ހަމަނުޖެހުންތައް ނައްތާލަން ގުޅިގެން މަސައްކަތްކުރަން ދުންޔާ ގޮވާލައްވައިފި

ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން -- ސަން ފައިލް ފޮޓޯ

ދެހާސް ސޯޅަ ވަނަ އަހަރަކީ މުޅި ދުނިޔޭގައި ވެސް ހަނގުރާމަތަކާއި ހަމަލާތަކާއި އެހެނިހެން ހިތްދަތި ހާދިސާތަކެއް ހިނގި އަހަރެއް ކަމަށާއި އިންސާނީ ކަރާމާތަށް އިހްތިރާމުކޮށްގެން މިކަންކަން މަދުކުރުމަށް މިފެށޭ އާ އަހަރު އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ގޮވާލައްވައިފި އެވެ.

މިރޭ 2017 ވަނަ އަހަރުގެ ފެށުމުގެ މުނާސަބަތުގައި ދުންޔާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ 2016 ވަނަ އަހަރުގެ ތެރޭގައި، ދުނިޔެ ހީނުކުރާ ވަރުގެ ހިތްދަހި ކަންކަން ހިނގާފައިވާ ކަމަށެވެ. އެގޮތުން، ބެލްޖިއަމްގެ ބްރަސެލްސް އެއާޕޯޓާއި މެޓްރޯގައި ދިން ބޮމުގެ ހަމަލާތަކާއި، ފްރާންސްގެ ނީސްގައި ހިނގި އެކްސިޑެންޓާއި، ސީރިއާގައި ހިނގަމުން އަންނަ ދާޚިލީ ހަނގުރާމައިގެ އިތުރުން، ޔޫރަޕަށް ވަންނަމުންދާ ރެފިއުޖީންގެ ތެރެއިން އެތައް ބަޔަކު މެޑިޓެރޭނިއަން ކަނޑަށް ކަނޑުވަމުންދާ ހާދިސާތައް ފާހަގަކުރެއްވި އެވެ.

ދުންޔާ ވަނީ މި ފެށޭ އާ އަހަރާ އެކު، އިންސާނީ ކަރާމާތަށް އިހްތިރާމު ކުރުން އިހްތިރާމްކުރުން އިތުރުކޮށް، ފަގީރުކަމާއި ހަނގުރާމަތަކާއި ތަފާތުކުރުންތައް ހުއްޓުވުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލައްވައިފަ އެވެ.

މީގެ އިތުރުން، އިސްލާމީ ގައުމުތަކާ އެކު އޮންނަ ގުޅުންތައް އިތުރަށް ބަދަހިކޮށް، 2017 ވަނަ އަހަރަކީ މުޅި ދުނިޔޭގެ ހުރިހާ މުސްލިމުންނަށް ވެސް ސުލްހައާއި އެއްބައިވަންތަކަމުގެ އަހަރަކަށް ހެދުމަށް މަސައްކަތް ކުރުމަށް ދުންޔާ ވިދާޅުވި އެވެ.

އަދި ރާއްޖޭގެ މިނިވަންކަމާޢި ސިޔާދަތު ހިމާޔަތްކޮށް، ދިވެހީންގެ އެއްބައިވަންތަކަން ދެމެހެއްޓުމަށާއި، ބައިނަލްއަގުވާމީ ދުނިޔޭގައި ހައިބަތާ އެކު ދިވެހީން ތެދުވެ ތިބުމުގެ ހިތްވަރު ލިބުމަށް އެދިވަޑާއިގަންނަވާ ކަމަށް ދުންޔާ ވިދާޅުވި އެވެ.

comment ކޮމެންޓް