ސަން ސިޔާމް މީޑިއާއިން, ދިވެހި ފުލުހުންގެ ޚިދުމަތާއެކު "ކޮމިއުނިޓީ ސޭފްޓީ ޕާޓްނާޝިޕް" އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފިއެވެ.
މިއީ ކޮންމެ އަހަރަކު ވެސް، ކުށްކުރާ މިންވަރު މަދުކުރުވުމަށް މަސައްކަތް ކުރުމުގެ ގޮތުން ފުލުހުން ކުރިއަށްގެންދާ ހަރަކާތެކެވެ. އެގޮތުން މިފަހަރު ކޮމިއުނިޓީ ސޭފްޓީ ޕާޓްނާޝިޕްގެ މީޑިއާ ޕާޓްނަރަކީ ސަން ސިޔާމް މީޑިއާއެވެ.
މި އެއްބަސްވުމުގައި ފުލުހުންގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނާ އޮފް ޕޮލިސް، އަލީ ޝުޖާއުއެވެ. ސަން ސިޔާމް މީޑިއާގެ ފަރާތުން ސޮއިކުރެއްވީ ޗީފް ކޮންޓެންޓް އޮފިސަރު، މުހައްމަދު ޒަހީނެވެ.
މި އެއްބަސްވުމަކީ މި އަހަރުގެ ރަމަޟާން މަހަށް ޚާއްސަކޮށް ފުލުހުންނާ ގުޅިގެން އެސްއެސްޓީވީން ތައްޔާރުކުރާ ޕްރޮގްރާމްތަކާ ގުޅޭގޮތުން ވެފައިވާ އެއްބަސްވުމެކެވެ.
އެގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި ފުލުހުންނާއި އެސްއެސް މީޑިއާ ގުޅިގެން ތައްޔާރުކޮށްފައިވާ "ދުވާފަރު ދަންޑަހެލު" ޑްރާމާ ސިލްސިލާގެ ޓްރެއިލާ ވަނީ އިފްތިތާހުކޮށްފައެވެ.
އެސްއެސް މީޑިއާއާއި އިތުރު 3 ފަރާތަކާއެކު "ކޮމިއުނިޓީ ސޭފްޓީ ޕާޓްނާޝިޕް" ބާއްވަން އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު -- ސަން ފޮޓޯ/ މޫސާ ނަދީމް
މި ޑްރާމާ ސިލްސިލާއަކީ ދުވާފަރު ދަންޑަހެލުގެ ހަޔާތުން އިބުރަތް ލިބިގަނެ، ދިވެހީންގެ ސަގާފަތާއި އެއްބައިވަންތަކަން އަދި މުޖުތަމައުގެ ބަދަހިކަން ފެނިގެންދާނެ ޑްރާމާ ސިލްސިލާއެކެވެ.
އެއްބަސްވުމާ ގުޅޭގޮތުން "ސަން" އާ ވާހަކަދައްކަވަމުން އެސްއެސް މީޑިއާގެ ސީސީއޯ ޒަހީން ވިދާޅުވީ މި އެމްއޯޔޫގެ ދަށުން އާންމުންނަށް ވަރަށް ބޭނުންތެރި މެސެޖުތަކެއް ގެނެސްދެވޭނެ ކަމަށެވެ. ވަކިން ޚާއްސަކޮށް ފުލުހުންނާ ގުޅިގެން އެސްއެސް މީޑިއާއިން ތައްޔާރުކުރާ ޑްރަމާ ސިލްސިލާއިން ޚާއްސަ މެސެޖުތަކެއް ލިބޭނެ ކަމަށް ވިދާޅުވިއެވެ.
"އާންމުންނަށް ޑައިރެކްޓް މެސެޖު ދިނުމުގެ ބަދަލުގައި މުނިފޫހިފިލުވުމާއި މީހުން ބަލާހިތްވާނެ ކަންތައްތަކެއް ތެރެއިން ޕްރޮގްރާމްތައް ގެނެސްދެވޭނެ ގޮތެއް ރާވާފައި މިއޮތީ. އެގޮތުން މިސާލަކަށް ދަންޑަހެލު ޑްރާމާ ސީރީސްގެ ތެރެއިން ވަރަށް ޚާއްސަ މެސެޖުތަކެއް ލިބޭނެ،" ޒަހީން ވިދާޅުވިއެވެ.
އޭގެ އިތުރުން ވެސް ފުލުހުންގެ ގުރުބާނީއާއި، ކުރަމުންދާ ބުރަ މަސައްކަތް ދައްކުވައިދޭ އިތުރު ޕްރޮގްރާމެއް ވެސް މި ރޯދަމަހު އެސްއެސްޓީވީން ދައްކާނެ ކަމަށް ޒަހީން ވިދާޅުވިއެވެ.
އެސްއެސް މީޑިއާއާއި އިތުރު 3 ފަރާތަކާއެކު "ކޮމިއުނިޓީ ސޭފްޓީ ޕާޓްނާޝިޕް" ބާއްވަން އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު -- ސަން ފޮޓޯ/ މޫސާ ނަދީމް
ހަމައެއާއެކު މި ރަސްމިއްޔާތުގައި ފުލުހުން ވަނީ ކޮމިއުނިޓީ ސޭފްޓީ ޕާޓްނާޝިޕް އެމްއޯޔޫގެ ދަށުން އިތުރު ތިން ފަރާތަކާއެކު ސޮއިކޮށްފައެވެ. އެއީ:
- ޕްލެޓިނަމް ޕާޓްނަރު - ޕްރޮކްސީ
- ޕްލެޓިނަމް ޕާޓްނަރު - މޯލްޑީވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)
- ގޯލްޑް ޕަޓްނަރު - ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)
"ސަން" އާ ވާހަކަދައްކަވަމުން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފާތިމަތު ނަޝްވާ ވިދާޅުވީ މި ހަރަކާތް އަހަރުގެ އެކި ދުވަސްތަކަށް ބަހާލައިގެން ކުރިއަށްގެންދާނެ ކަމަށެވެ. އޭގެ ތެރޭގައި ވަރަށް ގިނަ ޕްރޮގްރާމްތަކާއި ކޭމްޕުތައް ހިމެނޭ ކަމަށް ނަޝްވާ ވިދާޅުވިއެވެ. އޭގެތެރޭގައި އަމާންވެށި، ފުރާވަރު ކޭމްޕް، ކުޅިވަރުން ފަހިކަން، ކުރިމަގު، ލާމަސީލު ޒުވާނާ ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި އެ ޕްރޮގްރާމްތަކަކީ ފުލުހުންނާއެކު އެއްބަސްވުމުގައި ސޮއިކުރި ފަރާތްތަކުގެ މާލީ އަދި އެހެނިހެން އެހީތެރިކަމާއެކު މި އަހަރުތެރޭ ކުރިއަށްގެންދާނެ ޕްރޮގްރާމްތައް ކަމަށް އޭނާ ވިދާޅުވިއެވެ.
"މިސާލަކަށް ފުރާވަރު ކޭމްޕް އެއީ ގްރޭޑް 8،9ގެ ކުދިންނަށް ހިންގާ ކޭމްޕެއް. އެ ކޭމްޕަށް ފުދޭވަރަކަށް ބޮޑު ސަޕޯޓެއް އެބަ ލިބޭ ކޮމިއުނިޓީ ތެރެއިން. އަޅުގަނޑަށް ބުނެވިދާނެ މޯ ދޭން 35،000 ޕްލަސް ޕޮޕިއުލޭޝަނުން، ކްރައިމް ޕްރިވެންޝަންގެ އެކި ޕްރޮގްރާމްތައް އަޅުގަނޑުމެންނަށް ބޭއްވިއްޖެ،" ނަޝްވާ ވިދާޅުވިއެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ފުލުހުންގެ އިސްވެރިންނާއި، އެސްއެސް މީޑިއާ، އެމްޕީއެލް އަދި ޕްރޮކްސީގެ އިސްވެރިން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.