މެރީޑިއަމްއަކީ އެންމެ އަގުހެޔޮކޮށް ތެޔޮ ވިއްކަން ހުށަހެޅި ކުންފުންޏެއް ނޫން: އެމްޕީއެލް

މެރީޑިއަމްގެ ޕެޓްރޯލް ޝެޑް --- ސަން ފައިލް ފޮޓޯ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް ބޭނުންވާ ތެޔޮ ގަންނަން ކުންފުނިތަކަށް ހުޅުވާލުމުން، އެންމެ އަގުހެޔޮކޮށް އެ ކުންފުންޏަށް ތެޔޮ ވިއްކަން ހުށަހެޅި ފަރާތަކީ "މެރީޑިއަމް ސާވިސަސް ޕްރައިވެޓް ލިމިޓެޑް" ކަމަށް ބުނުމަކީ ދޮގެއް ކަމަށް އެމްޕީއެލް އުން ބުނެފި އެވެ.

އެމްޕީއެލް އިން އެހެން ބުނީ އެ ކުންފުނީގެ އަގު ވައްޓާލުމަށް ބައެއް ފަރާތްތަކުން މަސައްކަތްކޮށް ދޮގު ވާހަކަ ފަތުރާކަމަށް ބުނެ ނެރުނު ބަޔާނެއްގަ އެވެ. އެ ބަޔާނުގައި އެމްޕީއެލް އިން ވަނީ އެ ކުންފުންޏަށް ތެޔޮ ވިއްކަން ހުށަހެޅި ފަރާތްތަކުގެ ނަންތައް ފުރަތަމަ ފަހަރަށް އާންމުކޮށްފަ އެވެ.

އެ ބަޔާނުގައި އެމްޕީއެލް އިން ބުނީ، އެ ހިދުމަތް ދިނުމަށް ފަސް ފަރާތަކުން އެމްޕީއެލް އަށް ހުށަހެޅި ކަމަށެވެ. އަދި އެ ފަރާތްތަކުގެ ތެރެއިން އެންމެ އަގުހެޔޮކޮށް ތެޔޮ ވިއްކަން ހުށަހެޅި ފަރާތަކީ މެރީޑިއަމް ކަމަށް އެ ކުންފުނިން ބުނުމަކީ ކަނޑައެޅިގެން ދޮގެއް ކަމަށާއި އެ ހުރިހާ މައުލޫމާތެއް އެމްޕީއެލްގެ ލިޔެކިޔުންތަކުން ވެސް ފެންނަން ހުންނާނެ ކަމަށެވެ.

އެ ހިދުމަތް ދިނުމަށް ހުށަހެޅި ފަރާތްތައް ކަމަށް އެމްޕީއެލް އިން ބުނީ، އެޗްއެމްއެޗްއައި ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ފިއުލް އެކްސްޕްރެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި މެރީޑިއަމް ސާވިސަސް ޕްރައިވެޓް ލިމިޓެޑާއި ފިއުލް ސަޕްލައި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ޑީސަލް ސަޕްލައި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ކަމަށެވެ. އެ ފަރާތްތަކުން ހުށަހެޅި ސީދާ އަގުތައް އެމްޕީއެލް އިން ހާމައެއް ނުކުރެ އެވެ.

އެމްޕީއެލްގެ ބަޔާނުގައި އިތުރަށް ބުނީ، އެ ކުންފުންޏާ މެދު ދޮގު ތުހުމަތުތައްކޮށް އެ ކުންފުނީގެ އޮފިޝަލުންނާ ހަވާލާދީ ބައެއް މީޑިއާތަކުން ދޮގު ހަބަރުތައް ފަތުރަމުން އަންނަ ކަމަށެވެ. އެގޮތުން ދާދިފަހުން ވެސް ރާއްޖޭގެ މީޑިއާއަކުން އާންމުކުރި ހަބަރެއްގައި ކޮށްފައިވާ ތުހުމަތަކީ، ސަރުކާރާ މެދު ރައްޔިތުންގެ މެދުގައި ނުތަނަވަސްކަމާއި ޝައްކު އުފެއްދުމަށް އާންމުކޮށްފައިވާ ހަބަރެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

އެގޮތުން އެމްޕީއެލްއާއި ދިވެހި ސަރުކާރުގެ އަގު ވައްޓާލުމަށް އެކި ފަރާތްތަކުން ކުރަމުން އަންނަ މަސައްކަތްތައް ވަގުތުން ހުއްޓާލުމަށް އެ ކުންފުނިން އާންމުކުރި ބަޔާނުގައި ގޮވާލާފައިވެ އެވެ.

comment ކޮމެންޓް