މާލޭގެ ބާޒާރުގައި ކާށީގެ އަގު 40 ރުފިޔާއިން މައްޗަށް ގޮސްފައިވަނިކޮށް އެސްޓީއޯއިން މިރޭ ކާށީގެ އިތުރު ޝިޕްމަންޓެއް ބާޒާރަށް ނެރެ ވިއްކަން ތައްޔާރުވެއްޖެއެވެ.
އެސްޓީއޯގެ މީޑިއާ އޮފިޝަލް ޔޫސުފް ޝާހު މިރޭ "ސަން"އަށް ވިދާޅުވީ މިރޭ ކާށި ޝިޕްމަންޓެއް ބާޒާރެއް ނެރެން ތައްޔާރުވަމުން އަންނަ ކަމަށެވެ. އެއާއެކު އުންމީދަކީ އަގުތައް އަނެއްކާ ވެސް ތިރިވުން ކަމަށް އެސްޓީއޯއިން ބުންޏެވެ.
އަދި އަގުތައް ތިރިކޮށް ބެހެއްޓުމަށް ޓަކައި އިތުރު ޝިޕްމަންޓުތައް ކުރިއަށް ހުރި ދުވަސްތަކުގައި ވެސް ގެންނާނެކަމަށް ޝާހު ވިދާޅުވިއެވެ.
މިހާރު ދަތުރުވެރިންގެ މާރުކޭޓުގައި ކުދި ކާށި 25 ރުފިޔާއަށް ލިބެން ހުރިއިރު 30 ރުފިޔާއަށާއި 40 ރުފިޔާއަށް ވެސް ކާށި ވިއްކަން އެބަހުއްޓެވެ. އެވެ
ކާށީގެ އިތުރުން ފިޔާގެ އަގު ވެސް ހުރީ އުފުލިފައެވެ. އެގޮތުން ރޯދަ ފެށުނުއިރު ފިޔާ ކިލޯއެއް 15 ރުފިޔާއަށް ވިއްކި ނަމަވެސް ފިޔާ ކިލޯއެއް މިހާރު ލިބެން ހުރީ 20 ރުފިޔާއަށެވެ.
ފިޔާއާއި ކާށީގެ އަގު އުފުލުނުއިރު، އެސްޓީއޯއިން ވަނީ އެތަކެތި ބާޒާރަށް ނެރެ ހެޔޮ އަގުގައި ވިއްކަން ވެސް ރޯދަ މަސް ފެށުމުގެ ދެތިން ދުވަސްކުރިން ފަށައިފައެވެ.
އެސޓީއޯއިން ބުނި ގޮތުގައި ޒަރޫރީ ކާބޯތަކެތީގެ ބާވާތްތައް ހެޔޮ އަގުގައި ލިބޭކަން ޔަގީންކުރުމަށް މި ރޯދަ މަހު ވެސް އެސްޓީއޯއިން އޮތީ ތައްޔާރަށެވެ.