ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ސްކޮޑް ވަރުގަދަ ކުރާނެ ކަމަށް އެ ކްލަބްގެ ޗެއާމަންގެ މަގާމަށް އިންތިހާބްވެވަޑައިގެންނެވި އިބްރާހިމް ނަޒީމް ވިދާޅުވެފައިވާއިރު، ރާއްޖޭގެ ހުނަރުވެރި ފޯވާޑް އިސްމާއިލް އީސާ (މެސީ) ވެސް އެކްލަބާ ގުޅެން ތައްޔާރު ވެއްޖެއެވެ.
މިދިޔަ ސީޒަނުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ފެނިގެން ދިޔަ އީސަ ވަނީ އެ ކްލަބްގައި މޮޅު ކުޅުމެއް ދައްކާފައެވެ. މިދިޔަ ސީޒަނުގައި މޮޅެތި ގިނަ ކުޅުންތެރީންތަކެއް އެކުލެވޭ މާޒިޔާގެ ފުރަތަމަ އެގާރައިން ޖާގަ ނުލިބުނު ނަމަވެސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުމެ އީސަ ވަނީ މުހިންމި ގޯލުތަކެއް ކާމިޔާބްކޮށްދީ ގިނަ ފުރުސަތުތަކެއް ވެސް ތަނަވަސްކޮށްދީފައެވެ.
"ސަން ސްޕޯޓްސް" ޓީމަށް ކަށަވަރުވެފައިވާ ގޮތުގައި އީސަ އަންނަ ސީޒަނުގައި މާޒިޔާގެ ފެހި ޖާޒީގައެއް ނުފެންނާނެވެ. އަދި މިހާރު ދަނީ އަންނަ ސީޒަނުގައި ވިކްޓަރީއާ ގުޅުމަށް އެ ކްލަބާއެކު ވާހަކަތަށް ކުރިއަށް ގެންދަމުންނެވެ.
ވިކްޓަރީގެ ޖެނަރަލް ސެކެޓްރީ އަލީ ފަޔާޒުު ވިދާޅުވީ، ރާއްޖެއާއި ރާއްޖޭން ބޭރުގެ ވަރަށް ގިނަ ކުޅުންތެރީންނާއެކު މިހާރު ވަނީ އެއްބަސްވުމަކަށް އާދެވިފައި ކަމަށާއި އެޓީމާ ގުޅޭ ކުޅުންތެރީން މިހަފްތާ ތެރޭގައި އިއުލާނު ކުރާނެ ކަމަށެވެ.
"ރޭ މިވަނީ ވިކްޓަރީގެ އިންތިހާބު ބާއްވައިފަ. އިންތިހާބަށްފަހު މިހާރު ވަނީ ސްކޮޑް އެކުލަވާލުމުގެ މަސަތްކަތް ވެސް ފެށިފަ. މިހަފްތާ ތެރޭގައި އިއުލާނު ކުރާނަން،" ފަޔާޒު ވިދާޅުވިއެވެ.
ރޭ ބޭއްވި ވިކްޓަރީގެ އިންތިހާބުގައި އެކްލަބްގެ ޗެއާމަންގެ މަގާމަށް އިންތިހާބުވި ނަޒީމް ވިދާޅުވީ ވިކްޓަރީގެ އަސްލު މަގާމަށް އެކްލަބް ގެންދިއުމަށް ކުރިއަށްއޮތް ސީޒަނުގައި އެކްލަބްގެ ސްކޮޑް ވަރުގަދަ ކުރާނެ ކަމަށެވެ.