އެމްޕީއެލްއަށް ތެޔޮ ސަޕްލައިކުރަން މެރިޑިއަމާ ހަވާލުކުރި ގޮތް އޭސީސީން ބަލަނީ

އޭސީސީގެ ރައީސް ހަސަން ލުތުފީ --- ސަންފައިލް ފޮޓޯ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް (އެމްޕީއެލް)އަށް ތެޔޮ ގަތުމަށް މެރީޑިއަމާ ހަވާލުކުރި ގޮތް އޭސީސީން ތަހުގީގުކުރަން ފަށައިފި އެވެ.

އެމްޕީއެލަށް ތެޔޮ ސަޕްލައިކުރަން މެރީޑިއަމާ ހަވާލުކޮށްފައި ވަނީ ބިޑްކޮށްގެން ކަމަށާއި، އެހެންކަމުން ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އެކަން ކުރިއަށް ގެންދިއުމަށް ސިވިލް ކޯޓުން ވަނީ އެމްޕީއެލަށް އަންގާފަ އެވެ.

ނަމަވެސް އެމްޕީއެލްގެ ސީއީއޯ މުހައްމަދު ޖުނައިދު ތުހުމަތުކޮށްފައި ވަނީ އެމްޕީއެލަށް ތެޔޮ ހޯދަން މެރީޑިއަމާ ހަވާލުކޮށްފައި ވަނީ ކޮރަޕްޝަންގެ ތެރެއިން ކަމަށެވެ.

އޭސީސީގެ ރައީސް ހަސަން ލުތުފީ 'ސަން' އަށް މިރޭ ވިދާޅުވީ އެމްޕީއެލުން މެރީޑިއަމާއެކު ހަދާފައިވާ އެއްބަސްވުމާ ބެހޭ ތަހުގީގެއް އެ ކޮމިޝަނުން ފަށާފައިވާ ކަމަށެވެ. އެ ތަހުގީގަކީ އެމްޕީއެލްގެ ސީއީއޯ ޖުނައިދު ދައްކަވާފައިވާ ވާހަކަތަކަކާ ގުޅިގެން ފެށި ތަހުގީގެއް ކަމަށް ވެސް ލުތުފީ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދުގެ ހިއްސާ އޮންނަ މެރީޑިއަމާ ބެހޭ ގޮތުން ޖުނައިދު ދެއްކެވި ވާހަކަފުޅު އޭނާ ވަނީ ދޮގު ކުރައްވާފަ އެވެ. އަދި ރިޔާޒު ވަނީ އޭސީސީއަށް އެކަން ތަހުގީގުކުރަން ގޮވާލާފަ އެވެ.

މެރީޑިއަމާއެކު ވެފައިވާ އެއްބަސްވުން ދަމަހައްޓަން އެމްޕީއެލަށް އަންގައި ސިވިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރައްވާނެ ކަމަށް ޖުނައިދު ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް