ސީރިއާގެ ކުޑަކުދިންނަށް ޖެހެމުންދާ ހާލަތް ދައްކުވައިދޭ ފޮޓޯއެއް

ސީރިއާގެ ދާޚިލީ ހަނގުރާމައިގެ ތެރޭގައި އެގައުމުގެ ޙަލަބު ސިޓީގައި ބަދަލުކުރެވެމުންދާ ހަމަލާ ބަދަލުކުރުންތަކުގެ ސީރިއަސްކަން ދައްކުވައިދޭ އަސަރުގަދަ ފޮޓޯއެއް ފެތުރެން ފަށައިފި އެވެ.

ސީރިއާގެ ހަލަބުގައި ދިރިއުޅޭ ފަސް އަހަރުގެ އުމްރާން ދަގްނީޝް ނަމަކަށް ކިޔާ ކުއްޖެއްގެ މި ފޮޓޯއިން ދައްކުވައިދެނީ ހަލަބަށް ސީރިއާގެ ސަރުކާރުގެ އަސްކަރިއްޔާއިން ދިން ވައިގެ ހަމަލާއެއްގައި އޭނާ ޒަޚަމްވެ، ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިއުމަށް އެމްބިއުލާންސްގައި އިން މަންޒަރެވެ.

ހިރަފުހާއި ލެއިން ތަތްތެޅިފައި އެ ކުޑަކުއްޖާ އެމްބިއުލާންސްގެ ސީޓެއްގައި އިށީނދެގެން އިންނަނީ ހުއްޓިފަ އެވެ. ދެ އަތް އުނގުމަތީގައި ބާއްވައިގެން ހުރި އުމްރާންގެ މޫނުމަތިން ނުތަނަވަސްކަން އިންތިހާއަށް ފެނެެ އެވެ. އޭނާގެ ނިއްކުރީގެ ކަނާތްފަރާތަށް ވެފައި ވާ ޒަޚަމަކުން ފައިބައިފައި ހުރި ލޭތައް މޫނުމަތީގައި ހިކިފއި ހުއްޓެވެ.

މި ކުއްޖާ އެމްބިއުލާންސްގައި އިން ވީޑިއޯއެއް ވެސް ފެތުރިފައިވާ އިރު، އެ ވީޑިއޯއިން ފެންނަނީ ހިމޭންކަމާ އެކު އޭނާ އިށީނދެ އިނދެ، މޫނުމަތީގައި ހުރި ލޭތައް ފުހެލުމަށް މަސައްކަތް ކުރާ މަންޒަރެވެ. އެއަށް ފަހު، އަތުގައި ހޭކުނު ލޭތަކަށް ބަލާލައި، ގޮނޑީގައި އަތް ހާކައި، ލޭތައް ފުހެލުމަށް އޭނާ މަސައްކަތް ކުރެ އެވ.

ހަލަބުގައި ހަރަކާތްތެރިވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ޖަމާއަތަކުން އެ ކުއްޖާ ހޮސްޕިޓަލަކަށް ގެންދިޔަ އިރު، އޭނާއަށް ފަރުވާ ދީފައި ފަހުން ވަނީ ހޮސްޕިޓަލުން ދޫކޮށްލައިފަ އެވެ.

އަލެޕޯ މީޑިއާ ސެންޓަރ ނަމަކަށް ކިޔާ، ސަރުކާރާ އިދިކޮޅު އެކްޓިވިސްޓު ގްރޫޕުން ޢަންމުކުރި ވީޑިއޯއާއި ފޮޓޯ ބުދަ ދުވަހުން ފެށިގެން މީޑިއާގައި ފެތުރިފައިވާ އިރު، ގިނަ ބަޔަކު ބުނާ ގޮތުގައި މި ފޮޓޯއިން ދައްކުވައިދެނީ ސީރިއާގައި ހިނގާ ހަނގުރާމައިގެ ހަމަލާތައް ތަހައްމަލު ކުރަންޖެހޭ ކުޑަކުދިންގެ އިހުސާސްތަކެވެ.

އުމްރާން ސަލާމަތް ކޮށްދިނީ އެސޯސިއޭޓޭޑް ޕްރެސް (އޭޕީ)ގެ ފޮޓޯޖާނަލިސްޓު މަހްމޫދު ރަސްލާން އެވެ.

އުމްރާންއާ އެކު، އޭނާގެ މައިންބަފައިންނާއި، އެއްބަނޑު އެއްބަފާ ތިން ކުދިން ވެސް ސަލާމަތްވި އެވެ. ނަސީބު ކަން ދިމާކުރި ގޮތުން އެ އާއިލާ ދިރިއުޅެމުން ދިޔަ އެޕާޓްމެންޓް ބިލްޑިންގް ބިމާ ހަމަވުމުގެ ކުރިން އެ އާއިލާގެ އެންމެން އެތަނުން ސަލާމަތް ވި އެވެ.

"ހަތަރު ކުއްޖަކު އުޅުނު. އެ ފިރިހެން ކުއްޖާގެ އިތުރުން އޭނާގެ އެއް އަހަރުގެ ކޮއްކޮއަކާ، ހަ އަހަރުގެ ކުއްޖަކާއި 11 އަަހރުގެ ކުއްޖަކު. އެންމެ ހަގު ތިން ކުދިން އެމްބިއުލާންސްގައި ފޮނުވާލީ. 11 އަހަރުގެ އަންހެން ކުއްޖާ މަޑުކުރީ އޭނާގެ މަންމަ ސަލާމަތް ކުރަންދެން. އެކުދިންގެ މަންމަގެ ފައި އޭރު އޮތީ ގާތަކުގެ ތެރޭގައި ތާށިވެފައި،" ރަސްލާން ބުންޏެވެ.

comment ކޮމެންޓް