ސ. ގަން ދޫގަސް ގެސްޓު ހައުސް ވިއްކާލުމުގެ ނުވަތަ ކުއްޔަށް ދިނުމުގެ ބާރު ބޭންކް އޮފް ސިލޯނަށް ލިބިގެންވާ ކަމަށް ސިވިލް ކޯޓުން ހުކުމް ކުރި ނަމަވެސް އެތަން ވިއްކާނުލައި ހުކުމުގެ މައްސަލަ ހައްލު ކުރުމުގެ މަޝްވަރާތައް ފަށައިފި ކަމަށް އެމްޕީއެލް އިން ބުނެފި އެވެ.
އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ޖުނައިދު މިއަދު ސަން އަށް ވިދާޅުވީ އެކަމާ ގުޅޭ ގޮތުން ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން ބޭންކް އޮފް ސިލޯނާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
އެމްވީކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ބޭންކު އޮފް ސިލޯނުން ދޫކޮށްފައިވާ 2،700،000 ޑޮލަރުގެ ލޯނު ނުދައްކައިފި ނަމަ އެކުންފުނިން ކުއްޔަށްހިފާފައިވާ ދޫގަސް ވިއްކާލުމުގެ ނުވަތަ ކުއްޔަށް ދިނުމުގެ ހައްގު ބޭންކަށް ލިބިގެންވާ ކަމަށް ސިވިލް ކޯޓުން ހުކުމް ކުރީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.
ސިވިލް ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ދެވަނަ ދުވަހު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ދޫކޮށްފައިވާ އެ ލޯނަށް އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކާފައިނުވާކަން ހުށަހަޅާފައިވާ ލިޔުންތަކުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.
ދޫގަސް ވިއްކާލުމުގެ ނުވަތަ ކުއްޔަށް ދޫކުރުމުގެ ބާރު ބޭންކް އޮފް ސިލޯނަށް ދީފައިވާއިރު، ދޫގަސް ހިންގުމަށް ޓަކައި އެތަނާ ހަވާލުވުމުގެ މަސައްކަތް އެމްޕީއެލް އިން އަންނަނީ ކުރަމުންނެވެ.