ފުޅާ ދާއިރާއެއްގައި ވޭޕް ވިއްކަމުން ދިޔަ ބިދޭސީއަކު ހައްޔަރުކޮށްފި

އެމްޑީ އަބޫ ސުފްޔާން: ވޭޕް ވިއްކައިކަމަށް ތުހުމަތު ކުރެވޭމީހާ

މާލޭގައި ގަވާއިދާ ހިލާފަށް ވޭފްގެ ވިޔަފާރިކުރާކަަމަށް ފުލުުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހާއްސަ އޮޕަރޭޝަނެއް ހިންގައި, ވޭޕް ވިއްކާ ކަމުގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރު ކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އެމްޑީ އަބޫ ސުފްޔާން، ބަންގްލަދޭޝް (27އ) އެވެ.

ފުލުހުން މިއަދު ބުނީ އެ ބިދޭސީމީހާ ދިރިއުޅޭ ތަނާއި އޭނާ މަސައްކަތްކުރާ ކެފޭބަލާފާސްކުރިއިރު، 84 ވޭޕް ކާޓްރިޖް އާއި ވޭޕް ވިއްކައިގެން ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ ފައިސާ ފެނިފައިވާކަމަށެވެ.

އޭގެ އިތުރުން ފުލުހުން ބުނީ، ގަލޮޅުގައި ހުންނަ ފިހާރައެއްގައި ވޭޕް ވިއްކައި ވިޔަފާރިކުރާ ކަަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން އެ ފިހާރަ ބަލައިފާސްކޮށް ގިނަ އަދަދެއްގެ ވޭޕް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ.

މި އޮޕަރޭޝަނުގައި، ފުލުހުންގެ އިތުރުން ސިއްހީ ވުޒާރާއާއި އިގުތިސާދީ ތަަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާ ބައިވެރިވާކަމަށް ފުލުހުން ބުނެއެވެ.

މި ދެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 15ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ވޭޕް ބޭނުން ކުރުން ވަނީ މަނާކޮށްފައެވެ. ވޭޕް މަނާ ކޮށްފައިވަނީ ކިޔަވާ ކުދިންނާއި ޒުވާނުން ވަރަށް ބޮޑަށް އެ ނުރައްކާތެރި ވަބާގައި ޖެހިފައި ވުމުންނެވެ.

ރާއްޖޭގައި ވޭޕް ބޭނުން ކުރުމާއި އޭގެ ވިޔަފާރި ކުރުމަކީ މިހާރު ގާނޫނީ ގޮތުން ކުށެކެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހާއެކު ހިލޭ މީހަކަށް ވޭޕެއް ދިނަސް 10،000 ރުފިޔާގެ އަދަދުން ޖޫރިމަނާ ކުރެވެއެވެ. އަދި ވޭޕް ބޭނުންކުރާ ކޮންމެ މީހަކު 5،000ގެ އަދަދަކުން ޖޫރިމަނާ ކުރެވެއެވެ.

އަދި ވޭޕް ވިއްކައިފި ނަމަ 20،000 ރުފިޔާގެ އަދަދަކުން ޖޫރިމަނާ ކުރާއިރު ވިއްކި ކޮންމެ ވޭޕަކަށް 10،000 ރުފިޔާގެ ޖޫރިމާނާއެއް އަންނާނެއެވެ.

comment ކޮމެންޓް