ބްރަސެލްސްގެ އެއާޕޯޓުގައާއި މެޓްރޯ ސްޓޭޝަންގައި ބޮންތަކެއް ގޮއްވާލައި 11 މީހަކު މަރާލައިފި

ބޮމުގެ ހަމަލާއަށް ފަހު ބްރަސެލްސްގެ އެއާޕޯޓުގެ ޑިޕާޗާ ހޯލް -- ފޮޓޯ: ޕީއޭ

ބްރަސެލްސް (މާޗް 22): ބެލްޖިއަމްގެ ބްރަސެލްސްގެ އެއާޕޯޓުގައާއި މެޓްރޯ ސްޓޭޝަންގައި ބޮންތަކެއް ގޮއްވާލައި 11 މީހަކު މަރާލައިފި އެވެ.

މަރުވި މީހުންނާއި ޒަހަމްވި މީހުންގެ އަދަދު ބްރަސެލްސްއިން އަދި ކަށަވަރުކޮށްދީފައި ނުވެ އެވެ. ނަމަވެސް، 10 މީހަކު މަރުވެފައިވާ ކަމަށާއި 30 މީހަކަށް އަނިޔާވިކަމަށް ބްރަސެލްސްގެ ހޮސްޕިޓަލަކުން ކަށަވަރުކޮށްދީފައިވާ ކަމަށް ރޮއިޓާސްގައިވެ އެވެ.

އެއާޕޯޓުގެ ޑިޕާޗާ ސަރައްހައްދުގައި ދެބޮމެއް ގޮއްވާލި ވަގުތު ބަޑި ޖަހާ އަޑު އިވުނު ކަމަށް ބައެއް ރިޕޯޓުތަކުގައިވެ އެވެ. ބްރަސެލްސްގެ އީޔޫ ހެޑްކުއާޓާސް ކައިރީ ހުންނަ މެޓްރޯ ސްޓޭޝަނެއްގައި ބޮން ގޮއްވާލިކަމަށް ރިޕޯޓިކޮށްފައި ވަނީ އޭގެ ގާތްގަނޑަކަށް އެއް ގަޑިއިރު ފަހުންނެވެ.

އެއާޕޯޓުގައި ދިނީ ޖާނުން ފިދާ ވުމުގެ ބޮމުގެ ހަމަލާއެއް ކަމަށް ބްރަސެލްސްގެ ނޫސް އޭޖެންސީއަކުން ބުންޏެވެ.

އެހަމަލާތަކާ ގުޅިގެން ބްރަސެލްސްގެ އެއާޕޯޓުތަކާއި މެޓްރޯ ސްޓޭޝަންތައް ވަނީ ބަންދުކޮށްފަ އެވެ. އަދި ބެލްޖިއަމްގައި ވަނީ އެންމެ މަތީ ޓެރަރިޒަމްގެ އެލާޓް ނެރެފަ އެވެ.

comment ކޮމެންޓް