ރާއްޖޭގައި އިލެކްޓްރޯނިކްސްގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ ރީފްސައިޑަށް 40 އަހަރު ފުރުމުގެ މުނާސަބަތުގައި، ރީފްސައިޑުން ވިއްކާ ހުރިހާ ޕްރޮޑަކްޓަކުން ވެސް ޑިސްކައުންޓް ލިބޭ ސޭލްއެއް ފަށައިފިއެވެ.
ނަވާރަސަތޭކަ ހަތްދިހަ ހަވަނަ އަހަރު، ފަތުރުވެރިންނަށް ސުވެނިއާ އަދި ގަޑި ވިއްކުމަށްޓަކައި ހުޅުވި ފިހާރައަކާ އެކު ރީފްސައިޑު ފަށައިގަތްތާ 40 އަހަރުވީ މިއަހަރުގެ ޖުލައި މަހުއެވެ.
ރީފްސައިޑުގެ މާކެޓިންގް އެގްޒެކެޓިވް އަހުސަން މީޑިއާއަށް މައުލޫމާތު ދެއްވަނީ -- ސަން ފޮޓޯ/ އަހްމަދު ޝަރުވާން
ރީފްސައިޑުގެ މާކެޓިންގް އެގްޒެކެޓިވް މުހައްމަދު އަހުސަން މިއަދު ވިދާޅުވީ ޑިސެމްބަރު 15 އިން އަންނަ އަހަރުގެ ފެބްރުއަރީ 15ގެ ނިޔަލަށް ކުރިޔަށް ގެންދާ ރީފްސައިޑް އެނިވާސަރީ ސޭލްގައި އެކުންފުނިން ބޭނުންވަނީ ކޮންމެ ކަސްޓަމަރަކަށް ވެސް ކޮންމެވެސް ކަހަލަ ހަދިޔާއެއް ދިނުމަށް ކަމަށެވެ.
"ބޮޑަށް ބަލާފައިވާނީ ކޮންމެ ކަސްޓަމަރަކަށްވެސް ކޮންމެވެސް ކަހަލަ ހަދިޔާއެއް ދިނުމަށް. ހުރިހާ ޕްރޮޑަކްޓަކުންވެސް ޑިސްކައުންޓް ރޭޓުތައް ވަނީ ކަނޑައަޅަފައި،" އޭނާ ވިދާޅުވިއެވެ.

ރީފްސައިޑުގައި 40 ވަނަ އަހަރީ ދުވަހުގެ ސޭލް ކުރިޔަށް ދަނީ -- ސަން ފޮޓޯ/ އަހްމަދު ޝަރުވާން
ރީފްސައިޑް އެނިވާސަރީ ސޭލްގެ ދަށުން، އެކުންފުނީގެ ފިހާރަތަކުން ވިއްކާ ގަޑި، ޓީވީ، ހޯމް އެޕްލަޔަންސެސްއިން ފެށިގެން ގޮސް، ހުރިހާ ރޭންޖެއްގެ އިލެކްޓްރޯނިކް ސާމާނުންވެސް 10 ޕަސަންޓާއި 40 ޕަސަންޓުގެ ޑިސްކައުންޓްތަކެއް ލިބިގެން ދާނެ ކަމަށެވެ.
ރީފްސައިޑަކީ ސޮނީއާއި އެލްޖީ ފަދަ، ދުނިޔޭގެ ނަން މަޝްހޫރު އަދި މަގުބޫލު އިލެކްޓްރޯނިކް ބްރެންޑުތަކުގެ، ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ.