ހިކަނދިފަތް ބޮނޑިއެއް: 10 ރުފިޔާ
މީގެ އިތުރުން ކުރުނބާގެ އަގު އުޅެނީ 45 ރުފިޔާއާއި 50 ރުފިޔާއާ ދެމެދުގެ އަަގެއްގައެވެ. ފެޝަންފުރުޓު ކިލޯއެއްގެ އަގު އުޅެނީ 130 ރުފިޔާއަށެެވެ.
މާލޭގެ ބާޒާރުގައި ކާށީގެ އަގު 40 ރުފިޔާއިން މައްޗަށް ގޮސްފައިވަނިކޮށް އެސްޓީއޯއިން ރޭ ކާށީގެ އިތުރު ޝިޕްމަންޓެއް ބާޒާރަށް ނެރެ ވިއްކަން ވަނީ ތައްޔާރުވެފައެވެ.
ދަތުރުވެރިންގެ މާރުކޭޓުގައި ކުދި ކާށި 25 ރުފިޔާއަށް ލިބެން ހުރިއިރު 30 ރުފިޔާއަށާއި 40 ރުފިޔާއަށް ވެސް ކާށި ވިއްކަން އެބަހުއްޓެވެ. ކާށީގެ އިތުރުން ފިޔާގެ އަގު ވެސް މިހާރު ހުރީ އުފުލިފައެވެ. އެގޮތުން ރޯދަ ފެށުނުއިރު ފިޔާ ކިލޯއެއް 15 ރުފިޔާއަށް ވިއްކި ނަމަވެސް ފިޔާ ކިލޯއެއް މިހާރު ލިބެން ހުރީ 20 ރުފިޔާއަށެވެ.