އާންމުކޮށް އެވޯޑް ހަފްލާތަކުގައި އެތުލީޓުން ފެންނަނީ ރަސްމީ ހެދުންތަކުގައެވެ. މަޝްހޫރު ކުޅުންތެރީން އާންމުކޮށް އެވޯޑް ހަފްލާތަކުން ފެންނަމުންދަނީ ކޯޓުފަޓްލޫނާއި ޓައި އަޅައިގެންނެވެ. ނަމަވެސް އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާ ހޮވުމަށް ބޭއްވި ހަފްލާގައި ޖަރުމަންގެ ބޮރޫޝިއާ ޑޯޓްމަންޑްގެ ގެބޯންގެ ފޯވަޑް ޕިއޭރޭ-އެމެރިކް އޯބަމަޔަން ފެނިގެންދިޔައީ މުޅިން ތަފާތު ގޮތަކަށެވެ.
ކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓްބޯލް (ކޭފް)ގެ އެވޯޑް ހަފްލާގައި މިފަހަރު އޯބަމަޔަން ފެނިގެންދިޔައީ ޓީޝާޓެއް ލައިގެން، ބޮލުގައި ތޮތްޕެއް އަޅައިގެންނެވެ. ގިނަ މީހުން ބުނާގޮތުންނަމަ، އޭނާ އެގޮތަށް ފެނިގެންދިޔައީ މިދިޔަ އަހަރުގެ މޮޅު ކުޅުންތެރިޔާއަށް ވުމުން ތަފާތުކޮށްލުމުގެ ގޮތުންނެވެ. ނަމަވެސް އޯބަމަޔަން އެގޮތަށް ފެނިގެންދިޔައީ އެހެންވީމައެއް ނޫނެވެ.

މިދިޔަ އަހަރު ބޭއްވި ކޭފް އެވޯޑްގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ގެބޯން ފޯވަޑް އޯބަމަޔަން(ވ) ---
އެވޯޑް ހަފްލާ އަދި އެފްރިކަން ނޭޝަން ކަޕްގައި ގެބޯން ގައުމީ ޓީމަށް ކުޅުމަށް އެފްރިކާއަށް އޯބަމަޔަން ދަތުރުފެށީ ވަރަށް ތައްޔާރުވެގެންނެވެ. ނަމަވެސް ޓްރާންސިޓް ދަތުރުކުރި ފްލައިޓުން އޯބަމަޔަންގެ ލަގެޖް ވަނީ ގެއްލިފައެވެ. އެހެންކަމުން އޯބަމަޔަންއަށް ޖެހުނީ އެވޯޑް ހަފްލާގައި 'އަތުޖެހުނު' އެއްޗެއް ލައިގެން ބައިވެރިވާށެވެ.
އޯބަމަޔަން އެކަމާ ހިތާމަފާޅުކޮށް ލަގެޖް ގެއްލުނުކަން ޔަގީންކޮށްދީފައިވާއިރު، އޭނާގެ ލަގެޖް ގެއްލުނުކަމަށް އެފްރިކާ ފުޓްބޯޅައިގެ އިދާރާ ކޭފްއިން ވެސް ބުނެފައިވެއެވެ. އޭނާ އެފްރިކާއަށް ދަތުރުކޮށްފައިވަނީ ޖަރުމަންގެ އެންމެ ބޮޑު އެއާލައިން ލުފްތަންސާގެ ފްލައިޓެއްގައެވެ.
އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ލެސްޓާ ސިޓީގެ އަލްޖީރިއާ މިޑްފީލްޑަރު ރިޔާދް މަހްރޭޒް ހޮވުނުއިރު، މިދިޔަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު އޯބަމަޔަންއަށް ލިބުނީ ދެވަނައެވެ. އަދި ތިންވަނައަށް އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ލިވަޕޫލްގެ ސެނެގާލް ފޯވަޑް ސާޑިއޯ މާނޭއެވެ.