ރީފްސައިޑާއެކު އެލްޖީ ބްރޭންޑު ރަސްމީކޮށް ރާއްޖެއަށް!

އެލްޖީ ކުންފުނީގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރުކަމަށް ރީފްސައިޑު ހަމަޖެއްސުމުގެ އެއްބަސްވުމުގައި ސޮއިކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދެކުނު ކޮރެޔާގެ މަޝްހޫރު ޓެކްނޮލޮޖީސް ކުންފުނި އެލްޖީގެ، ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރުގެ ގޮތުގައި ރީފްސައިޑް ހަމަޖައްސައިފި އެވެ.

ހޮޓެލް ޖެންގައި މިއަދު ކުރިޔަށް ދިޔަ ރަސްމިއްޔާތެއްގައި، އެލްޖީ ކުންފުނިން ވަނީ އެ ކުންފުނީގެ ރާއްޖޭގެ ޕާޓްނަރުކަމަށް ރީފްސައިޑު ހަމަޖައްސައި، އެކަމުގެ އެއްބަސްވުމުގައި ސޮއި ކޮށްފަ އެވެ. އެއްބަސްވުމުގައި ސޮއި ކުރެއްވީ އެލްޖީ އިލެކްޓްރޯނިކްސް ސިންގަޕޫރުގެ މެނޭޖިންގް ޑިރެކްޓަރު ޕާކް ޔުން ޗުލް އަދި ރީފްސައިޑުގެ މެނޭޖިންގް ޑިރެކްޓަރު ހަސަން ޒާހިރެވެ.

ރީފްސައިޑުން ރާއްޖެއަށް އެލްޖީ ބްރޭންޑު ރަސްމީކޮށް ލޯންޗުކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މީގެ ކުރީގައި ވެސް އެލްޖީގެ އިލެކްޓްރޯނިކް ޕްރޮޑަކްޓްތައް ރާއްޖޭގެ ބާޒާރުގައި ހުރި ނަމަވެސް، އެ ބްރޭންޑު ރާއްޖެއަށް ރަސްމީކޮށް ތައާރަފު ކޮށްފައެއް ނުވެ އެވެ.

މިއަދު އޮތް ރަސްމިއްޔާތުގައި، އެލްޖީގެ ރާއްޖޭގެ ޕާޓްނަރު ރީފްސައިޑުން ވަނީ އެލްޖީގެ ޕްރޮޑަކްޓް ލައިނުގެ ޕްރޮޑަކްޓްތަކެއް ރާއްޖެއަށް ތައާރަފު ކޮށްފަ އެވެ. އޭގެ ތެރޭގައި، އެލްޖީ އޮލެޑް 4ކޭ ޓީވީ ހިމެނެ އެވެ. މި ޓީވީއަކީ ފުރިހަމަ ކަޅު ކުލަ އާއި ސިނަމެޓިކް ކޮށް އެހެން ކުލަތައް ދައްކައިދޭ ޓީވީ އެކެވެ.

މީގެ އިތުރުން، އެލްޖީ ބްރޭންޑުގެ އޮޓޮމެޓިކް ދޮންނަ މެޝެނާއި ރެފްރިޖަރޭޓަރގެ އިތުރުން އެލްޖީ އެއާކޮންޑިޝަނަރ ވެސް މިއަދު ވަނީ ރާއްޖެއަށް ރަސްމީކޮށް ތައާރަފު ކޮށްފަ އެވެ.

ރީފްސައިޑުން ރާއްޖެއަށް އެލްޖީ ބްރޭންޑު ރަސްމީކޮށް ލޯންޗުކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރީފްސައިޑުން ބުނާ ގޮތުގައި، އެލްޖީގެ ޕްރޮޑަކްޓްތަކާއި، ރީފްސައިޑުގެ ހުރިހާ ޕްރޮޑަކްޓްތަކަށް ވެސް އޮފިޝަލް ވޮރަންޓީ އާއި އާފްޓަ ސޭލްސް ސާވިސް ފޯރުކޮށްދޭނެ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރީފްސައިޑުގެ އެގްޒެކެޓިވް ޑިރެކްޓަރު އަނަސް ހަސަން ވިދާޅުވީ ރީފްސައިޑުން އެލްޖީއާ އެކު ޕާޓްނަރޝިޕް ހެދުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

"މިއީ ވަރަށް ބޮޑު މައިލްސްޓޯނެއް ރީފްސައިޑަށް ލިބުނު. ކީއްވެގެންތޯ އެލްޖީ؟ އެލްޖީއިން އޮފާކުރާ ޕްރޮޑަކްޓްތަކަށް ބައްލަވައިލުމުން އޭގެ ޖަވާބު ލިބިވަޑައިގަންނަވާނެ،" އަނަސް ވިދާޅުވި އެވެ.

ރީފްސައިޑުން ރާއްޖެއަށް އެލްޖީ ބްރޭންޑު ރަސްމީކޮށް ލޯންޗުކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޭނާ ވިދާޅުވީ ރީފްސައިޑުން ކަސްޓަަމަރުންނަށާއި ކޯޕަރޭޓް ކްލަޔަންޓުންނަށް ވެސް ސޮލިއުޝަންތައް ފޯރުކޮށްދޭ ކަމަށެވެ. އަދި އެލްޖީގެ ޕްރޮޑަކްޓްތައް ބައްލަވައިގަންނަ ކޯޕަރޭޓް ކްލަޔަންޓުންނާ އެކު ސާވިސް ކުރުމުގެ ކޮންޓްރެކްޓު ވެސް ރީފްސައިޑުން ހަދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ އެލްޖީއަކީ އީޖާދީ އަދި ތަފާތު ކުންފުންޏެއް ކަމަށާއި އެ ބްރޭންޑަކީ ދިވެހީންގެ ހަޔާތް ފުރިހަމަކޮށް ދޭ ޕްރޮޑަކްޓްތަކެއް އުފައްދާ ބްރޭންޑެއް ކަމަށެވެ.

ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"އެލްޖީއަކީ ރާއްޖެއަށް އާ ބްރޭންޑެއް ނޫން. ނަމަވެސް މި ބްރޭންޑު ރާއްޖެއަށް ރަސްމީކޮށް ލޯންޗު ކުރެވުމަކީ އެ ބްރޭންޑުގެ ޕްރޮޑަކްޓްތައް ދިވެހީންނަށް އެލްޖީގެ އެންމެ ފުރިހަމައަށް ލިބޭނެ ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވަނީ ރީފްސައިޑު ކުންފުންޏަށް ތައުރީފުގެ ބަސްތަކެއް ވެސް ވިދާޅުވެފަ އެވެ. މިނިސްޓަރު ވިދާޅުވީ ކުޑަ ސުވެނިއާ ފިހާރައަކުން ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުންޏަށް ރީފްސައިޑު ބަދަލުވެގެން ދިޔައީ، މިދިޔަ 40 އަހަރު ދުވަހު އިޚްލާސްތެރިކަމާއި ބުރަ މަސައްކަތާ އެކު ކާމިޔާބު ހޯދައިގެން ކަމަށެވެ.

އަދި މިއީ މިއަދުގެ ޒުވާނުންނާއި ވިޔަފާރިވެރިންނަށް އޮތް ނަމޫނާއެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް